ފުރަތަމަ ސަފްޙާ / ޚަބަރު / މޮޅަށް ކުޅުނަސް އީސަ އާއި ސައްޓު އަށް ފުރުސަތެއް ނެތް!؟

މޮޅަށް ކުޅުނަސް އީސަ އާއި ސައްޓު އަށް ފުރުސަތެއް ނެތް!؟

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 7 ފެބްރުއަރީ 2020

ރާއްޖޭގައި ދޭ އެންމެ ޝަރަފްވެރި ކުޅިވަރު އެވޯޑް، “މިހާރު އެވޯޑްސް”ގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ދެ ވަނަ ބުރުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ޓީސީ ސްޕޯޓްސް ކްލަބުގެ އިސްމާއީލް އީސަ (މެސީ) އާއި އިޝާން އިބްރާހީމް (ސައްޓު) ނުހިމަނައި ގައުމީ ފުޓްބޯޅަ ޓީމާ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހަވާލުވި ނެދަލެންޑްސްގެ މާޓިން ކޫޕްމަން ޓީމު އެކުލަވާލައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ގައުމީ ސްކޮޑަށް މަދު ބަދަލުތަކެއް ގެނެސް އެކުލަވާލި ކުޅުންތެރިންގެ މައުލޫމާތު މިހާރު ވަނީ ކްލަބްތަކާ ހިއްސާކޮށްފަ އެވެ.

ޓީސީ ސްޕޯޓްސް ކްލަބުން ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރޭގައި އީސަ އާއި ސައްޓުގެ ނަން ނެތްކަން “ފަހުމިނެޓް” އަށް ވަނީ ޔަގީންވެފަ އެވެ. ލީގުގައި މޮޅު ކުޅުމެއް ދެއްކި މި ކުޅުންތެރިންނަށް އަލަށް އެކުލަވާލާ ގައުމީ ޓީމުން ފުރުސަތު ލިބޭނެކަމަށް ފުޓްބޯޅަ ސަޕޯޓަރުންނަށް ގަބޫލުކުރެވުނީ ގައުމީ ޓީމާ ހަވާލުވުމަށް ފަހު ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓީމަށް އެރުމުގައި އުމުރު މުހިއްމު ނޫން ކަމަށާއި، މޮޅަށް ކުޅޭނަމަ ޓީމުން ފުރުސަތު ލިބޭނެކަމަށް ކޯޗު ކޫޕްމަން ބުނުމުންނެވެ.

ޓީސީ ސްޕޯޓްސް ކްލަބަށް ލީގުގެ ކުޅުން މިހާރު ނިމިފައިވާއިރު ތިން ބުރުގައި އެޓީމުން ކުޅުނު 21 މެޗުގައި އީސަ ވަނީ 12 ގޯލު ޖަހައި 10 ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. ސައްޓު ވަނީ 21 މެޗުން 13 ގޯލު ޖަހައި ހަތަރު ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ. ލީގުގެ ފުރަތަމަ ބުރުގައި އަނިޔާގެ ސަބަބުން ބައެއް މެޗުތަކުގައި ސައްޓު ކުޅެފައެއްނުވެ އެވެ. މި ދެކުޅުންތެރިން ލީގުގައި ދެއްކި ފޯމަށް ބަލާއިރު “މޮޅަށް ކުޅޭ ކުޅުންތެރިންނަށް” ލިބޭ ފުރުސަތު ލިބެން ޖެހޭނަކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ސަޕޯޓަރުން ވަނީ އަޑުއުފުލަން ފަށައިފަ އެވެ.

