އަހުމަދު ރިޒުވާން (ރިޒޭ) ޖެހި 10 ގޯލާއެކު ވިލިމާލެ ޔުނައިޓެޑް ބަލިކޮށް މިއަހަރުގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކްލަބް އީގަލްސް އިން ހޯދައިފި އެވެ. މިރޭގެ މެޗު އީގަލްސް އިން ކާމިޔާބުކުރީ 12-0 އިންނެވެ.
ގޯލު ޖެހުމުގެ އާދަޔާހިލާފު ހުނަރެއް ލިބިފައިވާ ރިޒޭ މިރޭ ޖެހި 10 ގޯލާއެކު އޭނާ މިހާރު ވަނީ ސީޒަނުގައި މިހާތަނަށް 38 ގޯލު ޖަހައިފަ އެވެ. އަނެއްކޮޅުން ސީޒަނުގައި އީގަލްސް އަށް ކުޅެދިން 21 މެޗުގައި ރިޒޭ މިހާރު މިވަނީ އަށް ހެޓްރިކް ހަދައިފަ އެވެ. މިދިޔަ ސީޒަނުގައި 33 ގޯލާއެކު ލަނޑު ލިސްޓުގެ ދެ ވަނަ ލިބުނު ރިޒޭ މި ސީޒަނުގެ ލަނޑު ލިސްޓުގައި އުޅެނީ އެއް ވަނައިގަ އެވެ. ސީޒަނުގައި ބާކީ މަދު މެޗުތަކެއް ހުރިއިރު ދެ ވަނައިގައި 26 ގޯލާއެކު އޮތް އަލީ އަޝްފާގް (ދަގަނޑޭ) އަށް ރިޒޭ އަތުލުން ވާނީ އުނދަގޫ ކަމަކަށެވެ. ދަގަނޑޭގެ މައްޗަށް ކުރި ހޯދައިފި ނަމަ މި ސީޒަން ވެގެންދާނީ ހުނަރުވެރި މި ކުޅުންތެރިޔާ އަށް ރަން ބޫޓު ކަށަވަރުވާ ފުރަތަމަ ފަހަރަށެވެ. ސީޒަނުގައި ބާކީ އޮތީ އެފްއޭ ކަޕްގެ ތިން މެޗާއި ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ހަތަރު މެޗާއެކު ޖުމްލަ ހަތް މެޗެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ތިން ގޯލުގެ ލީޑަކުން އީގަލްސް ކުރީގައި އޮވެގެންނެވެ. މެޗުގައި އީގަލްސް އިން ބާކީ ގޯލުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ރިޒޭ ދެ ގޯލު ޖެހިއިރު ދެ ވަނަ ހާފުގައި އޭނާ ވަނީ އަށް ގޯލު ޖަހައިފަ އެވެ. މިރޭ 10 ގޯލު ޖެހިއިރު ރިޒޭ އަށް ވަނީ ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ވެސް ލިބިފަ އެވެ. ރިޒޭގެ އިތުރުން އީގަލްސްގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ބިދޭސީ މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އެވެ.
