ކޮޕަ ޑެލް ރޭގެ ކުއާޓާ ފައިނަލްގައި ރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅުނު މެޗްތަކުން ބަލިވެ އެ ދެ ޓީމް މުބާރާތުން ކަޓައިފި އެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން 0-1 އިން އެތުލެޓިކް ބިލްބާއޯ އަތުން ބާސެލޯނާ ބަލިވިއިރު ރެއާލް އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އަތުން ބަލިވީ 3-4 އިންނެވެ.
ބާސެލޯނާ އާއި ބިލްބާއޯ ވާދަކުރި މެޗްގައި ފެނުނު ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޖެހީ އިނާކީ ވިލިއަމްސް އެވެ. އަރިމަތިން އިބާއީ ގޯމޭޒް ނަގައިދިން ހުރަސް ކައިރީގައި ހުރި ސާޖިއޯ ބުސްކެޓްސް އަށް ފުރުސަތެއް ނުދީ އިނާކީ ގޯލަށް ވައްދާލީ މަޑުމަޑުން ބޮލުންޖަހަ އެވެ. މެޗްގެ ލީޑް ބިލްބާއޯ އިން ނެގުމުގެ ކުރިން ބާސެލޯނާ އަށް ލީޑު ހޯދައިދޭން އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ރަގަޅު ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް މެސީ ފޮނުވާލި ބާރު ހަމަލާ ބިލްބާއޯގެ ގޯލްކީޕަރު އުނާއި ސިމަން ވަނީ ދިފާއުކޮށްފަ އެވެ.
ބިލްބާއޯ އަތުން ބަލިވެ ބާސެލޯނާ މުބާރާތުން ރޭ ކެޓިއިރު އެ ޓީމް ވަނީ މިދިޔަ ހަ ސީޒަންގައިވެސް ކޮޕަ ޑެލްރޭގެ ފައިނަލްގައި ކުޅެފަ އެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލްގެ އަނެއް މެޗްގައި ފޯރިގަދަ ކުޅުމަކަށް ފަހު ރެއާލް ސޮސިއެޑާޑް އަތުން ރެއާލް މެޑްރިޑް ބަލިވި މެޗްގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީވެސް ރެއާލް ސޮސިއެޑާޑުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑުން ސޮސިއެޑާޑަށް ދޫކޮށްފައިވާ އުމުރުން 21 އަހަރުގެ ފޯވާޑް މާޓިން އޮޑިގާޑް އެވެ. އުމުރުން 15 އަހަރުގައި ރެއާލް މެޑްރިޑަށް ގެންދިޔަ ނޯވޭގެ މި ފޯވާޑްގެ ލަނޑަށްފަހު މެޗްގެ ފުރަތަމަ ހާފް ނިމިފައިވަނީ 0-1 އިން ސޮސިއެޑާޑް ކުރީގައި އޮވެގެންނެވެ.
މެޗްގެ ފަހު ހާފަށް ނުކުތްއިރު ރެއާލް މެޑްރިޑް ފަހަތުގައި އޮތް ނަމަވެސް އަނެއްކާވެސް ފެނުނީ ސޮސިއެޑާޑުން މެޗްގެ ފުރިހަމަ ކޮންޓްރޯލް އަތުލިތަނެވެ. އެއާއެކު މެޗްގެ ފަހު ހާފްގެ ދިހަ ވަރަކަށް މިނެޓް ހަމަވި ތަނާ ކަހަލަ ގޮތަކަށް އެޓީމުގެ އެލެގްޒެންޑާ އިސަކް ދެ ގޯލް ޖަހައި އެޓީމަށް ތިން ގޯލްގެ ލީޑެއް ހޯދައިދިނެވެ. އޭގެ ތިން މިނެޓް ފަހުން ރެއާލް މެޑްރިޑްގެ ބްރެޒިލް ޑިފެންޑަރު މާސެލޯ ގޯލެއް ޖަހައި އުއްމީދެއް ގެނެސްދިން ނަމަވެސް މެޗްގެ 69 ވަނަ މިނެޓްގައި ސޮސިއެޑާޑުގެ މިކެލް މެރީނޯ ގޯލެއް ޖަހައި ރެއާލް މެޑްރިޑްގެ އެ އުއްމީދުވެސް ފުނޑުފުނޑުކޮށްލި އެވެ.
އެހާ ހިސާބުން ދެން އަނެއްކާވެސް ފެނުނީ މެޗްގެ ނަތީޖާ ރެއާލް އިން އަނބުރާލުމާ ގާތަށް ދިޔަ މަންޒަރެވެ. މެޗްގެ 81 ވަނަ މިނެޓްގައި ރޮޑްރިގޯ ޖަހައިދިން ގޯލާއެކު ރެއާލް މެޑްރިޑުން ނަތީޖާ 2-4 އަށް ބަދަލުކޮށްފައިވަނިކޮށް މެޗްގައި ދެއްކި އިތުރު ވަގުތުގެ ތިން ވަނަ މިނެޓްގައި ރެއާލް މެޑްރިޑްގެ ޑިފެންޑަރު ނަޗޯ ވައްދާލި ގޯލާއެކު ރެއާލުން ފަރަގު ކުޑަކޮށް ދެ ޓީމްގެ ސަޕޯޓަރުންގެ ހިތްއަވަސްކޮށްލި އެވެ. އިތުރު ވަގުތުގެ ގޮތުގައި އޭރުވެސް ބާކީ ފަސް މިނެޓް އޮތުމާއި އެވަގުތުކޮޅުގެ ތެރޭގައި ސޮސިއެޑާޑުގެ ކުޅުންތެރިއަކަށް ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލުމާއެކު ރެއާލް މެޑްރިޑުން ނަތީޖާ ހަމަހަމަކޮށްފާނެ ކަމަށް ހީކުރެވުނު ނަމަވެސް މެޗް ނިމުނީ ސޮސިއެޑާޑަށް އިތުރު ނުރައްކަލަކާ ކުރިމަތިލާން ނުޖެހި އެވެ.
ކޮޕަ ޑެލްރޭގެ ކުއާޓާ ފައިނަލުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް ރޭ ބަލިވުމާއެކު މި މުބާރާތުގެ މިފަހަރުގެ ފައިނަލް ވާނީ 2010 ވަނަ އަހަރުގެ ފަހުން ސްޕެއިންގެ އެންމެ ބޮޑު ދެ ކްލަބްގެ ތެރެއިން ކްލަބެއް ނުހިމަނޭ ގޮތަށް ކުޅޭ ފުރަތަމަ ފައިނަލަށެވެ.