ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިޝާން އިބްރާހީމް (ސައްޓު) ޖެހި ގޯލުތަކުން ށ. ފޯކައިދޫ ފުޓްބޯޅަ ޓީމު އަތުން ޓީސީ ސްޕޯޓްސް ކްލަބް މިރޭ މޮޅުވެއްޖެ އެވެ. 4-0 އިން ޓީސީ މޮޅުވި މެޗުގައި ދަގަނޑޭ އާއި ސައްޓު، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ.
މިދިޔަ ސީޒަނުގެ ރަން ބޫޓު 42 ގޯލު ޖަހައިގެން ހޯދި ދަގަނޑޭ ވަނީ މި ސީޒަނުގައި މިހާތަނަށް 18 ގޯލު ޖަހައިފަ އެވެ. ލީގުގެ ފުރަތަމަ ދެ ބުރުގައި ކްލަބް ގްރީން ސްޓްރީޓްސްގައި 15 ގޯލު ޖެހިއިރު ޓީސީ އަށް ބަދަލުވެ ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ދަގަނޑޭ ވަނީ ތިން ގޯލު ޖަހައިފަ އެވެ. ލަނޑު ލިސްޓުގެ ދެ ވަނައިގައި މިވަގުތު ދަގަނޑޭ އޮތްއިރު އެއް ވަނައިގައި އޮތީ 23 ގޯލު ޖަހާފައިވާ ކްލަބް އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ދިވެހި ކުޅުންތެރިންގެ ތެރެއިން ތިން ވަނައިގައި އޮތީ 13 ގޯލު ޖަހާފައިވާ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. މިރޭ ޖެހި ދެ ގޯލާއެކު ސައްޓު ވަނީ ސީޒަނުގައި 12 ގޯލު ޖަހައިފަ އެވެ. މިދިޔަ ސީޒަނުގައި ޓީސީ އަށް ސައްޓު ޖަހައިދިން ގޯލުގެ އަދަދަކީ ވެސް 12 އެވެ.
މިރޭގެ މެޗު ފެށުމުގެ ކުރިން ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރިއަށްގެންދާ ކެމްޕޭނުގައި ދެޓީމުން ވަނީ ބައިވެރިވެފަ އެވެ. މެޗު ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިންނާއި މެޗު އޮފިޝަލުން ވަނީ ޗައިލްޑް އެބިއުސްއާ ދެކޮޅަށް ހަދާފައިވާ ބެނާއާ އެކު ފޮޓޯ ނަގައިފަ އެވެ. ލީގުގައި މިއަދު ހަވީރު މާޒިޔާއާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި ވެސް މި ހަރަކާތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅު ކެމްޕޭނުގައި ދެޓީމުގެ ކުޅުންތެރިންނާއި މެޗު އޮފިޝަލުން ފޮޓޯއަކަށް ހުއްޓިގެން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް
މޮޅާއެކު އެއް މެޗު އިތުރަށް ކުޅޭ ޓީސީ ވަނީ ލީގުގެ ދެ ވަނަ މަގާމަށް ޖެހިލާފަ އެވެ. އެޓީމަށް 19 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް އީގަލްސް އަށް 18 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ. ލީގުގައި މާދަމާ ހަވީރު ކްލަބް ގްރީން ސްޓްރީޓްސްއާ ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ޕޮއިންޓުގެ ގޮތުން ޓީސީއާ އެއްވަރުކޮށް ގޯލުގެ ތަފާތުން ކުރިލިބި އީގަލްސްއަށް ދެ ވަނަ ލިބޭނެ އެވެ. ލީގުގެ އެއް ވަނައިގައި 50 ޕޮއިންޓާއެކު އޮތީ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ އެވެ.