https://www.facebook.com/fahuminet/photos/a.1753563491332424/2916788711676557/?type=3&__xts__%5B0%5D=68.ARD-MlHmoulRySDT-svzwkfWRMyVI5V9t8x7WHRnpRqR293nCzfcn_HApWrUMATvVycJakuv5IEo0ahOsnUhYdSXoCZIVScXMZwKd8Eht0TKfgR8uPKNG2Jo_lR4QuhCnh2SNS2Qjcj0WDPL757dDEf2Etj2nl-XQ4ccfG1ySUmFV83_hslqDwnmS4kiHPhxpshEx0Ct1TP6sKB2ITZiDK-Z3cXqTrI00sezpC_xVt_xe1Lqcog4D0PRWsmXjma-_4fEYSk4J4WHLYQXSJu0JwXSAj_mkpgMHVLMZ8H04viZXa7kK8W5TtPXweIUB68neVtPxo6nwcektR1ZnxfZzrkz_HtP&__tn__=-R
ރިޒޭގެ 10 ގޯލާއެކު އޭނާ ވެފައިވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި އެއް މެޗެއްގައި ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. މި ރެކޯޑް އޮތީ 2009 ވަނަ އަހަރުގެ ލީގުގައި ލ. ކަލައިދޫ އަތުން ވީބީ އައްޑޫ އެފްސީ 20-0 އިން މޮޅުވި މެޗުގައި 12 ގޯލު ޖެހި ދަގަނޑޭގެ އަތުގަ އެވެ. ދެ ވަނައިގައި އޮތީ 2016 ވަނަ އަހަރުގެ ތިން ވަނަ ޑިވިޝަނުގައި ވެލިއެންޓް ސްޕޯޓްސް ކްލަބާ ވާދަކޮށް 36-0 އިން ވީކޭ ސްޕޯޓްސް ކްލަބް މޮޅުވި މެޗުގައި 11 ލަނޑު ޖެހި އަހުމަދު ހަލީމް އަތުގަ އެވެ. ލިސްޓުގެ ތިން ވަނަ ރިޒޭ ހިއްސާކުރަނީ 2001 ވަނަ އަހަރު އެފްއޭ ކަޕްގައި އޯޝަންސް އަތުން 22-0 އިން އައިއެފްސީ މޮޅުވި މެޗުގައި 10 ގޯލު ޖެހި ކުރީގެ މަޝްހޫރު ފޯވާޑް އާދަމް އަބްދުއްލަތީފް (ލައްޗޭ) އާ އެވެ.
ކ. ދިއްފުށްޓަށް އުފަން އުމުރުން 24 އަހަރުގެ ރިޒޭ ވަނީ 2018 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ގިނީސް ވޯލްޑް ރެކޯޑްސްގައިވާ ދުނިޔޭގެ ރެކޯޑަކާ ހަމަކޮށްފަ އެވެ. އެ އަހަރު ޖެހިޖެހިގެން ފަސް މެޗުގައި 16 ގޯލު ޖެހިއިރު ޖެހިޖެހިގެން ހެޓްރިކް ހެދީ ތ. ތިމަރަފުށި، ބ. ފެހެންދޫ، ށ. ފޯކައިދޫ އަދި ފ. ނިލަންދޫއާ ދެކޮޅަށް ކުޅުނު ދެ މެޗުގަ އެވެ.
ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަހަރުގެ އެފްއޭ ކަޕް ކުއާޓާ ފައިނަލުން ފެށިއިރު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ވަނީ 13-0 އިން ކްލަބް އޭދަފުށި ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް މާޒިޔާއިން ކުރި ހޯދިއިރު މިއަދު ހަވީރު ކުޅުނު ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ވަނީ 3-0 އިން ށ. ފޯކައިދޫ ފުޓްބޯޅަ ޓީމު ބަލިކޮށްފަ އެވެ.
އެފްއޭ ކަޕްގެ ފަހުގެ ތާރީހުގައި އެންމެ ތަފާތު ބޮޑު ނަތީޖާއެއް ނުކުތީ 2017 ވަނަ ކްލަބް ގްރީން ސްޓްރީޓްސް އާއި ކޮންފެރޭ ވާދަކުރި މެޗުގަ އެވެ. އެ އަހަރު ގްރީން ސްޓްރީޓްސް އިން ކޮންފެރޭ ބަލިކުރީ 16-1 އިންނެވެ. މި ސީޒަނުގައި ތަފާތު ބޮޑުކޮށް ނަތީޖާ ނުކުތް އެހެން މެޗަކަށް ބަލާއިރު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އިން 13-0 އިން ފ. ނިލަންދޫ ސްޕޯޓްސް ކްލަބް ބަލިކުރި މެޗު ފާހަގަކޮށްލެވެ އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު މާޒިޔާ އާއި ދަ ގްރާންޑޭ ވާދަކުރާއިރު ދެ ވަނަ ސެމީގައި އެރޭ އީގަލްސް އާއި ޓީސީ ވާދަކުރާނެ އެވެ.