އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ޕެނަލްޓީ ޖަހައިގެން 8-7 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް މާޒިޔާ މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ ޖާގަ ހޯދައިފި އެވެ. މިރޭގެ މެޗުގެ ފުރިހަމަ ވަގުތާ އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު ދެޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ.
ސެމީ ފައިނަލުގައި މާޒިޔާ ވާދަކުރާނީ މާދަމާ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމު ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. ސެމީގެ ފުރަތަމަ ޖާގަ ހޯދީ މިއަދު ހަވީރު ކްލަބް އޭދަފުށި 13-0 އިން ބަލިކުރި ޓީސީ ސްޕޯޓްސް ކްލަބެވެ. ޓީސީ ސެމީގައި ނުކުންނާނީ މާދަމާ ރޭ ކްލަބް އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މިއީ މި ސީޒަނުގެ ލީގުގައި ށ. ފޯކައިދޫ ފުޓްބޯޅް ޓީމަށް އިރުޝާދުދިނުމަށް ފަހު ދާދިފަހުން ގްރީން ސްޓްރީޓްސްގެ ކޯޗުކަމާ އަލީ ނިސްތާރު މުހައްމަދު ހަވާލުވިފަހުން އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ނިސްތާރުގެ ކޯޗުކަމުގައި މިރޭ މާޒިޔާއާ ދެކޮޅަށް ގްރީން ސްޓްރީޓްސް އިން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. ލީގުގެ ފުރަތަމަ ބުރުގައި ނިސްތާރުގެ ކޯޗުކަމުގައި ފޯކައިދޫ ޓީމު ވަނީ މާޒިޔާއާ 0-0 އިން އެއްވަރުކޮށްފަ އެވެ.
ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރި އަސަދުﷲ އަބްދުﷲ އާއި އަނިޔާއިން އެއްކޮށް ރަނގަޅުވެފައިނުވާ ނާއިޒް ހަސަން މިރޭ ނުކުޅޭއިރު ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ވެސް ޓީމުގައި މިރޭ މާޒިޔާގެ ޓީމުގައި ހިމަނާފައެއްނުވެ އެވެ.
މިރޭގެ މެޗު ފެށިގެން ދެ ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްގެ ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) ގެ ގޯލުން އެޓީމު ވަނީ ލީޑު ނަގައިފަ އެވެ. ފުލުފުލުގައި އުފެއްދި ދެ ހަމަލާއަކަށް ފަހު ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން (ޔާން) އޭރިޔާ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ އައްމަޑޭ ގޯލުގެ ތެރެއަށް ފޮނުވާލީ މަޑުމަޑުން ބޮލުން ޖަހަ އެވެ. މެޗު އެއްވަރުކުރަން މާޒިޔާ އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ 61 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ޖަހައިދިން ގޯލުންނެވެ. ހިލޭ ޖެހުމަކުން އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް ގައިގައި ޖެހިފައި ނުކުތް ވަގުތު ހަމްޕު ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިފަ އެވެ. ގޯލަށް ފަހު މާޒިޔާ އިން ބޮޑަށް ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރުކުރި ނަމަވެސް ގްރީން ސްޓްރީޓްސްގެ ގޯލުގައި ހުރި މުހައްމަދު ޝަފީއު (ޗެކް) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
1-1 އެއްވަރުވުމުން ކުޅުނު ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސް އަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ މުހައްމަދު އުމެއިރު އެވެ. މެދުތެރެއިން މުހައްމަދު އާރިފް (ބަކާ) ދިން ބޯޅަ ހިފައިގެން ގޮސް މާޒިޔާގެ ޑިފެންޑަރުންނަށް ފުރުސަތެއް ނުދީ އުމެއިރު ބޯޅަ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. ގްރީން ސްޓްރީޓްސް އިން މުހިއްމު މޮޅެއް ހޯދުމާ ގާތްވެފައިވަނިކޮށް މާޒިޔާ އަށް މެޗުގައި ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި މުހައްމަދު އިރުފާން (އިރޭ) ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ފޭދޫ އިއްބެ ފޮނުވާލި ބޯލަށް ގޯލަށް ވަނީ ކީޕަރު ޝަފީއު އަތުގައި ޖެހިފަ އެވެ. ފަހު ވަގުތު ގޯލު ވަނުމުން ގްރީން ސްޓްރީޓްސްގެ މުޅި ޓީމުގެ ފަރާތުން ފެނުނީ މާޔޫސްކަމެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގައި މާޒިޔާ އިން ހަ ޕެނަލްޓީ ވެސް ވައްދާލިއިރު ގްރީން ސްޓްރީޓްސް އަށް ވައްދާލެވުނީ ފަސް ޕެނަލްޓީ އެވެ. ގްރީން ސްޓްރީޓްސް މެޗުން ބަލިވީ މެޗުގެ ހަ ވަނަ ޕެނަލްޓީ އަލީ ހަމްދާން ޖެހުމުން މާޒިޔާގެ ކީޕަރު އުވޭސް އަޒީޒީ ހިފެހެއްޓުމުންނެވެ. މެޗުގައި މާޒިޔާގެ ހަ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހަމްޕު، މުހައްމަދު ސާމިރު، ފޭދޫ އިއްބެ، މުހައްމަދު މުޖުތާޒް (މުޖޭ)، އިރޭ އަދި ހުސައިން ނިހާން (ނިހާޓް) އެވެ. ގްރީން ސްޓްރީޓްސްގެ ފަސް ޕެނަލްޓި ކާމިޔާބުކޮށްދިނީ ބަކާ، މަހުމޫދު އަލްސެއިދް، މުހައްމަދު ރިސްވާން (ފުކޭ)، އައްމަޑޭ އަދި އަލީ ޝަމާލް އަބްދުﷲ އެވެ.
މިއީ މާޒިޔާ އިން ޕެނަލްޓީ ޖަހައިގެން ޖެހިޖެހިގެން މޮޅުވި ދެ ވަނަ މެޗެވެ. އެޓީމުން ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގްގައި އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ ވެސް ޕެނަލްޓީގައި ބަލިކޮށްފަ އެވެ. ބެންގަލޫރު ބަލިކޮށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން މާޒިޔާ ފުރުސަތު ހޯދިއިރު މި މަހުގެ 11 ވަނަ ދުވަހު އެ މުބާރާތުގައި ރަށުން ބޭރުގައި މާޒިޔާ އިން އިންޑިއާގެ ޗެންނާއި ސިޓީއާ ވާދަކުރާނެ އެވެ. އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު މާޒިޔާ އިން ވަނީ މި ސީޒަނުގެ ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. އެފްއޭ ކަޕުން ކެޓުމުން ސީޒަނުގައި ގްރީން ސްޓްރީޓްސް އަށް ބާކީ އޮތީ ޕްރެޒިޑެންޓްސް ކަޕެވެ.