ފުރަތަމަ ސަފްޙާ / ޚަބަރު / ފެނާންޑޭޒް: 6 އަހަރަށް ފަހު ޔުނައިޓެޑް ހަމައިސްކޮޅަށް އުފުލާލި ހުނަރުވެރިޔާ!

ފެނާންޑޭޒް: 6 އަހަރަށް ފަހު ޔުނައިޓެޑް ހަމައިސްކޮޅަށް އުފުލާލި ހުނަރުވެރިޔާ!

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 4 އެޕްރީލް 2020

މިދިޔަ މާޗް މަހުގެ އަށް ވަނަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑުން ވާދަވެރި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އޯލްޑް ޓްރެފޯޑް ގައި ކުޅުނު މެޗު ނިމެން ގާތްވެފައި ވަނިކޮށް ސިޓީގެ ކާމިޔާބު ކޯޗް ޕެޕް ގާޑިއޯލާ އާއި ޔުނައިޓެޑަށް މިއަހަރު އަލަށް ގެނައި ޕޯޗުގަލްގެ ތަރި ބްރޫނޯ ފެނާންޑޭޒްއާ ދެމެދު ބަދަލުކުރި ބަހުގެ ހަމަލާތަކަށްފަހު ގާޑިއޯލާއަށް ނިސްބަތްކޮށް އަތުގެ އިޝާރާތުން ވާހަކަ ނުދެއްކުމަށް އެންގުން ވެގެންދިޔައީ ފެނާންޑޭޒްއަށް ބަތަލެއްގެ ދަރަޖަ ޔުނައިޓެޑްގެ ސަޕޯޓަރުން ދިން ކަމަކަށެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިން 47 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ދަނޑުމަތީގައާއި ދަނޑުން ބޭރުގައި ފެނާންޑޭޒް ވަނީ ތަފާތު ދައްކައި އޭނާ ޔުނައިޓެޑަށް ބަދަލުވި ފަހުން ޔުނައިޓެޑް ކުޅެމުން އައި މެޗުތަކުން ބަލިނުވުމުގެ ސިލްސިލާ ދެމެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ފެނާންޑޭޒް އާއި ގާޑިއޯލާއާ ދެމެދު ހިނގި ހަމަނުޖެހުމުގެ ތެރެއިން

