ޖުމައިލްގެ މޮޅު ދެ ގޯލާ އެކު ކުޑަހުވަދޫ ޒޯން ފައިނަލަށް

Advertisement

ޖުމައިލްގެ މޮޅު ދެ ގޯލާ އެކު ކުޑަހުވަދޫ ޒޯން ފައިނަލަށް

ފަހުމިނެޓް
ބިލެއްދޫ ކޮޅަށް ގޯލު ޖެހުމަށް ފަހު ޖުމައިލް އުފާފާޅުކުރަނީ. ކުޑަހުވަދޫ ވަނީ ޒޯން ފަހެއްގެ ފައިނަލަށް ދަތުރުކޮށްފަ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ޖުމައިލް ޖަމީލް (ޖުމްބެ) ވައްދާލި މޮޅު ދެ ގޯލާ އެކު ފ. ބިލެއްދޫ 0-2 އިން ބަލިކޮށް ދ. ކުޑަހުވަދޫ ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ފަހެއްގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ރޭ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ޒޯން ފަހެއްގެ ދެ މެޗު ވަނީ ކުޅެފަ އެވެ. ރޭ ކުޅުނު އަނެއް މެޗުގައި މ. އަތޮޅުގެ ޗެމްޕިއަން މުލަކުން ވަނީ އެ އަތޮޅުގެ ރަނަރަޕް ނާލާފުށި 3-4 އިން ބަލިކޮށްފަ އެވެ.

ޒޯން ފަހެއްގެ ފައިނަލުގެ ޖާގައެއް ކުޑަހުވަދޫ ހޯދީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ފ. އަތޮޅުގެ ޗެމްޕިއަން ބިލެއްދޫ އާއި މުލަކަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ދެ މެޗުން ބަލިވި ނާލާފުށި ވަނީ މުބާރާތުން ކަޓައިފަ އެވެ.

ރޭ ބިލެއްދޫ ކޮޅަށް ކުޑަހުވަދޫގެ ގޯލުތައް ޖުމައިލް ޖެހީ ދެ ވަނަ ހާފުގެ ފަހުކޮޅު އެވެ. ދެ ގޯލު ވެސް ޖެހީ އަމިއްލަ ހާފުން ލިބުނު ބޯޅަ ހިފައިގެން ގޮސް ކައިރީގައި ހުރި ބިލެއްދޫގެ ކުޅުންތެރިޔާ ކަޓުވާލުމަށް ފަހު ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. މޮޅު ދެ ގޯލާ އެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ޖުމައިލް އެވެ.

ޖުމައިލް ވަނީ މިދިޔަ ދެ އަހަރު ކުޑަހުވަދޫ ގޯލްޑަން ފުޓްސަލް ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މަހިބަދޫ އާއި ކެޔޮދޫ ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

މުލަކުން ނާލާފުށި ބަލިކުރި މެޗުގައި އެޓީމުގެ ގޯލުތައް ޖެހީ އާދަމް ޝަހީމް (އާނާ) އާއި ޒާހިދު އިބްރާހީމް އަދި އިމްޖާދު މުހައްމަދު އެވެ. ނާލާފުށީގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ އަޒުމީލްގެ އިތުރުން ޔޫސުފް ޒަޔާން އައި ޝަފްރާޒް އަބްދުއްސައްތާރު އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުލަކު ޓީމަށް ދެ ގޯލު ކާމިޔާބުކޮށްދިން ޝަހީމް އެވެ.

ޒޯން ހަތަރެއްގައި ރޭ އއ. އަތޮޅުގެ ޗެމްޕިއަން މަތިވެރިއާ ވާދަކޮށް އދ. އަތޮޅުގެ ރަނަރަޕް މާމިގިލި ވަނީ 0-3 އިން މޮޅުވެފަ އެވެ. މެޗުގައި މާމިގިލީގެ ދެ ގޯލު ޖަހައި ހިސާމް ސަލީމް (ކޮކީ) ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އަނެއް ގޯލު ޖެހީ މޫސާ ހަސަންފުޅެވެ.

އެ ޒޯނުގެ އަނެއް މެޗުގައި ވ. ކެޔޮދޫ އިން ވަނީ އދ. މަހިބަދޫއާ 1-1 އިން އެއްވަރުކޮށްފަ އެވެ. މެޗުގައި މަހިބަދޫގެ ގޯލު އާދަމް ނާއިލް ޖެހިއިރު ކެޔޮދޫގެ ގޯލު ޖެހީ އިބްރާހީމް ފުއާދު އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކެޔޮދޫގެ ގޯލު ބެލެހެއްޓި އަހުމަދު މުނާޒް އެވެ.

ޒޯން ހަތަރެއްގެ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ މާމިގިއްޔެވެ. ދެ ވަނައިގައި އޮތް މަތިވެރި އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ގޯލު ޖެހުމަށް ފަހު ވިލިމާލެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް / އިމޭޖަސް.އެމްވީ

ރޭ ޒޯން އަށެއްގައި ކުޅުނު ދެ މެޗުން މޮޅުވީ ވިލިމާލެ އާއި މާފަންނު އެވެ.

ވިލިމާލެއިން ރޭ ވަނީ 1-4 އިން ހުޅުމާލެ ބަލިކޮށްފަ އެވެ. މެޗުގައި ވިލިމާލޭގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝައްފާން (ޝާކާ) އާއި އިސްމާއީލް ވަޖީހު (ވައްޖެ) އަދި އަލީ ޝިޔާހުގެ އިތުރުން އަބްދުﷲ މުއާޒް އެވެ. ހުޅުމާލޭގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު މަހުދީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޝިޔާހު އެވެ.

އަނެއް މެޗުގައި މާފަންނު މޮޅުވީ މައްޗަންގޯޅިއާ ވާދަކޮށް 4-3 އިންނެވެ. މެޗުގައި މާފަންނުގެ ހުސައިން ސުހައިލް (ސޮކޭ) ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. މާފަންނުގެ އަނެއް ގޯލު ޖެހީ ހަސަން ޝިފާޒް އެވެ. މަންޗަންގޯޅީގެ ދެ ގޯލު ޖެހީ ހަސަން ނަޒީމް (ޗޯޓު) އާއި އަހުމަދު ހުސައިން އެވެ.

މާލެ ޒޯންގެ އެންމެ ކުރީގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ވިލިމާލެ އާއި މާފަންނު އެވެ. ޒޯން ފައިނަލަށް ދާ ޓީމުތައް ކަށަވަރުވާނީ ފަހު މެޗުތަކަށް ފަހު އެވެ.

މުބާރާތުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. އޭގެތެރޭގައި ހިމެނެނީ ޒޯން އެކެއް، ޒޯން ދޭއް އަދި ޒޯން ހަޔަކާއި ޒޯން ހަތެއްގެ މެޗުތަކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *