ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ށ. ފޯކައިދޫ ފުޓްބޯޅަ ޓީމު އަތުން 3-1 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ. ލީގުގެ ފަހު މެޗަށް ދެޓީމުން ވެސް ނުކުތްއިރު، މިއީ މި ބުރުގައި ދަ ގްރާންޑޭއަށް ލިބުނު ދެ ވަނަ މޮޅެވެ. ފޯކައިދޫން ލީގު ނިންމާލިއިރު ތިން ވަނަ ބުރުގައި އެޓީމަށް ޕޮއިންޓެއް ލިބިފައެއްނުވެ އެވެ.
ތިން ވަނަ ބުރުގައި ދަ ގްރާންޑޭއިން ފުރަތަމަ މޮޅު ހޯދީ ކްލަބް ގްރީން ސްޓްރީޓްސް އަތުންނެވެ. އެ މެޗުން 5-2 އިން މޮޅުވި ނަމަވެސް މާޒިޔާ، ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް އީގަލްސް އަތުން އެޓީމު ވަނީ ބަލިވެފަ އެވެ. ރޭގެ މޮޅާއެކު ދަ ގްރާންޑޭއަށް 21 މެޗުން ލިބުނު 27 ޕޮއިންޓާއެކު ލީގުގައި ލިބުނީ ފަސް ވަނަ އެވެ. ހަ ވަނަ ލިބުނު ފޯކައިދޫ އަށް 21 މެޗުން ލިބުނީ 20 ޕޮއިންޓެވެ. އެނގިފައިފާ ގޮތުގައި ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ލިބޭނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ. ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރީ ޗެމްޕިއަން މާޒިޔާ އާއި ދެ ވަނަ ހޯދި ކްލަބް އީގަލްސް، ތިން ވަނަ ކަށަވަރުކުރި ޓީސީ އަދި ހަތަރު ވަނަ ލިބުނު ގްރީން ސްޓްރީޓްސް އެވެ.
ދަ ގްރާންޑޭ އާއި ފޯކައިދޫ އަށް ސީޒަނުގައި ބާކީ އޮންނާނީ އެފްއޭ ކަޕެވެ. ދަ ގްރާންޑޭ އިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ ސީޒަން ފެށީ ވަރުގަދަކޮށެވެ. އެކަމަކު ގަދަ ހަތަރަކުން އެޓީމަށް ފުރުސަތު ގެއްލުނީ ފަހު ދެ ބުރުގައި ނަތީޖާތައް ދަށްވުމުންނެވެ. ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން ދަ ގްރާންޑޭ ވަނީ ހަތް މެޗުން މޮޅުވެ ހަ މެޗު އެއްވަރުކޮށްފަ އެވެ. މުހިއްމު ބައެއް މެޗުތަކުގައި އެޓީމުގެ ފަރާތުން ގޯލު ޖެހުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. ޓީމުގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ވެސް ވަނީ ޕޯސްޓް މެޗު އިންޓަވިއުތަކުގައި އެކިފަހަރު މަތީން އެކަން ފާހަގަކޮށްފަ އެވެ. 21 މެޗުގެ ތެރެއިން ދަ ގްރާންޑޭ ވަނީ އަށް މެޗުން ބަލިވެފަ އެވެ. ލީގުގައި 33 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ 32 ގޯލެވެ. ލީގުގައި ދަ ގްރާންޑޭ އިން ޖެހި 33 ގޯލުގެ ތެރެއިން 15 ގޯލު ޖެހީ އިރާގުގެ ފޯވާޑް އޮބައިދާ ކަދޫމް އަހުމަދު އެވެ. އޮބައިދާ އަކީ އެއް ފެންވަރެއްގައި ދަ ގްރާންޑޭ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