މެންޗެސްޓަރ ޔުނައިޓެޑްގެ ކާމިޔާބީތަކުގެ ބާނީ، ސަރ އެލެކްސް ފާގަސަން 2013 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމް ދޫކޮށްލި ފަހުން ޔޫރަޕްގެ ބޮޑެތި ޓީމްތަކާ ވާދަކުރެވޭ ފެންވަރުގެ ޓީމެއް އެކުލަވާލުމަށް ޔުނައިޓެޑްގެ މަސްއޫލުވެރިން ވަނީ ބޮޑެތި ހަރަދުތަކެއްކޮށް ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެނެސްފަ އެވެ. އެކަމަކު އެންހެލް ޑި މާރިއާ، ރަޑަމެލް ފަލްކާއޯ އާއި އަލެކްސިސް ސަންޗޭޒް ފަދަ ކުޅުންތެރިންނަށް ސަޕޯޓަރުން ހިތްހަމަޖެހޭ ފެންވަރުގެ ކުޅުމެއް ޔުނައިޓެޑްގެ ޖާޒީގައި ދެއްކިފައެއްނުވެ އެވެ. ކަން އެހެން އޮއްވައި މިދިޔަ ދެ ސީޒަންގައި ވެސް ޕޯޗުގީޒް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފެނާންޑޭޒް މިވަނީ ހައެއްކަ އަހަރު ވަންދެން ބޮޑު މާޔޫސްކަމެއްގައި ތިބި ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އުއްމީދެއް ގެނެސްދީފަ އެވެ. މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑަށް ބަދަލުވުމަށް ފަހު މިހާތަނަށް ފެނާންޑޭޒް ކުޅުނު ނުވަ މެޗުގައި ދެއްކި މޮޅު ކުޅުމާއެކު އޭނާ ވަނީ އެޓީމުގެ ސަޕޯޓަރުންގެ ހިތް އަތުލާފަ އެވެ. ޔުނައިޓެޑްގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި ފާގަސަން ރިޓަޔާ ކުރިފަހުން އެމީހުން ބޭނުންވި ފެންވަރުގެ ކުޅުމެއް ދެއްކި ހަމައެކަނި ކުޅުންތެރިއަކީ ފެނާންޑޭޒް އެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް މެދުކަނޑާލައިފައި ވާއިރު އެންމެ ފޯމްގައި ހުރި ކުޅުންތެރިއަކީ ފެނާންޑޭޒްއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ފެނާންޑޭޒް ޔުނައިޓެޑް ތާރީހީ ޖާޒީގައި ދައްކަމުންގެންދާ މޮޅު ކުޅުމުގެ ސަބަބުން ޔުނައިޓެޑަށް ވަފާތެރި ސަޕޯޓަރުން ވަނީ އޭނާއަށް ނިސްބަތްކޮށް މެޗްތަކުގައި ކިޔުމަށް ހާއްސަ ލަވައެއް ވެސް ހަދައިފަ އެވެ. މިއީ ސަޕޯޓަރުން ހިތްހަމަޖެހޭ ފެންވަރުގެ ހުނަރުވެރި ކުޅުމެއް ކުޅުންތެރިއެއްގެ ކިބައިން ފެނިއްޖެ ނަމަ ޕްރިމިއާ ލީގުގައި ކުޅޭ ޓީމްތަކުގެ ވަފާތެރި ސަޕޯޓަރުން އާއްމުކޮށް ކުރަމުން އަންނަ ކަމެކެވެ. މީގެ ކުރިން ޕޯޗުގަލް އަދި ޔުނައިޓެޑްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑްގެ ރަތް ޖާޒީގައި އޭނާގެ ހުނަރު “ތިއޭޓަރ އޮފް ޑްރީމްސް” ގައި ދައްކަމުން ދިޔައިރު “ވީވާ ރޮނާލްޑޯ” ލަވަ ޔުނައިޓެޑް ސަޕޯޓަރުން މެޗުތަކުގައި ކިޔައިފައިވެ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވާދަވެރި ލިވަޕޫލް އަތުންނާއި ބާންލީ އަތުން ޔުނައިޓެޑް ބަލިވުމާއި ގުޅިގެން ދުނިޔޭގެ އެންމެ ބޮޑެތި ކްލަބްތަކުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑްގެ ބެންޗުގައި ކޯޗެއްގެ ގޮތުގައި އޮލެ ގުނަ ސޯލްޝެއާ އިރުޝާދުދޭން އިނުމާމެދު ގިނަބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުން ފެށިގެން ޔުނައިޓެޑަށް ގެންނަން މަސައްކަތްކުރަމުން އައިކަމަށް މީޑިއާތަކުގައި އަޑުފެތުރުނު ފެނާންޑޭޒް މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާ ގުޅުން ވެގެންދިޔައީ ކުޅުންތެރިއެއްގެ ގޮތުގައި އެތައް ކާމިޔާބީތަކެއް ޔުނައިޓެޑަށް ހޯދައިދީފައިވާ ސޯލްޝެއާގެ މާގާމާ ގުޅިގެން އަމާޒުވަމުން އައި ފާޑުކިއުންތައް ދިފާއުކޮށް އެއަށް ރައްދު ދިނުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

ޕޯޗުގަލްގެ ސްޕޯޓިން އަށް ގޯލެއް ޖަހައިދިނުމަށް ފަހު ފެނާންޑޭޒް އުފާފާޅުކުރަނީ. ޔުނައިޓެޑަށް ބަދަލުވުމަށް ފަހު އަންނަނީ މޮޅު ކުޅުމެއް ދައްކަމުން

