މެދުކެނޑުމަކަށް ފަހު މިއަހަރު ބާއްވަން ތާވަލްކުރި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރު ނެގުން މިއަދު ކުރިއަށް ގެންގޮސްފި އެވެ. އެފްއޭ ކަޕްގައި އަށް ޓީމުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށްދާނީ ނޮކްއައުޓް އުސޫލުންނެވެ. ކުރިން ނުވަ ޓީމުން މުބާރާތުގައި ބައިވެރިވި ނަމަވެސް ގުރު ނެގުމުގެ ކުރިން ލެގޫންސް ސްޕޯޓްސް ކްލަބުން ވަނީ މުބާރާތުން ވަކިވެފަ އެވެ.
2017 ވަނަ އަހަރުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މި ސީޒަނުގައި ވާދަނުކުރާތީ މިއަދު ގުރު ނެގުމުގެ ކުރިން އެ އަހަރުގެ ރަނަރަޕް ޓީސީ ސްޕޯޓްސް ކްލަބާއި ތިން ވަނަ ހޯދި މާޒިޔާ ވަނީ ސީޑުކޮށްފަ އެވެ. މި ދެޓީމު ސީޑް ކުރީ ސެމީ ފައިނަލުގައި ވާދަކުރަން ނުޖެހޭ ގޮތަށެވެ.
މިއަހަރުގެ އެފްއޭ ކަޕްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްލަބް އޭދަފުއްޓާއި ޓީސީ ސްޕޯޓްސް ކްލަބެވެ. ދެ ވަނަ މެޗުގައި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށް ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ތިން ވަނަ މެޗުގައި މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރާއިރު ފަހު މެޗުގައި ވިލިމާލެ ޔުނައިޓާ ކްލަބް އީގަލްސް ވާދަކުރާނެ އެވެ.
ޓީސީ އާއި އޭދަފުށި މާޗް މަހުގެ ފަސް ވަނަ ދުވަހުގެ ހަވީރު ކުޅޭއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ފޯކައިދޫ އާއި ގްރާންޑޭ އެވެ. ފުރަތަމަ ދެ މެޗުން މޮޅުވާ ދެޓީމު ފުރަތަމަ ސެމީގައި ވާދަކުރާނެ އެވެ. މާޗް ހަ ވަނަ ދުވަހުގެ މާޒިޔާ އާއި ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ވިލިމާލެ ޔުނައިޓެޑެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ 16 މާޗް ވާ ހޯމަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާޗް 19 ވަނަ ވާ ބުރާސްފަތި ދުވަހު އެވެ.
މުބާރާތުގައި ގަވައިދު އެކުލަވާލާފައިވާ ގޮތުން ކުއާޓާ ފައިނަލުން ފެށިގެން ކުޅޭ މެޗުތައް އެއްވަރުވެއްޖެ ނަމަ އިތުރު ވަގުތުގެ ގޮތުގައި ދެ ހާފު ކުޅޭނެ އެވެ. އޭގެ ފަހުން ނަތީޖާ ނެރެން ޖެހިއްޖެ ނަމަ ޕެނަލްޓީ ޖަހާނެ އެވެ.
2018 ވަނަ އަހަރުގެ ސީޒަނުގެ އެފްއޭ ކަޕް ކެންސަލް ކުރީ ސީޒަން މާބޮޑަށް ދިގުލައިގެންދިއުމާ ގުޅިގެން ކްލަބްތަކާއެކު އެފްއޭއެމުން މަޝްވަރާކުރުމަށް ފަހު އެވެ. އެ އަހަރު ސީޒަން ދިގުލައިގެން ދިޔައީ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތަށް 70 ދުވަހަށް ލީގު މެދުކަނޑާލުމުންނެވެ. މިދިޔަ އަހަރު އެފްއޭ ކަޕް ނެތީ ޖޫން މަހު ސީޒަން ފެށުމުންނެވެ. އެހެންވެ އަލުން މި މުބާރާތް މި ފަށަނީ އެއް ސީޒަނުގެ މެދުކެނޑުމަކަށް ފަހު އެވެ.
މިނިވަން ދުވަހުގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއުމުން، ވިނަގަނޑަށް ލިބުނު ގެއްލުމާއެކު 2015 ވަނަ އަހަރުގެ އެފްއޭ ކަޕް ވެސް ކެންސަލްކުރި އެވެ. އެ އަހަރު ފުޓްބޯޅަ ކަލަންޑަރަށް ގެނައި ބަދަލާއެކު ޕްރެޒިޑެންޓްސް ކަޕް ކުޅުނީ ހދ. ކުޅުދުއްފުއްޓާއި ސ. ހިތަދޫގަ އެވެ
އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ކޮލިފައިން އިން ފުރުސަތު ލިބޭނެ އެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ހޯދާފައިވަނީ ލީގު ޗެމްޕިއަން މާޒިޔާ އެވެ. މާޒިޔާއިން އެއްފޭ ކަޕް ކާމިޔާބުކޮށްފި ނަމަ އޭއެފްސީ ކަޕްގެ ކޮލިފައިން ފުރުސަތު ލިބޭނީ ލީގުގެ ދެ ވަނަ ހޯދި އީގަލްސް އަށެވެ.
އެންމެ ފަހުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ފައިނަލުގައި ޓީސީ ބަލިކޮށް ހޯދީ ނިއު ރޭޑިއަންޓެވެ. އެޓީމުން 12 ވަނަ ފަހަރަށް އެފްއޭ ކަޕް ތަށި އުފުލާލީ ޓީސީން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެން 6-4 އިން މޮޅުވެގެންނެވެ. އެކަމަކު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާތީ މި ސީޒަނުގައި ނިއު ރޭޑިއަންޓުން ފުރަތަމަ ޑިވިޝަނުގައި ވާދައެއްނުކުރެ އެވެ.