ސިޓީގެ ފިލިޕްސް ލޯނު އުސޫލުން ވެސްޓް ހޭމް އަށް
މެންޗެސްޓާ ސިޓީގެ އިނގިރޭސި މިޑްފީލްޑަރު ކެލްވިލް ފިލިޕްސް ލޯނު އުސޫލުން ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލުވެއްޖެ އެވެ.
ސިޓީ އިން ފިލިޕްސް، 28، ލޯނު އުސޫލުން މި ސީޒަނުގެ ނިޔަލަށް ދޫކޮށްލީ، ސީޒަނަށް ފަހު ވެސްޓް ހޭމް އިން ބޭނުންވިޔަސް ދާއިމީކޮށް ނުގަނެވޭ ގޮތަށެވެ.
ލީޑްސް ޔުނައިޓެޑްގައި ވިދާލި ފިލިޕްސްގެ ސޮއި ސިޓީ އިން 2022 ވަނަ އަހަރުގެ ޖުލައި މަހު ހޯދީ 57 މިލިއަން ޑޮލަރަށެވެ.
ވެސްޓް ހޭމް އަށް ބަދަލުވުމަށް ފަހު ފިލިޕްސް ބުނީ ސީޒަނުގެ ދެ ވަނަ ހާފުގައި ބުރަ މަސައްކަތް ކުރަންޖެހޭ ކަމަށާއި، ބޭނުންވަނީ އޭނާގެ ހުރި ފެންވަރު ވެސްޓް ހޭމްގައި ދައްކަން ކަމަށެވެ.
ސިޓީ އަށް ބަދަލުވެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދަން ފިލިޕްސް އަށް އުނދަގޫވި އެވެ. މިދިޔަ 18 މަސްތެރޭ ސިޓީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ފިލިޕްސް ލީގުގައި ކުޅުނީ އެންމެ ދެ މެޗުގަ އެވެ.
ވެސްޓް ހޭމް އިން ފިލިޕްސްގެ ގެންދިޔައީ ނިއުކާސަލް ޔުނައިޓެޑާއި ކްރިސްޓަލް ޕެލެސްގެ އިތުރުން ޔުވެންޓަސް އިން އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ.
މި ސީޒަނުގައި ވެސްޓް ހޭމް އިން އަންނަނީ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެ ޓީމު، ލީގުގެ ހަ ވަނައިގައި އޮތްއިރު ޔޫއެފާ ޔޫރޮޕާ ލީގުގެ ނޮކައުޓް ބުރުން ވަނީ ފުރުސަތު ހޯދާފަ އެވެ.
ވެސްޓް ހޭމް އިން ފިލިޕްސްގެ ސޮއި ހޯދަން މަޖުބޫރުވީ މިޑްފީލްޑަރު ލޫކަސް ޕަކޭޓާ އާއި ފޯވާޑް މިކައިލް އެންޓޯނިއޯ އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުމެވެ. އަދި އެޓީމުގެ މިޑްފީލްޑަރު އެޑްސަން އަލްވަރޭޒް ވެސް މިވަގުތު ހުރީ އަނިޔާގަ އެވެ.
ސިޓީގައި ހޭދަކުރި މުއްދަތުގައި ފިލިޕްސް ކާމިޔާބުކުރީ އެންމެ ގޯލެކެވެ. އެ ގޯލު ޖެހީ ޗެމްޕިއަންސް ލީގުގައި ރެޑް ސްޓާ ބެލްގެރޭޑާ ދެކޮޅަށެވެ.
މިދިޔަ ސީޒަނުގައި ސިޓީ އިން ތިން ތަށި ކާމިޔާބު ކުރިއިރު ފިލިޕްސް 21 މެޗުގައި ކުޅުނެވެ.
ކްލަބްގައި ފުރުސަތު ނުލިބުނަސް ފިލިޕްސް އަކީ ގަރެތު ސައުތުގޭޓުގެ އިނގިރޭސި ޓީމުގައި ގަވައިދުން ހިމެނޭ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް ފިލިޕްސް މިހާތަނަށް ވަނީ 31 މެޗު ކުޅެފަ އެވެ.
Advertisement
Leave a Reply