ޕޯޗުގީޒް ކަޕާއި ޕޯޗުގީޒް ލީގު ކަޕް ދެ ފަހަރު ސްޕޯޓިން ލިޒްބަންގެ ޖާޒީގައި ކުޅެ އެޓީމަށް ހޯދައިދީފައިވާ 25 އަހަރުގެ ފެނާންޑޭޒް ވަނީ އެ މުއްދަތުގައި ސްޕޯޓިން އަށް 39 ގޯލް ޖަހައިދިނުމުގެ އިތުރުން 28 ގޯލްޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ފެނާންޑޭޒް ޔުނައިޓެޑާ ގުޅުނު ފަހުން ފެބްރުއަރީ މަހުން ފެށިގެން ސީޒަން މެދުކަނޑާލުމާއި ހަމައަށް ކުޅުނު ނުވަ މެޗްގެ ތެރެއިން ޔުނައިޓެޑް ވަނީ ހަ މެޗު ކާމިޔާބުކޮށް އަނެއް ތިން މެޗް އެއްވަރުކޮށްފަ އެވެ. މި ނުވަ މެޗުގައި ބައިކޮޅަށް އެންމެ ދެ ލަނޑު ވަދެފައިވާއިރު ޖުމްލަ 22 ގޯލް ޔުނައިޓެޑުން ވަނީ ޖަހާފަ އެވެ. އެ މުއްދަތުގެ ތެރޭގައި ޔުނައިޓެޑުންވަނީ ހަތަރު ވަނައިގައި އޮތް ޗެލްސީއާ ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށް އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގެ ޖާގައަކާ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

ޔޫރޮޕާ ލީގުގައި ފެނާންޑޭޒް ޔުނައިޓެޑަށް ގޯލު ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ

ޔުނައިޓެޑާއި ގުޅުމަށް ފަހު މިހާތަނަށް ފެނާންޑޭޒް ކުޅުނު މެޗުތަކުގައި އޭނާ ވަނީ ދެ ގޯލްޖަހައި އިތުރު ތިން ގޯލް ޖެހުމަށް މަގުފަހިކޮށްދީފަ އެވެ. ޕްރިމިއާ ލީގުގައި ފެނާންޑޭޒް ޔުނައިޓެޑްގެ ޖާޒީގައި ދެއްކި ހުނަރުވެރި މޮޅު ކުޅުމުގެ ސަބަބުން ޕްރިމިއާ ލީގުން ކޮންމެ މަހަކު ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފެބްރުއަރީ މަހު އޭނާ ވަނީ ހާސިލްކޮށްފަ އެވެ.

ޔުނައިޓެޑްގައި ފެނާންޑޭޒް ދައްކަމުންދާ ތަފާތު ކުޅުމުގެ ސަބަބުން ޔުނައިޓެޑްގެ ކާމިޔާބު ކެޕްޓަން ރޯއީ ކީން ދަނޑުމަތީގައި ދެއްކި ހިތްވަރާއި މޮޅުވުމުގެ އަޒުމް އަދި ދުނިޔޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރު ޕައުލް ސްކޯލްސްގެ ކިބައިން ފެނުނު މޮޅެތި ޕާސްތަކާއި ޔުނައިޓެޑްގެ ކުރީގެ ތަރި އެރިކް ކެންޓޯނާގެ ބޯޅަ ގެންގުޅުމުގެ ހުނަރުތައް ފެނާންޑޭޒް ދަނޑުމަތީގައި ދައްކަމުންދާ ޖާދޫއިން ސިފަވަމުން އަންނަކަމަށް ފުޓްބޯޅަ ބެލުންތެރިންނާއި ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކޮށް ފެނާންޑޭޒް އަށް ހިފެހެއްޓުމެއްނެތި ތައުރީފްކުރަން ވަނީ ފަށައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!