Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އަފްރޯ އާއި އެއިޓީފޯ: ތަރިންނާއި އެދުރުންގެ ކުރިމަތިލުން ނިމޭނީ ކިހިނެއް؟
އަފްރޯ އާއި އެއިޓީފޯ: ތަރިންނާއި އެދުރުންގެ ކުރިމަތިލުން ނިމޭނީ ކިހިނެއް؟
އަފްރޯގެ ފާސިރު ބޯޅަ ހިފައިގެން. ފާސިރަކީ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާ. ފޮޓޯ: އޭދަފުށި ކައުންސިލް

އަފްރޯ އާއި އެއިޓީފޯ: ތަރިންނާއި އެދުރުންގެ ކުރިމަތިލުން ނިމޭނީ ކިހިނެއް؟

ފަހުމިނެޓް
ފަހުމިނެޓް
2 ގަޑިއިރު ކުރިން 26 މާރޗް 2026

އޭދަފުށި ފުޓްސަލް ކަޕްގެ ފައިނަލްގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ އަފްރޯ ސްޕޯޓްސް ކްލަބާއި، މީގެ ކުރިން މި މުބާރާތުގައި މާ ރަނގަޅު ހިސާބަކަށް އާދެވިފައި ނެތް އެއިޓީފޯ އެފްސީ މިރޭ ބައްދަލުކުރާއިރު މި ދެޓީމަކީ ވަރަށް ތަފާތު ކަންތައްތަކެއް ފެންނަން ހުރި ދެޓީމެވެ.

މުބާރާތުގައި ދެ ޓީމު ދައްކާފައިވާ ކުޅުމާއި، ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު މިއީ ފައިނަލްގެ ޖާގަ އެންމެ ހައްގު ދެ ޓީމު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

މިދިޔަ އަހަރުގެ ހިތްދަތިކަން ފިލުވާލަންއަފްރޯ ކެތްމަދުވެފައި

އަފްރޯ ސްޕޯޓްސް ކްލަބަކީ މިހާތަނަށް ބޭއްވި އޭދަފުށި ފުޓްސަލް ކަޕްގެ ހުރިހާ މުބާރާތެއްގެ ފައިނަލްގައި ވާދަކުރި ޓީމެކެވެ. ފުރަތަމަ ދެ އަހަރު މުބާރާތުގެ ތަށި އުފުލާލުމަށްފަހު ޖެހިޖެހިގެން ތިން އަހަރު ތަށި ހޯދަން އެޓީމުން ކުރި މަސައްކަތް މިދިޔަ އަހަރު ނާކާމިޔާބުވީ ފައިނަލްގައި ސީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވުމުންނެވެ.

މިފަހަރުގެ މުބާރާތުގެ ފައިނަލަށް އަފްރޯ އައިސްފައި ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑަކާ އެކު އެވެ. މުބާރާތުގައި އެޓީމު ކުޅުނު ފަސް މެޗުގައި ޖުމްލަ 28 ގޯލް ކާމިޔާބުކޮށްފައިވާއިރު އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ހަ ގޯލެވެ.

އަފްރޯގެ ސައްޓު ބޯޅަ ފޮނުވާލަނީ. ފޮޓޯ: އޭދަފުށި ކައުންސިލް
އަފްރޯގެ ސައްޓު ބޯޅަ ފޮނުވާލަނީ. ފޮޓޯ: އޭދަފުށި ކައުންސިލް

އަފްރޯގެ ފަރާތުން މުބާރާތުގެ ނޮކައުޓް ސްޓޭޖުގައި ފެނުނީ ގްރޫޕް ސްޓޭޖްގައި ކުޅުނު ކުޅުމަށްވުރެ ވެސް ވަރުގަދަ ކުޅުމެކެވެ. މުޅި މުބާރާތުގައި އެ ޓީމުން ޖެހި 28 ގޯލްގެ ތެރެއިން 14 ގޯލަކީ އެޓީމުން ކުއާޓާ ފައިނަލާއި ސެމީ ފައިނަލްގައި ކުޅުނު މެޗުތަކުގައި ޖަހާފައިވާ ގޯލްތަކެވެ. ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ސީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 0-6 އިން ކުރި ހޯދިއިރު އެޓީމުން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލްގައި 4-8 އިން ކޭބަލް ބްރަދާސް ބަލިކުރުމަށްފަހު އެވެ.

