ސިޓީގެ ހާލަތު ގޯސްކަމަށް ގާޑިއޯލާ އެއްބަސްވެއްޖެ
މެންޗެސްޓާ ސިޓީ އޮތީ ގޯސް ހާލަތުގައި ކަމަށާއި ކޯޗެއްގެ ގޮތުގައި އޭނާގެ ޒިންމާއަކަށް ވާނީ ޓީމު ހަމައަކަށް އަޅުވާނެ ގޮތެއް ހޯދުން ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ސިޓީ ވަނީ ރަށުން ބޭރުގައި އެސްޓަން ވިލާއާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ. އެ މެޗުގައި ސިޓީގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.
މިދިޔަ ސީޒަން ސިޓީ ނިންމާލީ އިނގިރޭސި ޕްރިމިއާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގު އަދި އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށް ތާރީހުން ޖާގަ ހޯދައިގެންނެވެ. އެކަމަކު މިދިޔަ ސީޒަނުގެ މޮޅު ކުޅުން މިފަހަރު އަދި ސިޓީ އަށް ތަކުރާރެއް ނުކުރެވެ އެވެ.
ލީގުގައި ސިޓީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ލީގު އެއް ވަނައިގައި އޮތް އާސެނަލްއާ ސިޓީއާ ދެމެދު މިހާރު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
އެސްޓަން ވިލާ މެޗުގެ ކުރިން ގާޑިއޯލާ ބުނީ މި ސީޒަނުގައި ވެސް ސިޓީ އަށް ލީގު ޗެމްޕިއަންކަން ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެކަމަކު އެ މެޗަށް ފަހު ގާޑިއޯލާގެ ރާގު ބަދަލުވެ ސިޓީ އިން ހޭދަކުރަނީ އުނދަގޫ ދުވަސްތަކެއް ކަމަށް ވަނީ ބުނެފަ އެވެ.
“ސިޓީގެ ލެވެލް އެނގޭ. މެނޭޖަރެއްގެ ހައިސިއްޔަތުން އަހަރެންނަށް އޮންނާނީ ގޮތެއް ހޯދުން. އަހަރެމެންގެ ހާލަތު ގޯސް. އެކަން ބަދަލުކުރަން އަހަރެން މިހުރީ އެހީވާން” އެސްޓަން ވިލާ މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.
މި ސީޒަނުގައި ސިޓީ ބަލިވި ހަތަރު މެޗުގައި ވެސް އެޓީމުގެ މުހިއްމު މިޑްފީލްޑަރު ރޮޑްރީ ކުޅެފައެއްނުވެ އެވެ. އެސްޓަން ވިލާ މެޗުގައި ރޮޑްރީ އަށް ނުކުޅެވުނީ ސަސްޕެންޝަނުގެ ސަބަބުންނެވެ.
ރޮޑްރީ ޓީމުގައި ހުރެގެން އެންމެ ފަހުން ކުޅުނު 43 މެޗުން ވެސް ސިޓީ ބަލިވެފައެއްނުވެ އެވެ. ގާޑިއޯލާ ބުނީ ރޮޑްރީ ނުލައި މޮޅުވާނެ ގޮތްތަކެއް އެޓީމުން ހޯދަންޖެހޭ ކަމަށެވެ.
ޕްރިމިއާ ލީގުގައި މެޗަކުން މޮޅުނުވެ މިހާ ގިނަ ދުވަސް މީގެކުރިން ސިޓީ ހޭދަކުރީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ޗެލްސީ އާއި ލިވަޕޫލް އަދި ޓޮޓެންހަމްއާ ވާދަކޮށް އެއްވަރުވީ އެވެ. ބަލިވީ ހަމައެކަނި އެސްޓަން ވިލާ އަތުންނެވެ.
ލީގުގެ ފުރަތަމަ 15 މެޗުގައި ސިޓީ ކޮޅަށް ވަނީ 17 ގޯލު ވަދެފަ އެވެ. ސިޓީގެ ޑިފެންސް މީގެކުރިން އެހާ ދަށްކޮށް ފެނުނީ 10-2009 ވަނަ ސީޒަނުގަ އެވެ. އެފަހަރު ސިޓީ ނިންމާލީ ފަސް ވަނައިގަ އެވެ.
އެސްޓަން ވިލާ މެޗުގައި ގޯލާ އަމާޒުކޮށް ސިޓީ އަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާ އެވެ. އެއީ ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ސިޓި އާއި ބަޔާން މިއުނިކް އަދި ބާސެލޯނާ ކުޅުނު ލީގު 535 މެޗުގައި އެންމެ ދަށް ރެކޯޑެވެ.
Advertisement
Leave a Reply