އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ރޭ ރަށުން ބޭރުގައި 2-1 އިން ވުލްވްސް ބަލިކުރި މެޗުގައި ސަޑިއޯ މާނޭއަށް އަނިޔާވެއްޖެ އެވެ. މާނޭގެ ކުޑަކަޅުވާ އަށް އަނިޔާވެ ރޭގެ މެޗުގެ 33 ވަނަ މިނެޓުގައި ވަނީ ބަދަލުކޮށްފަ އެވެ. މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މާނޭގެ އަނިޔާގެ ސީރިއަސްކަން އެނގޭނީ މިއަދު އިތުރަށް ބެލުމަށް ފަހުގައި ކަމަށެވެ.
އެފްރިކާގެ މޮޅު ކުޅުންތެރިޔާ މާނޭ އަށް އަނިޔާވީ މުހައްމަދު ސަލާހް ދިން ޕާހެއް ހޯދަން ދުއްވައިގަތް ވަގުތު އެވެ. އަނިޔާވުމުން ބަދަލުގައި ކުޅެން އެރީ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އޮސްޓްރިއާގެ ރެޑްބުލް ސާލްޒްބާގުން ލިވަޕޫލާ ގުޅުނު ޖަޕާން ކުޅުންތެރިޔާ ޓަކޫމީ މިނަމީނޯ އެވެ. ރޭގެ މެޗަކީ ޕްރިމިއާ ލީގުގައި ލިވަޕޫލާއެކު މިނަމީނޯގެ ފުރަތަމަ ފެނިލުމެވެ.
“ސަޑިއޯ އަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުމަކީ ވަރަށް ދެރަކޮށް ވީކަމެއް. އުއްމީދުކުރަނީ އެއީ އެހާ ބޮޑު އަނިޔާއަކަށް ނުވާނެ ކަމަށް. މަސްގަނޑަށް އައި ލޮޅުމެއް އެއީ. އެކަމަކު މާދަމާ (މިއަދު) ބެލީމާ އެނގޭނީ” ސެނެގޯލްގެ މާނޭގެ އަނިޔާއާ ގުޅޭގޮތުން މެޗަށް ފަހު ކްލޮޕް ބުންޏެވެ.
ލިވަޕޫލުން މި ސީޒަނުގެ ލީގު މެޗަކުން ބަލިވެފައިނުވާއިރު މާނޭ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ސީޒަނުގެ ހުރިހާ މުބާރާތެއްގައި މާނޭ ވަނީ ލިވަޕޫލަށް 15 ގޯލު ޖަހައިދީފަ އެވެ.
“ބުނާކަށް ނޭނގެ ކިހާ ދުވަހެއް ނަގާނެކަމެއް ކުޅުމުގެ ތެރެއަށް އަންނަން. އަހަރެމެން މިތިބީ މަޑުކޮށްގެން” ކްލޮޕް ބުންޏެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު ކުރީކޮޅު ޖަހައިދިނީ ކެޕްޓަން ޖޯޑެން ހެންޑަސަން އެވެ. މެޗުގެ ދެ ވަނަ ހާފުގައި ވުލްވްސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ މެކްސިކޯގެ ފޯވާޑް ރައުލް ހިމެނޭޒް އެވެ. ލިވަޕޫލުން މެޗު ކާމިޔާބުކުރީ މެޗުގެ ފަހުކޮޅު ރޮބާޓޯ ފިރްމީނޯ ވައްދާލި ގޯލުންނެވެ.
މޮޅާއެކު ލިވަޕޫލުން މިހާރު ވަނީ ލީގުގައި ބަލިނުވެ 40 މެޗު ހަމަކޮށްފަ އެވެ. އެއީ މި ސީޒަނުގެ 23 މެޗާއި މިދިޔަ ސީޒަނުގެ ލީގުގެ ފަހު 17 މެޗު ހިމަނައިގެންނެވެ. ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅެފައިވަނީ 49 މެޗު ހަމަކޮށްފައިވާ އާސެނަލެވެ. ދެ ވަނައިގައި އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ތައާރަފްވުމުގެ ކުރިން 42 މެޗު ހަމަކުރި ނޮޓިންހަމް ފޮރެސްޓެވެ. ލިވަޕޫލާ އެއްވަރަށް ޗެލްސީ ވެސް ވަނީ ބަލިނުވެ 40 މެޗު ހަމަކޮށްފަ އެވެ. އަންނަ ބުރާސްފަތި ދުވަހު ލީގުގައި ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ޗެލްސީ ހަދާފައިވާ ރެކޯޑް ލިވަޕޫލަށް މުގުރާލެވޭނެ އެވެ. އާސެނަލްގެ ރެކޯޑާ އެއްވަރުކުރަން އެޓީމުން ޖެހޭނީ 49 ވަނަ މެޗުގައި ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީ އަތުން ބަލިނުވެ ހިފަހައްޓާލާށެވެ.
ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 67 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް 51 ޕޮއިންޓް ލިބިފައިވާއިރު 48 ޕޮއިންޓާއެކު ލެސްޓަ ސިޓީ އޮތީ ތިން ވަނައިގަ އެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ ސިޓީ އާއި ލެސްޓާއަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.
ވެސްޓް ހޭމް ބަލިކޮށްގެން އެއް ވަނައިގައި އެޓީމަށް 19 ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ. ސީޒަނުގެ ފަހުކޮޅަ ހަމައަށް ދާއިރު ލިވަޕޫލަށް އެތް ބޮޑު ލީޑު އެހެން ޓީމަކަށް އަތުލެވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އެހެންވެ މިއީ 30 އަހަރަށް ފަހު އެޓީމުން ލީގު ތަށި އުފުލާލާނެ ފުރަތަމަ ފަހަރުކަން ގާތްގަނޑަކަށް މިހާރު ވަނީ ޔަގީންވެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގު 1992 ވަނަ އަހަރު ތައާރަފްވި ފަހުން އެޓީމަށް މިހާތަނަށް ޗެމްޕިއަންކަން ހޯދިފައެއްނުވެ އެވެ.