ކުދި އަތްތަކެއްގެ ބުރަ މަސައްކަތް: މިލަންދޫ މުބާރާތުގެ އެންމެ ރީތި ފަރާތް!
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ށ. މިލަންދޫގައި ނިމިގެންދިޔައީ ކުޅިވަރުގެ ވަރުގަދަ އީދެކެވެ. އެރަށު ކައުންސިލްގެ ރެކްރިއޭޝަން ކްލަބުން އިސްނަގައިގެން ފިތުރު އީދާ ގުޅުވައިގެން ބޭއްވީ އަންހެން ކަނބަލުންނަށް ހާއްސަ ހޭންޑްބޯލް މުބާރާތަކާއި މަޝްހޫރު ތަރިން ކުޅުނު ފުޓްސަލް މުބާރާތެކެވެ.
މުބާރާތުގެ މީޑިއާ ޕާޓްނަރުގެ ގޮތުގައި “ފަހުމިނެޓް” އިން މަސައްކަތް ކުރިއިރު މިލަންދޫގައި ބޭއްވި ދެ މުބާރާތުގައި ހާއްސަ ކަންތައްތަކެއް ފާހަގަވި އެވެ. އެއްކަމަކީ އެހެން ރަށްރަށާއި ހިލާފަށް ރެކްރިއޭޝަން ކްލަބުން މުބާރާތްތައް ބޭއްވުމަށް ދުރާލާ ތައްޔާރުވުމެވެ. ގާތްގަނޑަކަށް ހަ މަހެއްހާ ކުރިން އަމަލީ މަސައްކަތް ފަށައި އެ ކްލަބުން ދިޔައީ ފަހަރަކު ކަމެއް ނިންމަމުންނެވެ. މުބާރާތް ފެށެން ގާތްވިއިރު އިންތިޒާމުތައް ފުރިހަމަކުރި އެވެ. އެ ހުރިހާ ކަމެއް ކުރުމުގައި މިލަންދޫ އާއި އެހެން ރަށްރަށާއި ތަފާތުތަކެއް ހުއްޓެވެ. އެރަށުގެ އެންމެ ބޮޑު ތަފާތަކަށްވީ މުބާރާތުގެ އެންމެހާ ކަންކަމުގައި ރަށުގެ އާބާދީ ޝާމިލްކުރުމެވެ.
މުބާރާތް ނިމުމުން، ލައިވްސްޓްރީމިން އާއި ކޮމެންޓްރީއާ ގުޅޭގޮތުން ސުވާލުކުރުމުން ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އަޝްރަފް ދިނީ އެހެން ރަށްތަކަށް ނަމޫނާއަކަށް ފުދޭ ޖަވާބެކެވެ.
“އެކަންކަން ކުރީ މިރަށުގެ ޒުވާން ކުދިން. އޭގެތެރޭގައި ސްކޫލްގެ ގިނަ ދަރިވަރުން ހިމެނޭނެ” މުބާރާތުގެ މަންޒަރާއި އަޑު ގެނެސްދިނުމުގައި ހަރަކާތްތެރިވި ސްކޫލް ދަރިވަރުންނާއި މެދު ފަހުރުވެރިވަމުން އަޝްރަފް ވިދާޅުވި އެވެ.
ލައިވްސްޓްރީމް ކުރަން ނެގީ އޭލެވެލްގެ ދަރިވަރުން
ހޭންޑްބޯލް އާއި ފުޓްސަލް މެޗުތަކުގައި ވެސް ލައިވްސްޓްރީމިން ފެނުނީ ފުރިހަމަކޮށެވެ. މެޗުތަކުގެ ލައިންއަޕް އަރުވަނީ ކުޅުންތެރިންގެ ފޮޓޯއާ އެކު އެވެ. ޓީމުގެ ފޯމޭޝަން ސްޓްރީމިންގައި ދައްކަ އެވެ. މެޗު ނިމުމުން ހިއްސާކުރާ މެޗް ރިޕޯޓް ޖެނެރޭޓް ކުރަނީ އެޕްލިކޭޝަންގެ ތެރެއިންނެވެ. މުޅި މެޗުގެ ތަފާސްހިސާބު ވެސް އެއްކުރަނީ އެގޮތަށެވެ. އޭގެތެރޭގައި ޓީމުތައް ޕާސްކޮށްފައިވާ ވަރުގެ އިތުރުން ގޯލްކީޕަރުގެ ސޭވްތައް ވެސް ޖެނެރޭޓްކުރެ އެވެ.