“އެނގޭތަ އަހަރެމެން ހޮލެންޑުގަ އާއްމުކޮށް ބުނާ ވާހަކައެއް. ކުޅުންތެރިން ހޮވަނީ އަހަރެމެންނެއް ނޫން. ކުޅުންތެރިން އަމިއްލައަށް ޓީމަށް ހޮވެނީ. އަހަރެމެން ތިބެނީ ބަލަން. ކުޅުންތެރިއެއްގެ އުމުރުން 33 ނުވަތަ 34 ވިޔަސް އެ ކުޅުންތެރިންނަކީ އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިން ކަމަށްވަންޏާ އެ ކުޅުންތެރިން ޓީމަށް އަންނާނެ. އެހެންވީމަ ދެންވެސް އަހަރެން ބުނާނީ. ކުޅުންތެރިން އަމިއްލައަށޭ ޓީމަށް ހޮވޭނީ” ގައުމީ ޓީމާ ހަވާލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ކޫޕްމަން ބުނެފައިވެ އެވެ.
https://www.facebook.com/fahuminet/posts/2802484106440352
އެނގިފައިވާ ގޮތުގައި އަލަށް ނެގި ގައުމީ ސްކޮޑުން ޓީސީ ސްޕޯޓްސް ކްލަބުގެ މިޑްފީލްޑަރު އަހުމަދު ރިލްވާން (ބެން) އާއި ކްލަބް އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދު، ކްލަބް ގްރީން ސްޓްރީޓްސްގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ސީނިއާ ޓީމުގައި ހިމެނޭ އަހުނަފް ރަޝީދު އަށް ކޯޗު ވަނީ ފުރުސަތުދީފަ އެވެ. އަހުނަފަކީ ދެ ވަނަ ޑިވިޝަނުގައި މިހާރު ވާދަކުރަމުން އަންނަ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނެވެ.

މި ކުޅުންތެރިންގެ ތެރެއިން ބަކާ އަކީ 2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ. އެކަމަކު ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ބަކާ ޓީމުގައި ހިމެނިފައެއްނުވެ އެވެ. ކޮލިފައިންގެ ފުރަތަމަ ދެ މެޗަށް ނެގި ސްކޮޑުގައި ބެން ހިމެނި ނަމަވެސް އާއިލީ ކަމެއްގެ ސަބަބުން އޭނާއަށް ޓީމާއެކު ދެވޭގޮތެއްނުވި އެވެ. އިމްރާން ނަޝީދު ވަނީ 2016 ވަނަ އަހަރު އީގަލްސްގައި މޮޅު ކުޅުމެއް ދައްކައި ރާއްޖޭގެ ތިން ވަނަ އަށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.

ކުޅުންތެރިންގެ ފެންވަރު ވަޒަންކުރަން ގައުމީ ކޯޗަށް ލީގުގައި ލިބުނީ އެންމެ ފަސް މެޗެވެ. އެނގިފައިވާ ގޮތުގައި އެ މެޗުތަކުގައި މޮޅު ކުޅުންތެރިޔާގެ މަގާމް ދިނީ ކޯޗުގެ ހޮވުމަށް ބަލާފަ އެވެ. ސްކޮޑުގައި ހިމެނުނު ބެން އާއި އިމްރާން އަކީ ފަހުން ކުޅުނު މެޗުތަކުން މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ދެ ކުޅުންތެރިންނެވެ. އެކަމަކު މިފަހަރު އެކުލަވާލި ޓީމުން ވެސް މިހާރުގެ ކޯޗަށް ފެނުނު މެޗުތަކުގައި ބެންޗުގައި ތިބި ބައެއް ކުޅުންތެރިންނަށް ވަނީ ފުރުސަތުދީފަ އެވެ. ކުރީގެ ކޯޗު ޕީޓަ ސެގާޓުގެ ދުވަސްވަރު ވެސް ޓީމު އެކުލަވާލުމުގައި ކުޅުންތެރިން ދައްކާ ކުޅުމަށް ނުބަލާތީ ގިނަ ބައެއްގެ ފާޑުކިއުން ތަކުރާރުކޮށް އަމާޒުވި އެވެ. ހާއްސަކޮށް 2018 ވަނަ އަހަރު 42 ގޯލު ޖެހި ދަގަނޑޭ އަށް ޓީމުން ފުރުސަތު ނުދޭތީ އޭރު އެފްއޭއެމަށް ވެސް ގިނަ ބައެއްގެ ނުރުހުން އަމާޒުވި އެވެ.

މިފަހަރު އެކުލަވާލި ގައުމީ ޓީމާ ގުޅޭގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) އަށް “ފަހުމިނެޓް” އިން ގުޅުމުން ވިދާޅުވީ، އަދި ޓީމު ފައިނަލް ނުކުރާ ކަމަށާއި މާދަމާގެ ވަގުތެއްގައި އެ މައުލޫމާތު ހިއްސާކުރާނެކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!