ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގައި ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކަށަވަރުކޮށްފި އެވެ.
ގަލޮޅު ފުޓްބޯޅަ ސްޓޭޑިއަމްގައި ރޭ ކުރިއަށްދިޔަ މެޗު ޕެނަލްޓީއާ ހަމައަށް ދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެ ޓީު އެއްވަރުވެފައި އޮތުމުންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއިން ނިއު ބަލިކުރީ 5-6 އިންނެވެ.
މާޒިޔާ ސެމީ ފައިނަލަށް އައިސްފައިވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ނިއުރޭޑިއަންޓަށް ސެމީން ޖާގަ ލިބުނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް އަނެއް މެޗު އެއްވަރުވެގެން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
މިއީ 2017 ވަނަ އަހަރުގެ ފަހުން ޕްރެޒިޑެންޓްސް ކަޕް ނިއު އިން ކާމިޔާބުކުރި ފަހުން އެ ޓީު މި މުބާރާތުގައި ކުުނު ފުރަތަމަ ފަހަރެވެ. ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އާއި ނިއު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2015 ވަނަ އަހަރު އޮތް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގަ އެވެ. އެ މެޗްގައި މާޒިޔާއިން ނިއުގެ މައްޗަށް 1-3 އިން ކުރި ހޯދައި މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލިއިރު އެޓީމުގެ ކޯޗަކަށް ހުރީ ރޭ ނިއުއަށް އިރުޝާދު ދޭން ހުރި އަލީ ސުޒޭނެވެ.
ރޭގެ މެޗުގައި ފެނުނު ހަތަރު ގޯލްގެ ތެރެއިން ފުރަތަމަ ދެ ގޯލް މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބުކުރީ މާޒިޔާ އިންނެވެ. މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި ޒުވާން މުހައްމަދު އިލާން އިމްރާން ދިން ބޯޅައެއް ނިއުގެ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރީ އަހުމަދު އައިހަމް (ފަތޯ) އެވެ. މާޒިޔާގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކުރީ އައިހަމް އެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އައިހަމް މި ލަނޑު ނިއުގެ ގޯލަށް ވައްދާލީ މާޒިޔާގެ ހަސަން ނަޒީމް (ޗޯޓު) ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ.
މެޗުގެ ފަހު ހާފަށް ނިއު އިން ނުކުތީ މުހިންމު ބަދަލަކާ އެކު އެވެ. ހަސަން ރާއއިފް އަހްމަދު (ހަންނަ) ގެ ބަދަލުގައި ނިއު އިން ދެވަނަ ހާފު ފެށީ މީގެ ކުރިން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދާފައިވާ އަލީ ފާސިރު (ސެންޓޭ)އާ އެކު އެވެ. ނަތީޖާ އަކަށްވީ ނިއުގެ ހަމަލާތައް ވަރުގަދަވެ ފަހު ހާފުގެ ފުރަތަމަ ފަސް މިނެޓްގެ ތެރޭގައި ނިއުއިން ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރުމެވެ. މި ލަނޑު ނިއުއަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް އަލްހާޖީ ގެރޯ އެވެ.
ނިއުއިން މެޗުގެ ނަތީޖާ ހަމަހަމަކުރި ފަހު ހާފުގައި ކުޅެން ނުކުތް އެ ޓީމުގެ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ) 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެ ލަނޑު މާޒިޔާގެ ގޯލަށް ވައްދާލުމުގެ ކުރިން ނިއުގެ ސެންޓޭ ފޮނުވާލި ބާރު ބޯޅައެއް މާޒިޔާގެ ގޯލްކީޕަރު ހުސައިން ޝަރީފް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ފުރުހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި އޮއްވައި މާޒިޔާއަށް މެޗުން މޮޅުވާން ރަގަޅު ފުރުސަތެއް ލިބުނެވެ. މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ނިއުގެ އޭރިއާގެ ތެރެއިން ފޮނުވާލި ބޯޅަ ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.
މާޒިޔާ އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އިބްރާހިމް އައިސަމް ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. މާޒިޔާއަށް ކުރި ލިބުނީ ނިއުއިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވުމުންންނެވެ. ނިއުއަށް ކުޅެމުން އަންނަ ސިއަރަލިއޯންގެ މިޑްފީލްޑަރު ޔާޔާ ބިލިޓީ އާއި އަލީ އަޝްފާގް (ދަގަނޑޭ) ފޮނުވާލި ޕެނަލްޓީ ވަނީ މާޒިޔާގެ ކީޕަރު ހުސައިން ޝަރީފް މަތަކޮށްފަ އެވެ.
ފައިނަލްގައި މާޒިޔާ ބައްދަލުކުރާނީ މިރޭ އޮޑި ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބް ވާދަކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާ އެވެ.