ނޮކައުޓް ފުރަތަމަ ލެގުން މޮޅުވެ ރެއާލް އާއި ސިޓީ ހަމަޖެހިލައިފި

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގްގައި ރޭ ރަށުން ބޭރުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.
ޖަރުމަނުގެ އާރުބީ ލައިޕްޒިގާ ވާދަކޮށް ރެއާލް މޮޅުވީ 1-0 އިންނެވެ. ޑެންމާކްގެ ކޯޕެންހާގަން އަތުން ސިޓީ މޮޅުވީ 3-1 އިންނެވެ.
ރެއާލްގެ ހަމައެކަނި ގޯލު ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ޖެހީ ބްރަހިމް ޑިއާޒް އެވެ.
މޮޅާ އެކު ރެއާލް ވަނީ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. އެޓީމު ވަނީ މިދިޔަ 14 ސީޒަނުގެ ތެރެއިން 11 ސީޒަނުގައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ޔޫރަޕްގެ ޗެމްޕިއަންކަން 14 ފަހަރު ހޯދާފައިވާ ރެއާލް ރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ޖޫޑް ބެލިންހަމް ނުލަ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އިން ރޭ ކޯޕެންހާގަންއާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި އެވެ. ސިޓީގެ ފުރަތަމަ ގޯލު ކުރީކޮޅު ޖެހީ ކެވިން ޑި ބްރޭނާ އެވެ. އޭގެ އިރުކޮޅެއް ފަހުން ސިޓީގެ ގޯލްކީޕަރު އެޑަސަން އަށް ހެދުނު ގޯހަކުން ކޯޕެންހާގަން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެގްނަސް މެޓްސަން އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސީޓިގެ ދެ ވަނަ ގޯލު ޑި ބްރޭނާގެ އެހީގައި ޖެހީ ބެނާޑޯ ސިލްވާ އެވެ. ސިޓީގެ ފަހު ގޯލު ދެ ވަނަ ހާފުގައި ޖެހީ ފިލް ފޯޑެން އެވެ.
ރެއާލް އާއި ސިޓީ އިން ދެ ވަނަ ލެގްގެ މެޗު ކުޅޭނީ އަންނަ މަހުގެ 6 ވަނަ ދުވަހު އެވެ.
ޗެމްޕިއަންސް ލީގު ނޮކައުޓް ސްޓޭޖުގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. އެއީ ޕީއެސްޖީ އާއި ރެއާލް ސޮސިއެޑާޑް ވާދަކުރާ މެޗާއި ލާޒިއޯ އާއި ބަޔާން މިއުނިކް ވާދަކުރާ މެޗެވެ.
Advertisement


Leave a Reply