ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާ އިން ނަޕޯލީއާ އެއްވަރުކޮށް އަވޭ ގޯލުން ހިތްހަމަޖައްސާލައިފި

ބާސެލޯނާ އިން ނަޕޯލީއާ އެއްވަރުކޮށް އަވޭ ގޯލުން ހިތްހަމަޖައްސާލައިފި

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 26 ފެބްރުއަރީ 2020

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ އިޓަލީގެ ނަޕޯލީ އާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނު ފުރަތަމަ ލެގުގެ މެޗް އެއްވަރުވެގެން ނިމިއްޖެ އެވެ. ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މި މެޗް އެއްވަރުވީ 1-1 އިންނެވެ.

ރޭގެ މެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނަޕޯލީންނެވެ. މި ލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ނަޕޯލީ އަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ އިތުބާރު ފޯވާޑް ޑްރައިސް މާޓެންސް އެވެ. މިއީ ނަޕޯލީ އަށް މިހާތަނަށް މާޓެންސް ކާމިޔާބުކޮށްދިން 121 ވަނަ ލަނޑަށް ވީ އިރު އޭނާ މިހާރު އެވަނީ ނަޕޯލީއަށް އެންމެ ގިނަ ގޯލް ޖަހައިދީގެން ސްލޮވާކިއާގެ މަރެކް ހަމްސިކް ކުރިން ހަދައިފައިވާ ރެކޯޑާއި އެއް ވަރުކޮށްފަ އެވެ.

ބާސެލޯނާއަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު މެޗްގެ 57 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ނެލްސަން ސެމެޑޯ ނަގައިދިން ހުރަހަކުން، ފްރާންސްގެ ފޯވާޑް އޮންޓުއަން ގްރީޒްމަން އެވެ. ބާސެލޯނާ އިން އަވޭ ގޯލަކާއެކު މެޗް އެއްވަރުކުރުމުގެ ހިތްހަމަޖެހުން ހޯދި ނަމަވެސް އެޓީމަށް މެޗް ނިންމާލަން ޖެހުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ބާސެލޯނާގެ އާޓޫރޯ ވިޑާލް ނަޕޯލީގެ ފަބިއަން ރުއިޒް އަށް ކުރި ފައުލަކާ ވިދިގެން ރުއިޒް ވިޑާލް ރުޅިއަރުވާލުމުގެ ނިޔަތުގައި ކުރި ކަމަކާ ގުޅިގެން ވިޑާލް އޭނާގެ ބޮލުން ރުއިޒްގެ މޫނުމަތީގައި ޖެހުމާއެކު ވިޑާލް އަށް ފުލުފުލުގައި ދެ ރީނދޫ ކާޑާއެކު ރެފްރީ ރަތް ކާޑް ދެއްކި އެވެ..

ވިޑާލްގެ އިތުރުން އަންނަ މަހުގެ 18 ވަނަ ދުވަހު ބާސެލޯނާގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗްގައި އެޓީމްގެ ސާޖިއޯ ބުސްކެޓްސް ވެސް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭނެ އެވެ. ރޭގެ މެޗްގައި ބުސްކެޓްސް އަށް ދެއްކި ރީނދޫ ކާޑާއެކު މި މުބާރާތުގައި އޭނާ އަށް ދެއްކި ރީނދޫ ކާޑުގެ އަދަދު ތިނަކަށް އެރީ އެވެ.

ސަސްޕެންޝަންގެ އިތުރުން ދެ ވަނަ ލެގުގައި ބާސެލޯނާއަށް ކުރިމަތިވާނެ އަނެއް ބޮލުގެ ރިހުމަކީ އެ ޓީމުގެ އެންމެ ތަޖުރިބާކާރު އަދި އިތުބާރު ޑިފެންޑަރު ޖެރާޑް ޕީކޭއަށް ރޭގެ މެޗް ނިމެން ގާތްވެފައި ވަނިކޮށް ކުރިމަތިވި އަނިޔާގެ ސަބަބުން ނުކުޅެވޭ ގޮތް ވެދާނެ ކަމުގެ ބިރު އޮތުމެވެ. ޕީކޭގެ ފައިގެ ކުޑަހުޅަށް ރޭގެ މެޗްގައި ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ މެޗް ނިމުމުގެ ކުރިން ބަދަލު ވެސް ކޮށްފަ އެވެ.

ރޭގެ މެޗްގެ ނަތީޖާ ނަޕޯލީ ކޮޅަށް އަނބުރާލަން އެޓީމަށް ރަގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ. ނަޕޯލީގެ ލޮރެންޒޯ އިންސީނިއޭ އާއި ހޯސޭ ކަލެހޮން އަށް ލިބުނު މި ދެ ފުރުސަތުގައި އެ ކުޅުންތެރިން ބާސެލޯނާގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަތައް ބާސެލޯނާގެ ގޯލްކީޕަރު މާކް އަންޑްރޭ ޓާ ސްޓެގަން ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.

ރޭގެ މެޗްގައި ބާސެލޯނާއިން ގިނަ އިރު ބޯޅަ ގެންގުޅެގެން ކުޅެފައިވީ ނަމަވެސް މުޅި މެޗްގައިވެސް އެ ޓީމަށް ނަޕޯލީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ދެ ބޯޅަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!