މުބާރާތުގައި ވާދަކުރާ އަފްރޯގެ ޓީމު. އެޓީމުގައި ތިބީ ހުސް ތަރިން. ފޮޓޯ: އޭދަފުށި ކައުންސިލް
މުބާރާތުގައި ވާދަކުރާ އަފްރޯގެ ޓީމު. އެޓީމުގައި ތިބީ ހުސް ތަރިން. ފޮޓޯ: އޭދަފުށި ކައުންސިލް

އަފްރޯގެ ސްކޮޑަށް ބަލާއިރު އެޓީމުގައި ރާއްޖޭގެ ނިސްބަތުން ވެސް ފާހަގަކުރެވޭނެ އެންމެ ރަގަޅު ފުޓްސަލް ކުޅުންތެރިން އެބަތިއްބެވެ. އެޓީމުގައި ސާފް ފުޓްސަލް ޗެމްޕިއަންޝިޕުން ރާއްޖެއަށް ރަން މެޑަލްހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އިޝާން އިބްރާހިމް (ސައްޓު) އާއި ރާހިލް އަހްމަދު ރަޝީދު (ރާއްކޮ) ގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އޭދަފުށި ގަވައިދުން ތަމްސީލް ކުރަމުން އަންނަ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި މިމުބާރާތުގައި މިހާތަނަށް 12 ގޯލް ކާމިޔާބުކޮށް ޓޮޕް ސްކޯރާގެ މަގާމު ގާތްގަނޑަކަށް ޔަގީންކޮށްފައިވާ މުހައްމަދު ފާސިރު (ފާއްޓޭ) އާއި ގޯލްކީޕަރުންގެ ގޮތުގައި ތިބި އަބްދުﷲ ނާސިހް އަދި މުހައްމަދު ޝާންގެ އިތުރުން މުއާޒް އަލީ އަދި އުނައިސް ޒުބައިރު ފާހަގަކޮށްލެވެ އެވެ.

އެއިޓީފޯއިން މުބާރާތަށް ގެނުވީ ހައިރާންކަމާއި ސިހުން

މިރޭގެ ފައިނަލްގައި އަފްރޯ އާ ވާދަކުރާ އެއިޓީފޯ އެފްސީ ވެސް ފައިނަލަށް އައީ މެޗަކުން ބަލިނުވެ އެވެ. މުބާރާތުގައި އެއިޓީފޯ އިން މިހާތަނަށް ކުޅުނު ފަސް މެޗުގައި ޖުމްލަ 25 ގޯލް ކާމިޔާބުކޮށްފައިވާއިރު އެ ޓީމު ކޮޕޅަށް 15 ގޯލް ވަނީ ވަދެފަ އެވެ.

އެއިޓީފޯގެ ސުލްތާން ބޯޅަ ހިފައިގެން. ސުލްތާން ވަނީ މީގެކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެފައި. ފޮޓޯ: އޭދަފުށި ކައުންސިލް
އެއިޓީފޯގެ ސުލްތާން ބޯޅަ ހިފައިގެން. ސުލްތާން ވަނީ މީގެކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެފައި. ފޮޓޯ: އޭދަފުށި ކައުންސިލް

އަފްރޯއާ ހިލާފަށް އެއިޓީފޯ އިން މުބާރާތުގެ ފައިނަލަށް އައިސްފައިވަނީ ނޮކައުޓް ސްޓޭޖުގައި ކުޅުނު ދެ މެޗުވެސް ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށްގެންނެވެ. ކުއާޓާ ފައިނަލްގައި އެންމެ ފަހުން އޮތް މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރި އޯލް ވުލްވްސްއާ ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން އެއްވަރުވެފައި އޮތުމާއެކު ޕެނަލްޓީ ޖަހައިގެން އެއިޓީފޯ ކާމިޔާބުކުރީ 4-5 އިންނެވެ. އެއިޓީފޯ އިން މި މުބާރާތުގެ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައި ވަނީ ސެމީ ފައިނަލްގައި މުރިނގު އެފްސީއާ ވާދަކޮށް 4-4 އިން މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި 4-5 އިންމޮޅުވެގެންނެވެ.