މިރޭ ޓީސީގެ ފުރަތަމަ ދެ ގޯލު ޖެހީ ސައްޓު އެވެ. 16 ވަނަ މިނެޓުގައި ސައްޓު ފުރަތަމަ ގޯލު ޖެހީ ކައިރީގައި ހުރި ފޯކައިދޫގެ ދެ ކުޅުންތެރިން ކައިރިން ކަޓުވާލުމަށް ފަހު ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ. 33 ވަނަ މިނެޓުގައި ސައްޓު ދެ ވަނަ ގޯލު ޖެހީ އިސްމާއީލް އީސާ (މެސީ) ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ސައްޓު ޖެހި ބޯޅަ ގޯލަށް ވަނީ ފޯކައިދޫގެ ގޯލްކީޕަރު ތޮލާލް ހަސަން (ތޮލާ) އަތުގައި ޖެހިފަ އެވެ.
ޓީސީގެ ފަހު ދެ ގޯލު ޖެހީ ދަގަނޑޭ އެވެ. 68 ވަނަ މިނެޓުގައި ދަގަނޑޭ ފުރަތަމަ ގޯލު ޖެހީ އަބްދުލް ވާހިދު އިބްރާހީމް (ވާޑު) ނަގައިދިން ހުރަހަކުން ބޮލުންނެވެ. ދަގަނޑޭގެ ގޯލަށް ވާޑު އެހީތެރިވެދިނީ އަލީ ޝާމިސް (ތޮއްޕޭ) ގެ ބަދަލުގައި ކުޅެން އެރިތާ މިނެޓެއް ތެރޭގަ އެވެ. ޓީސީގެ ހަތަރު ވަނަ ގޯލު ދަގަނޑޭ ޖެހީ މެޗުގެ 82 ވަނަ މިނެޓުގަ އެވެ. ދަގަނޑޭ ޖެހި ބޯޅަ ކީޕަރު ތޮލާ އަތުގައި ޖެހިފައި ނުކުތުމުން ދެ ވަނަ ފަހަރަށް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ. ދަގަނޑޭ އެ ބޯޅަ ދެ ވަނަ ފަހަރަށް ފޮނުވާލިއިރު ފޯކައިދޫގެ ފަސް ވަރަކަށް ކުޅުންތެރިން އޭރިޔާ ތެރޭގައި ތިއްބެވެ.
ދެ ވަނަ ހާފުގައި ޓީސީން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. އެޓީމުގެ ސައްޓު އާއި ދަގަނޑޭ މި ހާފުގައި ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ކީޕަރު ތޮލާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބޮޑަށް ކައުންޓަ އެޓޭކުގައި ކުޅެމުންދިޔަ ފޯކައިދޫ އަށް ވެސް މިރޭގެ މެޗުގައި ލަނޑު ޖަހާނެ މަދު ފުރުސަތުތައް ލިބިފައިވެ އެވެ. އެކަމަކު އެޓީމަށް ދިމާވީ ގޯލު ނުޖެހުމުގެ މައްސަލަ އެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދެ ގޯލު ޖެހި ދަގަނޑޭ އެވެ.
މިރޭގެ މެޗުގެ ދެ ވަނަ ހާފުގައި ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ ޑިފެންޑަރު މުހައްމަދު އަޖުފާންގެ ބަދަލުގައި ކުރިން ޓީސީގައި މޮޅު ކުޅުމެއް ދެއްކި ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ކުޅެން އަރުވައިފަ އެވެ. ޓީސީއާ އެކު 2018 ވަނަ އަހަރު ލީގު ކާމިޔާބު ކުރުމަށް ފަހު ބެންޖޯ މި ސީޒަނުގައި ބަދަލުވީ މާޒިޔާ އަށެވެ. އަލުން ޓީސީއާ ގުޅުނީ މި މަހު ނިމުނު ޓްރާންސްފާ ބާޒާރުގަ އެވެ.
ލީގުގައި މާދަމާ އީގަލްސްއާ ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗު ކުޅޭނީ ހަވީރު އެވެ.