Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އެފްއޭ ކަޕްގެ 13 ވަނަ ތައްޓާ އެކު ނިއުގެ އެނބުރި އައުން ރަނުން ފަވައިފި
އެފްއޭ ކަޕްގެ 13 ވަނަ ތައްޓާ އެކު ނިއުގެ އެނބުރި އައުން ރަނުން ފަވައިފި
ނިއު ރޭޑިއަންޓުން އެފްއޭ ކަޕް ކާމިޔާބުކުރުން. ފޮޓޯ: އެފްއޭއެމް

އެފްއޭ ކަޕްގެ 13 ވަނަ ތައްޓާ އެކު ނިއުގެ އެނބުރި އައުން ރަނުން ފަވައިފި

ފަހުމިނެޓް
ފަހުމިނެޓް
7 ގަޑިއިރު ކުރިން 18 އެޕްރީލް 2026

ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 13 ވަނަ ފަހަރަށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުން ނިއު ރޭޑިއަންޓް މޮޅުވީ 0-3 އިންނެވެ. 

ނިއު މި ސީޒަނުގައި އެނބުރި ފުރަތަމަ ޑިވިޝަނަށް އައީ މެދުކެނޑުމަކަށް ފަހު އެވެ. އެގޮތުން، މާލީ މައްސަލަތަކާ ހެދި މިދިޔަ އަހަރުތަކުގައި ނިއު އަށް ވަނީ ސަސްޕެންޝަނެއް ވެސް އައިސްފަ އެވެ. އެކަމަކު ފުރަތަމަ ޑިވިޝަނުން ލިބުނު ފުރުސަތުގައި ނިއު އިން މިފަހަރު އެކުލަވާލީ ވަރުގަދަ ޓީމެކެވެ. 

މިރޭގެ މެޗުގައި ނިއުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން 21 ވަނަ މިނެޓުގައި ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. ނިއުގެ އަނެއް ދެ ގޯލު ޖެހީ ބިދޭސީ ފޯވާޑް އަލްހާޖީ ގެރޯ އެވެ. ގެރޯ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ޖެހިއިރު ފަހު ގޯލު ޖެހީ 82 ވަނަ މިނެޓުގަ އެވެ. 

ނިއުގެ ސެންޓޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. މުބާރާތުގައި ސެންޓޭ ތިން މެޗުގައި 7 ގޯލު ޖެހި. ފޮޓޯ: އެފްއޭއެމް
ނިއުގެ ސެންޓޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. މުބާރާތުގައި ސެންޓޭ ތިން މެޗުގައި 7 ގޯލު ޖެހި. ފޮޓޯ: އެފްއޭއެމް

ނިއު އިން ވަނީ 2017 ވަނަ އަހަރު ވެސް ޓީސީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ އަހަރުގެ ފައިނަލް މެޗު 2-2 އިން އެއްވަރުވުމުން ނިއު އިން ޗެމްޕިއަންކަން ހޯދީ ޕެނަލްޓީގައި 4-2 އިން ކުރި ހޯދައިގެންނެވެ. 

ނިއު އަތުން ބަލިވި ޓީސީ އަށް މިވަނީ އަނެއްކާ ވެސް އެފްއޭ ކަޕްގެ ފައިނަލުގެ ބައްޔާ ކުރިމަތިލާންޖެހިފަ އެވެ. މިއީ ޓީސީ އެފްއޭ ކަޕް ފައިނަލުގައި ބަލިވި ތިން ވަނަ ފަހަރެވެ. މިރޭގެ އިތުރުން 2017 ވަނަ އަހަރު ނިއު ރޭޑިއަންޓް އަތުން 2016 ވަނަ އަހަރު ވެލެންސިއާއާ ވާދަކޮށް އެޓީމު ފައިނަލުގައި ބަލިވި އެވެ. 

ދަގަނޑޭ އެފްއޭ ކަޕް ތައްޓާ އެކު. އަނިޔާއިން އެނބުރި އައިސް ނިއުގައި މުހިއްމު ދައުރެއް އަދާކުރި. ފޮޓޯ: އެފްއޭއެމް
ދަގަނޑޭ އެފްއޭ ކަޕް ތައްޓާ އެކު. އަނިޔާއިން އެނބުރި އައިސް ނިއުގައި މުހިއްމު ދައުރެއް އަދާކުރި. ފޮޓޯ: އެފްއޭއެމް

ނިއު ފުރަތަމަ ޑިވިޝަނަށް އެނބުރި އައުން ވަރުގަދަކުރިއިރު، އެފްއޭ ކަޕްގެ ޗެމްޕިއަންކަން އެޓީމު ހޯދީ ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. އަނެއްކޮޅުން އެޓީމުގެ އެޓޭކް ފެނުނީ މުބާރާތުގައި ވަރަށް ވަރުގަދަކޮށެވެ. 

އެފްއޭ ކަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ސެންޓޭ އެވެ. ތިން މެޗުގައި ސެންޓޭ ވަނީ 7 ގޯލު ޖަހައިފަ އެވެ. އަދި އެޓީމުގެ ގެރޯ 5 ގޯލު ޖެހި އެވެ. 

https://fahuminet.com/tournaments/fa-cup-2026

މިރޭގެ ފައިނަލާ އެކު ފުޓްބޯޅަ ސީޒަން ވަނީ ނިމިފަ އެވެ. ރާއްޖޭގައި ފުޓްބޯޅަ މެދުކެނޑިފައި އޮތްތާ ގާތްގަނޑަކަށް ދެ އަހަރު ފަހުން އަލުން ސީޒަން ފަށައި ކާމިޔާބުކަމާ އެކު މިވަނީ ނިންމާލައިފަ އެވެ. 

ނިމުނު ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރި އޮޑި ސްޕޯޓްސް ކްލަބެވެ. 

ކޮމެންޓްސް

Matches
5
Ongoing
5
Upcoming
Settings