ފުރަތަމަ ސަފްޙާ / ޚަބަރު / ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭ ކަޕް މިމަހު ފަށަނީ

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭ ކަޕް މިމަހު ފަށަނީ

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 4 ފެބްރުއަރީ 2020

އެކިސަބަބުތަކާހެދި މިދިޔަ ދެ އަހަރު ނުބޭއްވުނު އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް މި މަހު އަލުން ފަށަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭ ކަޕް އެންމެފަހުން ބޭއްވީ 2017 ވަނަ އަހަރު އެވެ. 2018 ވަނަ އަހަރުގެ ސީޒަނުގެ އެފްއޭ ކަޕް ކެންސަލް ކުރީ ސީޒަން މާބޮޑަށް ދިގުލައިގެންދިއުމާ ގުޅިގެން ކްލަބްތަކާއެކު އެފްއޭއެމުން މަޝްވަރާކުރުމަށް ފަހު އެވެ. އެ އަހަރު ސީޒަން ދިގުލައިގެން ދިޔައީ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތަށް 70 ދުވަހަށް ލީގު މެދުކަނޑާލުމުންނެވެ. މިދިޔަ އަހަރު އެފްއޭ ކަޕް ނެތީ ޖޫން މަހު ސީޒަން ފެށުމުންނެވެ. އެހެންވެ އަލުން މި މުބާރާތް މި ފަށަނީ އެއް ސީޒަނުގެ މެދުކެނޑުމަކަށް ފަހު އެވެ.

2018 ވަނަ އަހަރުގެ ސީޒަނުގެ އެފްއޭ ކަޕް ނުކުޅޭއިރު މިނިވަން ދުވަހުގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއުމުން، ވިނަގަނޑަށް ލިބުނު ގެއްލުމާއެކު 2015 ވަނަ އަހަރުގެ އެފްއޭ ކަޕް ވެސް ކެންސަލްކުރި އެވެ. އެ އަހަރު ފުޓްބޯޅަ ކަލަންޑަރަށް ގެނައި ބަދަލާއެކު ޕްރެޒިޑެންޓްސް ކަޕް ކުޅުނީ ހދ. ކުޅުދުއްފުއްޓާއި ސ. ހިތަދޫގަ އެވެ.

އެފްއޭއެމުން ކްލަބްތަކާ ހިއްސާކޮށްފައިވާ ޝެޑިއުލުގައި ވާގޮތުން މިއަހަރުގެ އެފްއޭ ކަޕްގައި ވާދަކުރާނީ އަށް ޓީމަކުންނެވެ. ފުރަތަމަ ޑިވިޝަނުގައި މިހާރު ވާދަކުރާ އަށް ޓީމުގެ ތެރެއިން ހަ ޓީމުން މުބާރާތުގައި ބައިވެރިވިއިރު ދެން ބައިވެރިވީ ކްލަބް އޭދަފުށި، ވިލިމާލެ ޔުނައިޓެޑް އަދި ލެގޫންސް ސްޕޯޓްސް ކްލަބެވެ. ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތެރެއިން ބައިވެރިނުވަނީ ފ. ނިލަންދޫ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ އަދި މިހާރު ސަސްޕެންޑް ކޮށްފައިވާ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. މުބާރާތުގައި ބައިވެރިވި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަކީ ލީގު ޗެމްޕިއަން މާޒިޔާ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ.

އެފްއޭ ކަޕް ފަށަން ނިންމާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. ފުރަތަމަ ބުރުގައި ވާދަކުރާނީ ކްލަބް އޭދަފުއްޓާއި، ވިލިމާލެ ޔުނައިޓެޑް އަދި ލެގޫންސް އެވެ. މި ތިން ޓީމުގެ ތެރެއިން އެއް ޓީމު އޮޓަމެޓިކުން ދެ ވަނަ ބުރަށް ހޮވޭއިރު އަނެއް ދެޓީމު ވާދަކުރާ މެޗު އޮންނާނީ މުބާރާތް ފަށަން ހަމަޖައްސާފައިވާ މިމަހުގެ 27 ވާ ބުރާސްފަތި ދުވަހު އެވެ. މުބާރާތުގެ ދެ ވަނަ ބުރުގައި ވާދަކުރާ އަށް ޓީމުގެ މެޗުތައް ކުޅޭނީ ނޮކްއައުޓް އުސޫލަށެވެ. މި މެޗުތައް އޮންނާނީ މާޗް 5 ވާ ބުރާސްފަތި ދުވަހާއި މާޗް 6 ވަނަ ދުވަހު އެވެ. ސެމީ ފައިނަލް ދެ މެޗު މާޗް 15 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާޗް 19 ވަނަ ދުވަހު އެވެ. މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު އަދި ބާއްވާފައެއްނުވެ އެވެ.

އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމަށް އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ކޮލިފައިން އިން ފުރުސަތު ލިބޭނެ އެވެ. އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ހޯދާފައިވަނީ ލީގު ޗެމްޕިއަން މާޒިޔާ އެވެ. މާޒިޔާއިން އެއްފޭ ކަޕް ކާމިޔާބުކޮށްފި ނަމަ އޭއެފްސީ ކަޕްގެ ކޮލިފައިން ފުރުސަތު ލިބޭނީ ލީގުގެ ދެ ވަނަ ހޯދި އީގަލްސް އަށެވެ.

އެންމެ ފަހުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ފައިނަލުގައި ޓީސީ ބަލިކޮށް ހޯދީ ނިއު ރޭޑިއަންޓެވެ. އެޓީމުން 12 ވަނަ ފަހަރަށް އެފްއޭ ކަޕް ތަށި އުފުލާލީ ޓީސީން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެން 6-4 އިން މޮޅުވެގެންނެވެ. އެކަމަކު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާތީ މި ސީޒަނުގައި ނިއު ރޭޑިއަންޓުން ފުރަތަމަ ޑިވިޝަނުގައި ވާދައެއްނުކުރެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!