ފުރަތަމަ ސަފްޙާ / ޚަބަރު / މި އައީ ބައްސާމަށް ކެމްޕޭނު ކުރާކަށް ނޫން: ސުޒޭން

މި އައީ ބައްސާމަށް ކެމްޕޭނު ކުރާކަށް ނޫން: ސުޒޭން

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 10 ފެބްރުއަރީ 2020

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ އިންތިހާބު ގާތްވެފައިވަނިކޮށް ގައުމީ ފުޓްބޯޅަ ޓީމްގެ އެސިސްޓެންޓް ކޯޗްކަމުގެ މަގާމާއި ހަވާލުވީ އެ އެސޯސިއޭޝަންގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މަގާމް ދިފާއުކޮށްދިނުމުގެ ނިޔަތުގައި އެކަން ކުރަން ނޫންކަމަށް އެ މަގާމާއި މިދިޔަ ހޮނިހިރު ދުވަހު ހަވާލުވި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

ގައުމީ ސީނިއާ ޓީމްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރުމަށް ހޮނިހިރު ދުވަހުގެ ރޭ އެފްއޭއެމް ހައުސްގައި ވޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނެފައިވަނީ ގައުމީ ޓީމުގެ މަގާމަކާ ހަވާލުވީ ޓީމާއި ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ކަމަށާއި އެ މަގާމަށް އޭނާ ގެންނަންޖެހޭ އިންތިހާބާ ގުޅޭ އެއްވެސް ކަމެއް އޮތްކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

“އިންތިހާބު ކައިރިވެފަ އޮތީމަ ބައެއް ބޭފުޅުންގެ މޫނުމަތިން އުނދަގޫ އިހުސާސްތަކެއް ފެންނަން ހުއްޓަސް އަޅުގަނޑަކަށް ނެތް އުނދަގޫ އެއްވެސް އިހުސާސެއް. އެއީ އަޅުގަނޑު މިއަންނަނީކީއެއް އެފްއޭއެމްގެ އިންތިހާބުގަ ބައްސާމަށް ކެމްޕޭނަކަށްވެސް ނޫން. އަޅުގަނޑު މިއަންނަނީ ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ހުރި ކަންކަން ހައްލުކުރުމުގަ އެހީތެރިކަން ފޯރުކޮށްދޭން.” ފުޓްބޯޅައިގެ އެކި ކަންކަމުގައި ކުރިން ވަރަށް ބޮޑަށް އެފްއޭއެމަށް ރައްދުވާ ގޮތަށް ފާޑުކިޔަމުން އައި ސުޒޭން ބުންޏެވެ.

“ރައީސް ބައްސާމް މިތަނަށް އަޅުގަނޑު ގެންނަންޖެހޭ އިންތިހާބާ ގުޅޭ އެއްވެސް ކަމެއް ނޯންނާނެ. އެއީ އަޅުގަނޑަކީ އެއްވެސް ކްލަބެއްގެ އެގްޒެކްޓިވް ބޯޑުގަ ހިމެނޭ މީހެއް ނޫން. އެހެންވީމަ އަޅުގަނޑުގެ އެއްވެސް ކްލަބެއްވެސް ނޯންނާނެ އިންތިހާބުގަ ވޯޓުލާ. އެހެންވީމަ އެގޮތުން އަޅުގަނޑު ގެންނަންޖެހޭ އެއްވެސް ސަބަބެއް ރައީސް ބައްސާމަކަށް ނޯންނާނެ. ދެން މުޅި ރާއްޖޭގަ ޕޯޑިއަމްތަކަށް އަރައި ކެމްޕޭންކޮށްގެން މުޅި ރައްޔިތުން ވޯޓްލައިގެން ހޮވާ އެއްޗެއް ނޫން އެފްއޭއެމްގެ ރައީސް އަކީ. އެއީ އޮންނަ ވަކި މިންގަނޑެއްގެ ތެރެއިން ވަކި އަސާސީ ގަވައިދެއްގެ ތެރެއިން ހިމެނޭ ކްލަބްތައް ވޯޓް ލަނީ. އޭގެތެރޭގެ އަޅުގަނޑުގެ އެއްވެސް ކްލަބެއް ނޯންނާނެ. އެހެންވީމަ އަޅުގަނޑު މިތަނަށް ގެންނަންޖެހޭވެސް އަދި އަންނަންޖެހޭވެސް އެއާ ގުޅުންހުރި އެއްވެސް ސަބަބެއް ނެތްކަން ތިޔަބޭފުޅުންނަށް އަޅުގަނޑު ޔަގީންކަމާއެކު އަރުވަން.” ކުރިންވެސް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ސުޒޭން ބުނެފައިވެ އެވެ.