އާއްމުކޮށް ރަށްރަށުގައި ލައިވްސްޓްރީމް ކުރަނީ އެކަމަށް ހާއްސަ އެޕްލިކޭޝަނެއް “ސަބްސްކްރައިބް” ކޮށްގެންނެވެ. އެހެންނަމަވެސް މިލަންދޫ ތަފާތެވެ. މިއަހަރުގެ ދެ މުބާރާތް ލައިވްކުރަން ވެސް އެރަށުން ވަކި އެޕްލިކޭޝަނެއް ހެދީއެވެ. އެއީ އެރަށުގައި ހުރި އައިޓީއަށް މޮޅު އަހުމަދު އިމްތިސާލް ތައްޔާރުކުރި އެޕްލިކޭޝަނެކެވެ. ރަށު ސްކޫލުގައި މަސައްކަތްކުރާ އެ ޒުވާނާގެ ހުނަރުވެރިކަން މުބާރާތް ބަލާލުމުން އެނގެ އެވެ.
“ޓީމުގެ ފުރަތަމަ އަރާ ފަސް ކުޅުންތެރިން. ލައިންއަޕް. އަދި މެޗުގެ ހުރިހާ ތަފާސްހިސާބެއް. މެޗު ނިމޭއިރަށް އޮޓޯއިން އަޕްޑޭޓް ވާނެ. މިދިޔަ އަހަރުވެސް އަޅުގަނޑުމެން ބޭނުންކުރީ އެ އެޕްލިކޭޝަން. މިއަހަރު ބޭނުންކުރީ އަޕްގްރޭޑްކޮށްގެން” އަޝްރަފް ވިދާޅުވި އެވެ.
ލައިވްސްޓްރީމްކުރާ އެޕްލިކޭޝަން ބަލަހައްޓަން މިލަންދޫ ސްކޫލުގައި ކިޔަވާ އޭލެވެލްގެ 13 ދަރިވަރުން ހަރަކާތްތެރިވި އެވެ. އެރަށު ސްޓޫޑެންޓް ކައުންސިލްގައި ހިމެނޭ އެ ދަރިވަރުންގެ މަސައްކަތަކަށްވީ ހޭންޑްބޯލް އާއި ފުޓްސަލްގެ ހުރިހާ މެޗެއް ލައިވްކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުމެވެ. އެ ދަރިވަރުން ވަރަށް ފުރިހަމައަށް އެކަން ކުރި އެވެ.
މެޗުތައް ލައިވްކުރަން ބޭނުންވާ އާލާތްތައް ހޯދީ އެރަށުގައި ހުންނަ “ގްރީން ކާޕެޓް” ސްޓޫޑިއޯއިންނެވެ. އެއީ މުޅި ރާއްޖެ ގުޑުވާލި މަޝްހޫރު ލަވަ “ޕްރޭމްޕްރޭމް” އުފަންކުރި ސްޓޫޑިއޯ އެވެ.
“މިހާރު ޑިމާންޑް އެބަ އާދޭ އެކި ކަންކަމުގައި. ލައިވްކުރަން ވެސް ރިކުއެސްޓް އެބަ އާދޭ” ފަރުދާގެ ފުރަގަހުގައި ތިބެ ސްކޫލް ދަރިވަރުން ކުރި މަސައްކަތަކަށް ޝުކުރު އަދާކުރަމުން އަޝްރަފް ވިދާޅުވި އެވެ.
ކޮމެންޓްރީއާއި މީޑިއާ ޓީމުގައި ވެސް ރަށުގެ ޒުވާނުން
މުބާރާތުގެ ތެރެއިން ފާހަގަވި އަނެއް ކަމަކީ ރަނގަޅު ފެންވަރުގެ ކޮމެންޓްރީއެއް އަޑުއިވިގެން ދިއުމެވެ. ކޮމެންޓްރީގެ ތެރެއިން ގެނެސްދޭ ޓީމުގެ މައުލޫމާތާއި ވަކިވަކި ކުޅުންތެރިން މައުލޫމާތު ފުރިހަމައެވެ. މެޗު ބަލާ ފަރާތްތަކަށް މައުލޫމާތެއް މަދު ނުވާނޭހެން މެޗުގެ އޮއިވަރު ދިޔައީ ވަރަށް ރަނގަޅަށް ސިފަކޮށްދެމުންނެވެ. އެކަމުގައި ވެސް ހަރަކާތްތެރިވީ އެރަށުން ހޮވާލި ދެ ޒުވާނުންނެވެ. ކޮމެންޓްރީ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހުސައިން މާދިހު އާއި މުހައްމަދު ސާޖިދު، މެޗުތަކަށް ދުރާލާ ތައްޔާރުވި އެވެ. ޓީމުތަކުގެ މައުލޫމާތު އެއްކޮށް ކުޅުންތެރިންގެ ތަފާސްހިސާބު އެއްކުރި އެވެ.
