ޓީސީ ސްޕޯޓްސް ކްލަބްގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިސްމާއިލް އީސާ (މެސީ) އާއި އިޝާން އިބްރާހިމް (ސައްޓު) ގައުމީ ޓިމްގެ ސްކޮޑްގައި ހިމަނައިފިކަން އިތުބާރުހުރި ގޮތަކަށް މި ނޫހަށް އެނގިއްޖެ އެވެ. ގައުމީ ޓީމާއި އަލަށް ހަވާލުވި ނެދަލެންޑްސްގެ މާޓިން ކޫޕްމަން އެކުލަވާލި ސްކޮޑުން އީސަ އާއި ސައްޓު އަށް ފުރަތަމަ ޖާގަ ދީފައި ނުވާތީއާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެ ކުޅުންތެރިން ސްކޮޑްގައި ހިމެނީ މީގެ ކުޑައިރުކޮޅެއް ކުރިން އެފްއޭއެމްގައި އޮތް ގައުމީ ޓީމްގެ ޓެކްނިކަލް މީޓިން އަކަށްފަހު އެވެ.
ޓީސީ އަށް ލީގުގެ ކުޅުން މިހާރު ނިމިފައިވާއިރު ތިން ބުރުގައި އެޓީމުން ކުޅުނު 21 މެޗުގައި އީސަ ވަނީ 12 ގޯލު ޖަހައި 10 ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. ސައްޓު ވަނީ 21 މެޗުން 13 ގޯލު ޖަހައި ހަތަރު ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. ލީގުގެ ފުރަތަމަ ބުރުގައި އަނިޔާގެ ސަބަބުން ބައެއް މެޗުތަކުގައި ސައްޓު ކުޅެފައެއްނުވެ އެވެ.

ސައްޓު ދަ ގްރާންޑޭ ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުން. – ފޮޓޯ: އިމޭޖަސް.އެމްވީ
ފުރަތަމަ އެކުލަވާލި ގައުމީ ޓީމުން އަލަށް ފުރުސަތު ދިނީ ޓީސީ ސްޕޯޓްސް ކްލަބުގެ މިޑްފީލްޑަރު އަހުމަދު ރިލްވާން (ބެން) އާއި ކްލަބް އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދު، ކްލަބް ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ސީނިއާ ޓީމުގައި ހިމެނޭ އަހުނަފް ރަޝީދު އަށް ކޯޗު ވަނީ ފުރުސަތުދީފަ އެވެ. އަހުނަފަކީ ދެ ވަނަ ޑިވިޝަނުގައި މިހާރު ވާދަކުރަމުން އަންނަ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނެވެ.
ލީގުގައި މޮޅު ކުޅުމެއް ދެއްކި ސައްޓު އާއި އީސަ އަށް ފުރުސަތު ނުދިނުމުން ގައުމީ ކޯޗު ކޫޕްމަން އާއި އެފްއޭއެމަށް ސަޕޯޓަރުން އައީ ނުރުހުމުގެ ބަސްތައް އަމާޒުކުރަމުންނެވެ. ސަޕޯޓަރުން ޝަކުވާކުރުމުގެ ސަބަބަކަށް ވީ މޮޅަށް ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ދޭނެކަމަށް ގައުމީ ޓީމާ ހަވާލުވެ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނުމުންނެވެ. އެހެންނަމަވެސް ފުރަތަމަ އެކުލަވާލި ސްކޮޑް ނެގުމުގައި ފަހަކަށް އައިސް ފޯމުގައި ތިބި ބައެއް ކުޅުންތެރިން އެކަހެރިކޮށްލި އެވެ.
ޓީމަށް ބަދަލުތަކެއް އަތުވެދާނެކަމުގެ އިޝާރާތެއް ފުރަތަމަ ފަހަރަށް ދިނީ ރޭ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވި އަލީ ސުޒޭން އެވެ. ރޭގެ ޕްރެސްގައި ސުޒޭން ބުނީ މިހާރު ސްކޮޑް ނަގާފައި އޮތީ ކުރީގެ ޓީމަށް ބަލައިގެން ކަމަށާއި، އެކަމަކު ކުރިއަށް އޮތް ތަނުގައި ޓީމަށް ކުޅުންތެރިން ނަގާއިރު ކޯޗަށް ލަފާ އަރުވާނެ ކަމަށެވެ. އަދި، މިހާރުގެ ޓީމަށް ކުޑަ ބަދަލެއް އަތުވެދާނެކަމުގެ އިޝާރާތެއް ސުޒޭން ރޭ ވަނީ ދީފަ އެވެ.
“މި ސްކޮޑް އެކުލަވާލުމުގަ ކުރީގަ އޮތް ސްކޮޑަށް ވަރަށް ބޮޑަށް ޑިޕެންޑްވެފަ މި އޮތީ. ދެން ފަހުން ފާހަގަކުރިހެން ކޯޗުންނަށް ގިނަ މެޗްތަކެއް ބަލާލުމުގެ ފުރުސަތު ނުލިބުމާ އަދި ކުއްލިއަކަށް އެހެން ކުޅުންތެރިޔަކު ދެ ދުވަހު ކުޅެލާތަން ބަލާލާފަ ސްކޮޑެއް ނެގުމަކީ އެހާ ފަސޭހަ ކަމެއް ނޫން. ކުރިން އޮތް ސްކޮޑަށް ވަރަށް ބޮޑަށް ބިނާވެގެން މިހާރުގެ ސްކޮޑް އިއުލާންކޮށްފަ މިއޮތީ. އެހެންވީމަ އެއީކީ އެއްވެސް މައްސަލައެއް ނޫން. ދެން ހުރެދާނެ ވަރަށް ފާހަގަކޮށްލެވޭ ކުޅުންތެރިއަކުވެސް މީގަ ނުހިމެނި. އެކަމަކު ކުރިއަށް އޮތް ތަނުގަ މިކަންވެސް ކުރެވިގެންދާނީ މިއަށްވުރެ ރަގަޅަށް. ފުޓްބޯޅަ އާއިލާގެ އިތުބާރު ލިބޭ ގޮތަކަށޭ އަޅުގަނޑު ދަންނަވާނީ.” ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުންޏެވެ.
މިއީ ފުޓްބޯޅައިގެ ނަން މަޝްހޫރު އޭދަފުއްޓަށް އުފަން ސައްޓު އަށް ގައުމީ ޓީމުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އުމުރުން އެންމެ ޒުވާން ދުވަސްވަރުގައި ވެސް އެރަށާއި، އަތޮޅު ލެވެލްގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ސައްޓު ފުރަތަމަ ޑިވިޝަން ފުޓްބޯޅައަށް ބަދަލުވީ 2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބާއެކު އެވެ. އޭގެ ފަހުން އޭނާ އަންނަނީ ފުރަތަމަ ޑިވިޝަނުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.
ގައުމީ ސްކޮޑުން އަލުން ފުރުސަތު ލިބުނު އީސަ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރެވެ. އީސަ އެންމެ ފަހުން ގައުމީ ޓީމުގައި ހިމެނުނީ 2017 ވަނަ އަހަރު އެވެ. އެކަމަކު އަމިއްލަ ސަބަބަކާ ހެދި އެފަހަރު ގައުމީ ޓީމުގެ ޕްރެކްޓިހުގައި ހުރެފައި އީސަ ވަނީ ޓީމު ދޫކޮށް ގޮސްފަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އީސަ އަށް ގައުމީ ޓީމުން ފުރުސަތެއް ނުލިބެ އެވެ.