މީގެ ކުރިން ރާއްޖޭގެ ގިނަ ކްލަބްތަކަކަށް ކޯޗްކޮށްދީފައިވާ ސުޒޭން ބުނީ އެފްއޭއެމްއާ ގުޅުމަށް ފަހު ފުޓްބޯޅައިގެ ކަންކަމުގައި ކުރިން ފާޑުކިޔަމުން އައި ގޮތަށް އާއްމުކޮށް ފާޑުކިޔުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް އެފްއޭއެމްގެ މަގާމަކަށް އާދެވުމުން އެލިބުނީ ކަންކަން ރަގަޅުކުރަން ވަރަށް ފަހި ފުރުސަތެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

“މިސާލަކަށް އަޅުގަނޑުމެން ކެންޑިޑޭޓަކަށް ތާއީދުކުރަނީ މީހާގެ ކޮލިޓީތަކެއް ހުރީމަ އެކަން ޕްރޮމޯޓް ކުރުމަށް އެވާހަކައެއް ދައްކާއިރުގަ. ދެން މިހާރު އަޅުގަނޑު އައިސް މިހުރީ އެފްއޭއެމްގަ މަސައްކަތްކުރަން. ދެން އެފްއޭއެމްގަ މަސައްކަތްކުރަމުންނެއް އެފްއޭއެމްގެ ދޮރަކަށް ގަލެއްވެސް ނުއުކޭނެ. އެއީ އެތެރޭގަ މިތިބީ. ދެން އެފްއޭއެމަށް އުކަންވާ އެއްޗެއް ބޭރުގަ ތިބި މީހުން އުކަންޖެހޭނީ. އެކަމަކު މިތަނުގަ ރަގަޅު ކުރަންހުރި ކަމެއްގެ ވާހަކަ ކައިރިން ދެއްކެން އޮއްވައި އަނެއްކާވެސް ބޭރުން ނުކުމެ އަޅުގަނޑު ޕޯޑިއަމްއެއްގަތޯއޭ އެވާހަކަ ދައްކަންވީ. ނޫނީ ޓްވީޓްކޮށްފަ މީޑިއާގަތޯއޭ އެވާހަކަ ދައްކަންވީ. އެއަށްވުރެ ކައިރިން މާ ފަސޭހައިން އެވާހަކަ އާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލުދެވެން އޮއްވަ. ކިހިނެއްތޯއޭ ހަދަންވީ. ތިބޭފުޅުންގެ މަޝްވަރާއަކަށް އަޅުގަނޑު މި އަހާލަނީ.” އެންމެ ފަހުން ސުޒޭން ނޫސްވެރިންނާ ކުރިމަތިކުރުވީ ސުވާލެކެވެ.

އެސިސްޓެންޓް ކޯޗަކަށް ސުޒޭން ހަމަޖެއްސުމުގެ އިތުރުން ގައުމީ ޓީމުގެ ގޯލް ކީޕަރު ޓްރެއިނަރުގެ އެސިސްޓެންޓްގެ މަގާމަށް ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދު އެފްއޭއެމުން ހަމަޖެއްސުމާއި ގުޅިގެން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލަށްވެސް ގިނަ ސުވާލުތަކެއް ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި އެވެ. އެ ސުވާލުތަކަށް ޖަވާބުތެމުން ބައްސާމް ވިދާޅުވީ ސުޒޭނާ އިމްރާން ގައުމީ ޓީމްގެ މަގާމްތަކަށް ހަމަޖެއްސީ ގައުމީ ޓިމުގެ ކަންކަން ރަގަޅުކުރުމަށްޓަކައި ކަމަށާއި އިންތިހާބާއި ދިމާކޮށް ފާޑުކިޔުންތައް ހުއްޓުވުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

އަޅުގަނޑުމެންނާ ދިމާލަށް ފާޑުކިޔަންވީ. އަޅުގަނޑާ ކޯޗު ސުޒޭނާ ބައްދަލުވި ދުވަހެއްގައި ވެސް ދެންނެވިން ފާޑުކިޔައްޗޭ. ފާޑުކިޔުން ހުއްޓާނުލައްޗޭ. އެއީ އަޅުގަނޑަކަށް ހުރިހާ ތާކަށް ނުދެވޭނެ. ބޯޅައިގެ ހުރިހާ މެޗެއް ބަލާކަށް ނުދެވޭނެ. އެހެންވެ އެ ތަންތަން ފެންނަ ބޭފުޅުން ކޯޗުމެންނަކީ. ކޯޗުމެންނަށް ފެންނަ ކަންކަމުގައި ގޯސްކޮށް ކަމެއް ހުރެއްޖެ ނަމަ އެ ވާހަަކަ ދައްކަންވީ. މިއަދު ވެސް ކޯޗަށް ވެސް އަދި އިމްރާނަށް ވެސް ދަންނަވާލާނީ މިއަދު ފެށިގެން ވެސް ގޯސްކޮށް ކަމެއް އުޅެންޏާ އެ ވާހަކަ ދައްކަންވީއޭ. އަޅުގަނޑު އެއްވެސް ވަރަކަށް ޖެހިލުންވާ ކަމެއް ނޫން އެއީކީ، އެފްއޭއެމަށް ފާޑުކިޔާތީ ބައެއްގެ އަނގަމަތީގައި އަތްއެޅުން. އެކަމެއް އަޅުގަނޑެއް ނުކުރާނަން،” ބައްސާމް ވިދާޅުވި އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!