ފުރަތަމަ ސަފްޙާ / ޚަބަރު / ޔޫވީ އާއި ނިލަންދޫ ނުހިމަނައި ތިން ވަނަ ބުރު ކުރިއަށް ގެންދަނީ

ޔޫވީ އާއި ނިލަންދޫ ނުހިމަނައި ތިން ވަނަ ބުރު ކުރިއަށް ގެންދަނީ

އެޑްމިން
އެޑްމިން
6 އަހަރު ކުރިން 9 ޖެނުއަރީ 2020

ފ. ނިލަންދޫ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ ނުހިމަނައި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރު ކުރިއަށް ގެންދަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ. މިއަދު ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު ނިންމި ނިންމުމާއެކު ތިން ވަނަ ބުރުގައި ވާދަކުރާނީ ދެ ވަނަ ބުރުގެ އެންމެ ކުރި ހޯދި ހަ ޓީމެވެ.

ތިން ވަނަ ބުރުގައި ވާދަކުރާނެ ހަ ކްލަބަކީ މިވަގުތު އެއް ވަނައިގައި އޮތް މާޒިޔާ އާއި ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމެވެ. ދެ ވަނަ ބުރު ނިމުނުއިރު ޔުނައިޓެޑް ވިކްޓްރީ ހަތް ވަނައިގައި އޮތްއިރު އަށް ވަނައިގައި އޮތީ ނިލަންދޫ އެވެ. ފުލުގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބް ވަނީ މާލީ އަދި އެހެނިހެން މައްސަލަތަކާއި ގުޅިގެން ދެ ވަނަ ބުރުގެ ވަކި ހިސާބަކުން ލީގުން ސަސްޕެންޑް ކޮށްފަ އެވެ. ސަސްޕެންޑް ކުރި ފަހުން ވިކްޓްރީއާ ދެކޮޅަށް ކުޅެން އޮތް މެޗުތައް ވަނީ އިދިކޮޅު ޓީމަށް ލިބޭގޮތް ހަދައިފަ އެވެ.

ހަ ޓީމާއެކު ތިން ވަނަ ބުރު ކުރިއަށްގެންދަން ނިންމީ ކްލަބްތަކުގެ މާލީ ހާލަތު ދަށްވެ ބައެއް ކްލަބްތަކުން އެގޮތަށް ބޭނުންވުމުންނެވެ. އެކަމަކު ބައެއް ކޯޗުން ތިން ވަނަ ބުރާމެދު ގޮތެއް ނިންމުން ލަސްވުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަނެއްކޮޅުން މިހާރު ހުޅުވިފައިވާ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ކްލަބް ބަދަލުކުރުމުން ބައެއް ކްލަބްތައް ވަނީ ނިކަމެތިވެފަ އެވެ.

ލީގުގެ ދެ ވަނަ ބުރުގައި ބާކީ އޮތީ އަންނަ އާދީއްތަ ދުވަހު ޓީސީ އާއި އީގަލްސް ވާދަކުރާ މެޗެވެ. އެފްއޭއެމުން ކްލަބްތަކާ ހިއްސާކޮށްފައިވާ ޝެޑިއުލުގައިވާ ގޮތުން ތިން ވަނަ ބުރު ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ފޯކައިދޫ އެވެ. އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސް އެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ޓީސީ އެވެ. ލީގުގެ ކުޅުން ނިމޭނީ މާޗް މަހުގެ ދެ ވަނަ ދުވަހު އެވެ.

ޝެޑިއުލްގައި ވާގޮތުން ފެބްރުއަރީ ދެ ވަނަ ދުވަހަށް ފަހު އެއް މަސް ދުވަހުގެ މުއްދަތަކަށް ލީގު މެދުކަނޑާލާނެ އެވެ. އެއީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި މާޒިޔާ އާއި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާއާ ވާދަކުރާ މެޗުތަކަށާއި ޕްލޭ އޮފް މެޗުތަކަށެވެ. އަބަހާނީ އަތުން މޮޅުވެއްޖެ ނަމަ ޕްލޭ އޮފްގައި މާޒިޔާ ކުޅެން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރު އެފްސީއާ އެވެ. އަބްހާނީއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު އަންނަ މަހުގެ ފަސް ވަނަ ދުވަހު ޑާކާގައި ކުޅޭއިރު ދެ ވަނަ ލެގްގެ މެޗު ގަލޮޅު ދަނޑުގައި އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. ޕްލޭ އޮފް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 19 އަދި 26 ވަނަ ދުވަހު އެވެ. އޭއެފްސީ ކަޕްގެ ކޮލިފައިން އަށް ލީގު މެދުކަނޑާލާއިރު ބާކީ އޮންނާނީ އެންމެ މެޗެކެވެ. އެހެންވެ، ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާ ގިނަ ޓީމުތަކަށް ލީގު ނިމޭނެ އެވެ.

ލީގަށް ފަހު ސީޒަނުގައި ބާކީ އޮންނާނީ އެފްއޭ ކަޕާއި ގައުމީ މުބާރާތެވެ. މީގެ ތެރެއިން އެފްއޭ ކަޕްގައި ވާދަކުރުމުގެ ފުރުސަތު ޓީމުތަކަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ގައުމީ މުބާރާތުގައި ވާދަކުރާނެ ކަމަށް ބެލެވެނީ ލީގުގެ ގަދަ ހަތަރު ޓީމެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!