https://www.facebook.com/fahuminet/photos/a.1753563491332424/2846307565391339/?type=3&__xts__%5B0%5D=68.ARAPjHKTHiXIoP7jxfk14i1fW4BNaUvxjEubxEohXGEJB0SoBjm0Z0fZlYHUUa1oDVdaj1D02XktJK1cB29no0_xxwNriIwRsNImUBBIZkNSsK6CVsAM66Ci-R3-aEmGqayV4otozAiFg9bmJWRLnqOGh3AUiVbjTgPo2qfmYalIoGQnValCvfnysnlHCKGt7PE6asRPEBKH_ovqbOfrk0fD59MBWPA7M-sNlObiC9UwHfhiw_PiubkCpoEkLWoib8h6ngD93R6z23REuQq0445k_zjDlle10Gs4pOM8L808CcD01X-779smMHUB_26KZo-bRun_PWOiRmfCYG4nH96Q6hPU&__tn__=-R
އެތައް ގޮންޖެހުންތަކަކާއެކު ފޯކައިދޫ ވަނީ ލީގުގައި ރަނގަޅު ވާދައެއްކޮށްފަ އެވެ. އެޓީމަށް މައްސަލަތައް ކުރިމަތިވީ ލީގުގެ ފަހު ބުރަށް ނުކުތްއިރު މުހިއްމު ގިނަ ކުޅުންތެރިންތަކެއް އެހެން ކްލަބްތަކަށް ބަދަލުވުމެވެ. ލީގުގައި ފޯކައިދޫ ކުޅުނު 21 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވިއިރު ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ. އެޓީމު ވަނީ 11 މެޗުން ބަލިވެފަ އެވެ. 21 ގޯލު ޖެހިއިރު ފަހު ބުރުގައި ވަން ގިނަ ގޯލުތަކާއެކު ތިން ބުރުގައި އެޓީމު ކޮޅަށް ޖުމްލަ 46 ގޯލު ވަނެވެ.
ފޯކައިދޫ ޓީމުގެ ކެޕްޓަން ހުސައިން ފަޒީލްގެ ބަދަލުގައި ރޭ ބޭންޑް އަޅައިގެން ކުޅުނީ އިބްރާހީމް ހަސީބް އެވެ. ދަ ގްރާންޑޭ ޓީމުން ވެސް ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ބެންޗުގައި އިންއިރު ރޭ ކެޕްޓަންކަން ކުރީ ޔަސްފާދު ހަބީބު (މުލަކޭ) އެވެ. ދަ ގްރާންޑޭ ޓީމުން ފެނުނު އެންމެ ބޮޑު ބަދަލަކީ ގައުމީ ކީޕަރު މުހައްމަދު ފައިސަލްގެ ބަދަލުގައި ރޭ ޒުވާން ކީޕަރު އަބްދުﷲ އިޔާން އަލީމް އަށް ފުރުސަތު ދިނުމެވެ.
މެޗުގައި ދަ ގްރާންޑޭގެ ތިން ގޯލު ވެސް ޖެހީ އޮބައިދާ އެވެ. ފޯކައިދޫގެ ހަމައެކަނި ގޯލު ޖެހީ ހަސަން ފުވާދު އެވެ. މެޗުގެ ފުރަތަމަ ގޯލު އޮބައިދާ ޖެހީ 37 ވަނަ މިނެޓުގަ އެވެ. ފޯކައިދޫން މެޗުގެ ނަތީޖާ ހަމަހަމަކުރީ އޭގެ ދެ މިނެޓު ފަހުންނެވެ. ތިން ވަނަ ބުރުގައި ފޯކައިދޫ ޓީމުގެ ފުރަތަމަ ގޯލު ފުވާދު ޖެހީ ނަގައިދިން ހުރަހެއް ކީޕަރު އިޔާން އަތުލަން އުޅުމުގެ ތެރޭގައި ދޫވެގެން ލިބުނު ބޯޅަ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އޮބައިދޫ ދަ ގްރާންޑޭގެ ފަހު ގޯލުތައް ކާމިޔާބުކޮށްދިނީ 79 އަދި 87 ވަނަ މިނެޓުގަ އެވެ.
އީގަލްސް އާއި މާޒިޔާ ވާދަކުރާ ލީގުގެ ފަހު މެޗު އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ހަވީރު އެވެ. ފަހު މެޗު އެދުވަހަށް ޝެޑިއުލް ކުރީ މި މަހު މާޒިޔާއިން އޭއެފްސީ ކަޕް ޕްރިލިމިނަރީ ކޮލިފައިން ބުރުގައި ވާދަކުރާތީ އެވެ.