ކޮމެންޓްރީގެ އިތުރުން މީޑިއާ ޓީމުން ކެމެރާ ކުރުމުގެ މަސައްކަތްތައް ވެސް ކުރި އެވެ. މުބާރާތުގައި ބޭނުންކުރި ދެ ކެމެރާއެއް އޮޕަރޭޓްކުރީ އެ ދަރިވަރުންނެވެ. މިދިޔަ އަހަރު އެރަށު ސްކޫލުން ތައުލީމް ހާސިލްކުރި ކުދިންނަށް މިއަހަރުވެސް އެ ފުރުސަތު ދޭން ކައުންސިލުން ނިންމީ އެކުދިންނާ މެދު އޮތް އިތުބާރު ބޮޑުވުމުންނެވެ.
“މީޑިއާ ޓީމު ވެސް ހޮވާލީ ރަށުން. މީޑިއާގައި ތިބި ހަތަރު ކުދިންނަކީ މިދިޔަ އަހަރު ސްކޫލް ނިންމި ދަރިވަރުން. ދެ ކެމެރާ އޮޕަރޭޓްކުރީ އެކުދިން. އެކަކު އިންނާނީ މެއިން ކޮންޓްރޯލްގަ. ކޮމެންޓްރީ ދިނީ ވެސް ރަށުން ނެގި ދެ ޒުވާނުން” އަޝްރަފް ވިދާޅުވި އެވެ.
ކެމެރާތައް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވީ އެރަށުގެ ޒުވާން ތިން ކުދިން ކަމަށްވާ، މުހައްމަދު ޝަހުމީން އާއި މުހައްމަދު ޔައިޝް އަދި ހުސައިން އަކްރަމް އެވެ. ޝަހުމީން ދިޔައީ ކެމެރާގެ ކަންކަން ބެލެހެއްޓުމުގެ އިތުރުން ލައިވްސްޓްރީމްގެ ކަންކަން ގާތުން ބަލަހައްޓަމުންނެވެ.
ރަށްރަށުގައި ކުޅިވަރުގެ މުބާރާތްތައް ފުރިހަމަކޮށް ބޭއްވުމަށް މިހާރު ބޮޑު ހަރަދެއް ކުރެ އެވެ. ހާއްސަކޮށް ލައިވްސްޓްރީމް ކުރުމާއި، ކެމެރާތައް ބެލެހެއްޓުމާއި، ކޮމެންޓްރީ ދިނުންފަދަ ކަންކަމަށް ބޮޑު ހަރަދެއް ކުރަންޖެހެ އެވެ. އެކަމަކު މިލަންދޫ ކައުންސިލްގެ ހުށަހެޅުމާ އެކު އެރަށުގެ ދަރިވަރުން “ރަށަށްޓަކައި” ހުރިހާ ކަމެއް ކުރީ ހިލެ އެވެ.
“ކުދިން ހިލޭ ސާބަހަށް މަސައްކަތްކުރީ” ޒުވާން ޖީލާ މެދު ފަހުރުވެރިވެ ހުރެ އަޝްރަފް ވިދާޅުވި އެވެ.
ކުޅިވަރުން މުޅި މިލަންދޫ އެއްބައިވަންތަ ކުރުވި
ކުޅިވަރު މުބާރާތްތައް ރަށްރަށުގައި ބާއްވަނީ މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ގޮތަށެވެ. މިލަންދޫ ކައުންސިލްގެ ވެސް މައިގަނޑު ވިސްނުމަކީ އެއީ އެވެ. އެކަމަކު އެކައުންސިލްގެ ރެކްރިއޭޝަން ކްލަބުގެ އިތުރު ވިސްނުންތަކެއް ވެސް ހުއްޓެވެ. އޭގެތެރެއިން އެއް ކަމަކީ އެރަށުގެ ސްކޫލް ދަރިވަރުން މުޖުތަމައުގެ ދާއިރާތަކަށް ތައްޔާރުކުރުމެވެ. ސްކޫލް ނިމޭއިރު އެކުދިންނަކީ ކަންކަން ދަސްވެފައިވާ ބަޔަކަށް ހެދުމެވެ. އޭގެ އިތުރުން، މުޅި ރަށުގެ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ވެސް ރެކްރިއޭޝަން ކްލަބުގެ ހަރުދަނާ ވިސްނުމެކެވެ.
ކައުންސިލުން ބުނީ ސްކޫލް ނިންމާ ދަރިވަރުން އިޖުތިމާއީ ކަންކަމަށް ނެރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެކަންކަން މިފަހަރު ކައުންސިލުން ކުރީ ސްކޫލާ ވަރަށް ބޮޑަށް ގުޅިގެންނެވެ.
