ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން އެ އަތޮޅު މީދޫ ޖަމިއްޔަތުއް ޞަލާހްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ރާބަދި ޗެލެންޖް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ކްލަބް މޯލްޑިވްސް އިން މާލޭގައި ބާއްވާ ކިންގްސް ކަޕުން ޖާގަ ލިބޭގޮތަށް ހަމަޖެހިއްޖެ އެވެ.
ރާއްޖޭގެ އެންމެ ޝަރަފްވެރި އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕާއި، ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް އަދި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ އެންމެ މަގްބޫލް ފުޓްސަލް މުބާރާތްތަކުގެ ޗެމްޕިއަނުންނަށް ދައުވަތު ދީގެން ކުރިއަށްގެންދާ ކިންގްސް ކަޕުން ރާބަދި ޗެލެންޖްގެ ތަށި ހޯދާ ޓީމަށް ފުރުސަތު ލިބޭ ގޮތަށް ހަމަޖެހުނުކަން އިއުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ މުބާރާތުގެ ގުރު ނެގުމުގެ ކުލަގަދަ ރަސްމިއްޔާތުގަ އެވެ.
މީގެ ދެއަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ ކިންގްސް ކަޕްގައި މިދިޔަ އަހަރު އަށް ޓީމު ވަނީ ވާދަކޮށްފަ އެވެ. އެއީ ކްލަބް މޯލްޑިވްސް ކަޕް 2024 ގެ ފައިނަލްގައި ކުޅުނު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ވެމްކޯ، ކްލަބް މޯލްޑިވްސް ކަޕްގެ ކްލެސިކް 2024 ގެ ޗެމްޕިއަން ކުޅިވަރު ވުޒާރާ އަދި ރިސޯޓް ލީގު 2024 ގެ ޗެމްޕިއަން ޖޯލި މޯލްޑިވްސްގެ އިތުރުން ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލްގައި ވާދަކުރި ދެ ޓީމު ކަމަށްވާ ކާށިދޫ އާއި ނައިވާދޫ، އައްޑޫ ސިޓީގައި ބޭއްވި ޔުނިޓީ ކަޕް 2025 ގެ ޗެމްޕިއަން މައިލޯ ސިޓީ އަދި އޭދަފުށި ފުޓްސަލް ކަޕް 2025 ގެ ޗެމްޕިއަން ސީސީ ސްޕޯޓްސް ކްލަބެވެ.
އެމްޖޭއެސް ރާބަދި ޗެލެންޖްގެ މިފަހަރުގެ މުބާރާތުގައި ރ. އަތޮޅުގެ 16 ރިސޯޓުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި އެންމެ ފަހުން ބޭއްވި ރާބަދި ޗެލެންޖުގެ ސެމީ ފައިނަލްގައި ވާދަކުރި މީދުއްޕަރު ރިސޯޓް އަދި ފާރުފުށި ރިސޯޓް އެންޑް ސްޕާގެ އިތުރުން ނީވާ ދިގަލި މޯލްޑިވްސް އަދި ޔޫ އެންޑް މީ މޯލްޑިވްސް ހިމެނޭއިރު، ގްރޫޕް ބީގައި ހިމެނެނީ މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރި ޖޯލި ބީންގް އަދި ރާޔާ ބައި އެޓްމޮސްފިއާގެ އިތުރުން އަލީލާ ކޮތައިފަރު މޯލްޑިވްސް އަދި ދަ ސްޓޭންޑަޑް އެވެ.
ގްރޫޕްސީގައި އެންމެ ފަހުގެ ރަނާސް އަޕް ކޯރާކޯރާ މޯލްޑިވްސް އަދި ކުޑަފުށި ރިސޯޓް އެންޑް ސްޕާގެ އިތުރުން ހެރިޓެންސް އާރަށް އަދި ރީތިފަރު ރިސޯޓް ހިމެނޭއިރު ގްރޫޕް ޑީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް އަދި އެމެރަލްޑް މޯލްޑިވްސްގެ އިތުރުން އިފުރު އައިލެންމްޑާއި، މާމުނަގައި ރިސޯޓެވެ.
އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މީދުގައި ފަށާގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ރީލްމްން ޗާޓާސް އެވެ. ރ. މީދޫގެ ތަރައްގީއާއި، އިޖުތިމާޢީ ކަންކަމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި މީގެ 46 އަހަރުކުރިން އުފެއްދި މީދޫ ޖަމިއްޔަތުއް ޞަލާހްގެ ފަރާތުން ކުރިއަށްގެންދާ ރާބަދި ޗެލެންޖަކީ ރާއްޖޭގެ ރަށެއްގައި އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއަކުން ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.
