ފުރަތަމަ ސަފްޙާ / ޚަބަރު / ކާމިޔާބީ ފާހަގަކުރަން ގައުމަށް ނުދެވުމުން މާނޭ މާފަށް އެދިއްޖެ

ކާމިޔާބީ ފާހަގަކުރަން ގައުމަށް ނުދެވުމުން މާނޭ މާފަށް އެދިއްޖެ

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 10 ޖެނުއަރީ 2020

ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯޅައިން ހޮވާ ސަރަހައްދުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުމަށް ފަހު އުފަން ގައުމު ސެނެގޯލަށް ނުދެވުމުން ސަޑިއޯ މާނޭ ގައުމުގެ ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ އެވެ. މާނޭއަށް އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ މިދިޔަ އަންގާރަ ދުވަހު އެވެ.

މިސްރުގައި އޮތް ހަލްފާގައި މާނޭ އެވޯޑް ހޯދީ އޭނާއާ އެކު ލިވަޕޫލަށް ކުޅޭ މުހައްމަދު ސަލާހް އާއި މެންޗެސްޓަރ ސިޓީގެ ރިޔާދް މާރޭޒްއާ ވާދަކޮށެވެ. މާނޭ ސެނެގޯލަށް ދިއުމަށް ޝެޑިއުލް ކުރީ ބުދަ ދުވަހު އެވެ. އެދުވަހު މާނޭގެ ކާމިޔާބީ ފާހަގަކުރުމަށް ސެނެގޯލްގެ ވެރިރަށް ދަކާރް ގައި ރަސްމިއްޔާތެއް ވެސް ބާއްވަން އޮތީ ހަމަޖެހިފަ އެވެ. އެގައުމުގެ މިއުޒިއަމް އޮފް ބްލެކް ސިވިލައިޒޭޝަންސް އިން އިންތިޒާމުކުރި މި ރަސްމިއްޔާތުގައި ގައުމުގެ ރައީސް މެކީ ސާލް ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެއްސި އެވެ.

ސެނެގޯލަށް ކުރަން އޮތް ދަތުރު ކެންސަލް ކުރަން މާނޭއަށް މަޖުބޫރުވީ މިސްރުން ސެނެގޯލަށް އަމިއްލަ ޖެޓްގައި ކުރާ ދަތުރުގައި ޓިއުނީޝިއާ ސަރަހައްދުން އުދުހުމުގެ ހުއްދަ ނުލިބުމުގެ ސަބަބުންނެވެ. ލިވަޕޫލުން ބުނީ މާނޭ ދަތުރުކުރަން ޖެހޭ ޝެޑިއުލްގައި އެކަން ނުކުރެވުމަކީ ކްލަބާއި ކުޅުންތެރިޔާގެ ކޮންޓްރޯލުގައި އޮތް ކަމެއް ނޫން ކަމަށެވެ.

“އަހަރެން ނިންމީ ފުރަތަމަ ސެނެގޯލަށް ގޮސް ގައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރަން. އަހަރެންނަށް އެނގޭ މި ދަތުރުގައި ގައުމުގެ ރައްޔިތުން ކޮށްދިން ކަންތައްތައް. އެކަމަކު ކަންތައް ދިމާވިގޮތުން ދެވޭ ގޮތެއް ނުވި” ލިވަޕޫލްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މާނޭ ބުންޏެވެ.

ގައުމަށް ނުދެވުމުން މާނޭ ވަނީ އޭނާގެ ކްލަބް ލިވަޕޫލާ ގުޅިފަ އެވެ. މިދިޔަ އަހަރު އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމް މާނޭ ހޯދިއިރު އޭނާ ވަނީ ލިވަޕޫލާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޔޫއެފާ ސުޕަރ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި، އެފްރިކާ ކަޕްގެ ފައިނަލުގެ ރަނަރަޕް ޓީމަކީ ސެނެގޯލް އެވެ. މިދިޔަ އަހަރުގެ ބެލޮންޑިއޯ އެވޯޑުގެ ހަތަރު ވަނަ ހޯދި މާނޭ އަކީ މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓު ހޯދި ތިން ކުޅުންތެރިންގެ ތެރެއިން އެކަކެވެ. މި ސީޒަނުގައި ލިވަޕޫލަށް މާނޭ މިހާތަނަށް ވަނީ 15 ގޯލު ޖަހައިދީފަ އެވެ.

“ހަފްތާ ބަންދުގައި ޓޮޓެންހަމާ ދެކޮޅަށް އޮތީ ބޮޑު މެޗެއް. އެ މެޗަށް އަހަރެން ވަރަށް ސަމާލުވެ ތައްޔާރުވާންޖެހޭ. އެކަމަކު އަމިއްލަ ކޮންޓްރޯލުން ބޭރުގައި އޮތް ކަމަކާ ހެދި ޝުކުރު އަދާކުރަން ގައުމަށް ނުދެވުމަކީ ހަގީގަތުގަ އަހަރެން މާޔޫސްވާ ކަމެއް” ލިވަޕޫލާއި ސެނެގޯލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ ބުންޏެވެ.

މާނޭ ބުނީ ލިބޭ ފުރުސަތެއްގައި ވީ އެންމެ އަވަހަކަށް ސެނެގޯލަށް ދާނެ ކަމަށެވެ. މާނޭ އޭނާގެ ގައުމަށް ދާނެ ކަމަށް ބެލެވެނީ އަންނަ މާޗް މަހުގެ ފަހުކޮޅު އޮންނަ ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ކުޅޭ ދުވަސްވަރު ގައުމީ ޓީމު ތަމްސީލު ކުރުމަށެވެ.

ސެނެގޯލްގެ ބަމްބާލީ ވިލެޖަށް އުފަންވެ އެތަނުގައި މާނޭ އުޅެ ބޮޑުވީ ނިކަމެތި ހާލުގަ އެވެ. މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމަށް ފަހު މާނޭ އަންނަނީ އޭނާ ނިސްބަތްވާ ވިލެޖުގެ މީހުންނާއި ސަރަހައްދުގެ ތަރައްގީގެ ކަންކަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހިތްތިރި މާނޭ އަކީ ބަމްބާލީގެ ރައްޔިތުންގެ އިތުރުން ސެނެގޯލާއި ދުނިޔޭގެ އެތައް ސަޕޯޓަރުންނެއްގެ ލޯބި ލިބިފައިވާ ކުޅުންތެރިއެކެވެ.

“ވީ އެންމެ އަވަހަކަށް ސެނެގޯލަށް ދާނަން. ސަބަބަކީ އެއީ އަހަރެންނަށް ވަރަށް މުހިއްމު ކަމެއް. އެންމެން އަހަރެންނަށް ކޮށްދިން ކަންތައްތައް ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ. އަދި އަހަރެން ބަލައިގަނެ އަދި ފުޓްބޯޅައިން އަހަރެންނަށް ފުރުސަތު ދިން އެންމެންގެ މަތިން ވެސް ހަނދާނެއް ނުނެތޭނެ” މާނޭ ބުންޏެވެ.

މާނޭ ވެފައިވަނީ 2002 ވަނަ އަހަރުގެ ފަހުން އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެ އަހަރު އެވޯޑް ހޯދީ ޖަޕާނާއި ދެކުނު ކޮރެއާގައި އޮތް ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދެއްކި އެލް ހާޖީ ދިއޫފް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!