މުބާރާތުގެ ތެރެއިން ސްކޫލް ދަރިވަރުންގެ ހިއްސާ ފެނުނީ ހަމައެކަނި ލައިވްސްޓްރީމް ކުރުމާއި މީޑިއާ ޓީމަކުން ނޫނެވެ. ހޭންޑްބޯލް އާއި ފުޓްސަލްގައި އެސްކޯޓްކަން ކުރުމާއި، ދިދަ އެރުވުމާއި، ބޯލް ބޯއީޒް އަދި ބޯލް ގާލްސްގެ ގޮތުގައި ވެސް ބޭނުންކުރީ ސްކޫލް ދަރިވަރުންނެވެ.
“ވަރަށް ބޮޑަށް ޝުކުރުއަދާކުރަން އެކުދިންނަށް. ވަރަށް ފަރުވާތެރި ވަރަށް ރަނގަޅަށް މަސައްކަތްކުރާ ކުދިންތަކެއް. އެކުދިންނަށް މިއީ ވަރަށް ބޮޑު ތަޖުރިބާއެއް. ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ކުރުމުގެ ގާބިލްކަން އެކުދިން ހުންނާނެ. ގިނަ ބައެއްގެ ތެރެއަށް ނުކުމެ މުޖުތަމައަށް އެކުދިން ލޯ ހުޅިވިގެންދާނެ” އަޝްރަފް ވިދާޅުވި އެވެ.
މުބާރާތުގެ އެހެނިހެން އިންތިޒާމުތަކުގައި މިލަންދޫ ހެލްތު ސެންޓަރާއި މިލަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި މިލަންދޫ ޕޮލިސް، މިލަންދޫ އެމްޓީސީސީ، މިލަންދޫ އާރުޑީސީ ވެސް ބޭނުންކުރި އެވެ. އަދި، ޖަމިއްޔާތަކުގެ އެހީތެރިކަން ވެސް އިންތިޒާމުކުރި ކްލަބަށް ލިބުނެވެ.
“ރަށު ރައްޔިތުން ބައިވެރިކުރީމަ އިޖުތިމާއީ ގުޅުން އިތުރަށް ބަދަހިވެގެންދޭ. އެއްބައިވަންތަ މާހައުލެއް ގާއިމްކުރެވިގެންދޭ” ކުރިން ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ރަށުގެ އެސްޖީ ވިދާޅުވި އެވެ.
ކައުންސިލްގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް ރަށުގައި ބާއްވާ ކުޅިވަރުގެ ހަރަކާތްތަކުގައި އެރަށުގެ ހުނަރުވެރިންނަށް ފުރުސަތު ދިނުމެވެ. ކައުންސިލް އެކަން ކުރަނީ ދުރާލާ ވިސްނައި މުއައްސަސާތަކާއި، ޖަމިއްޔާތަކާއި، ސްކޫލް ދަރިވަރުންގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކަންކަން ދެނެގަނެގެންނެވެ.
އެރަށުގައި ބޭއްވި ދެ މުބާރާތް ވެސް ދިޔައީ ވާދަވެރި މާހައުލެއްގަ އެވެ. ހާއްސަކޮށް ފުޓްސަލް މުބާރާތުގައި ކުޅުމަށް ރަށުން ބޭރުގެ މަޝްހޫރު ފުޓްސަލް ތަރިން އެރަށަށް ދިއުމަކީ މުބާރާތުގެ ހައިބަތު ބޮޑުވި ސަބަބެކެވެ. މަޝްހޫރު ދިވެހި ފުޓްސަލް ތަރިންގެ އިތުރުން އީރާންގެ ފުޓްސަލް ކުޅުންތެރިއަކު ވެސް މިއަހަރު އެ މުބާރާތުގައި ކުޅުނެވެ.
ކައުންސިލް ރެކްރިއޭޝަން ކްލަބުން ދުރާލާ ތައްޔާރުވި މިލަންދޫ ކައުންސިލްގެ ހޭންބޯލް އާއި ފުޓްސަލް މުބާރާތް ނިންމާލީ ހަގީގަތުގައި ވެސް ރާއްޖޭގެ އެހެން ރަށްތަކަށް ނަމޫނާ ދައްކަމުންނެވެ. ހާއްސަކޮށް ރަށުގެ ސްކޫލް ދަރިވަރުންގެ އެހީގައި ލައިވްސްޓްރީމް ކުރުމާއި މީޑިއާގެ ކަންކަން ފުރިހަމަކޮށް ކުރުމަކީ އެ ދަރިވަރުންނަށް ހުއްޓުމެއް ނެތް ޝުކުރު ހައްގުވާ ކަމެކެވެ.
Advertisement
Leave a Reply