އެއިޓީފޯ އިން ފެންނަ އެންމެ ހާއްސަކަމަކީ އެޓީމުގެ ސްކޮޑެވެ. އެ ޓީމުގައި ރާއްޖޭގެ ފުޓްސަލްގެ ނަން މަޝްހޫރު ތަރިންނެއް ނެތެވެ. ޓީމުގައި ގިނައީ އެއް ވަނަ ޑިވިޝަންގެ ފުޓްބޯޅަ ކުޅެ ތަޖުރިބާ ހޯދާފައިވާ ކުޅުންތެރިންނާއި މިހާރު ކޯޗިންގައި ހަރަކާތްތެރިވާ ކުޅުންތެރިންނެވެ.

މުބާރާތުގައި އެޓީމު ތަމްސީލުކުރަމުން އަންނަ ކުޅުންތެރިންނަށް ބަލާއިރު، މުހައްމަދު އަޖުފާން ފާހަގަކޮށްލެވެއެވެ. ފުރަތަމަ ޑިވިޝަނުގެ ޓީސީ ސްޕޯޓްސް އަށް ކުޅެމުން އަންނަ އަޖުފާން ވަނީ މުބާރާތުގައި މިހާތަނަށް ހަ ގޯލު ކާމިޔާބުކޮށް، ސެމީ ފައިނަލް މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ގޯލްކީޕަރުގެ މަގާމް ވެސް އަދާކޮށް ކާމިޔާބު ހޯދާފައެވެ. 

ފައިނަލުގައި ވާދަކުރާ އެއިޓީފޯ އެފްސީ. ފައިނަލަށް ދިޔައީ ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު. ފޮޓޯ: އޭދަފުށި ކައުންސިލް
ފައިނަލުގައި ވާދަކުރާ އެއިޓީފޯ އެފްސީ. ފައިނަލަށް ދިޔައީ ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު. ފޮޓޯ: އޭދަފުށި ކައުންސިލް

އެހެން ކުޅުންތެރިންނަށް ބަލާއިރު، ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ފެނުނު ސުލްތާން ހަބީބާއި، ފައުޒާން ހަބީބުގެ އިތުރުން ހުސައިން ޝިހުބާން ފާހަގަކޮށްލެވެއެވެ. އެޓީމުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ޝާފީ އަލީ އަންނަނީ ކުޅުންތެރިން ބިނާކުރުމުގައި އޭދަފުށީގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. އަދި، ކޮންމެ އަހަރަކު ވެސް އެޓީމުގައި ހިމެނި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ހައްސާން އަހުމަދު މިފަހަރުގެ މުބާރާތުގައި 6 ގޯލު ޖަހައި 6 އެސިސްޓް ހަދައިފަ އެވެ. 

މީގެ އިތުރުން އެއިޓީފޯއިން އެންމެ ހާއްސަގޮތެއްގައި ފާހަގކޮށްލެވޭ އަނެއް ކަމަކީ މިޓީމުގައި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އޭދަފުށި ތަމްސީލްކުރާ ޓީމުގެ މެނޭޖްމަންޓްގައި ހަރަކާތްތެރިވާ ހުރިހާ އޮފިުޝަލުން ކަހަލަ ގޮތަކަށް މި ޓީމުގެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކަމެވެ. އެގޮތުން ސަލްމާން ވަހީދަކީ 2018 ވަނަ އަހަރުން ފެށިގެން ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރަމުން އަންނަ އޭދަފުށި ފުޓްސަލް ޓީމުގެ މެނޭޖަރެވެ. 

https://fahuminet.com/tournaments/eydhafushi-futsal-cup-2026

މިރޭ އޭދަފުށީގައި ކުޅޭ ފައިނަލް މެޗު ހާއްސަވަނީ މި ސަބަބުތަކާ ހެދި އެވެ. އެއްކޮޅުގައި ހުނަރުން ފުރިގެންވާ މޮޅެތި ކުޅުންތެރިންގެ ޓީމެއް އޮތްއިރު، އަނެއްކޮޅުގައި އޮތީ ތަޖުރިބާއާއެކު އަދިވެސް ފެންވަރު ހުރިކަން މިހާރުވެސް ސާބިތުކޮށްދީފައިވާ ޓީމެކެވެ. 

އެއިޓީފޯއާއި އަފްރޯ ވާދަކުރާ އޭދަފުށި ފުޓްސަލް ކަޕްގެ ފައިނަލް މެޗު ފަށާނީ މިރޭ 8:30 ގަ އެވެ. 

ކޮމެންޓްސް

Matches
3
Ongoing
1
Upcoming
Settings