މިލަންދޫ ފުޓްސަލް ކަޕްގެ ކިންގަކީ ބައްކު

Advertisement

މިލަންދޫ ފުޓްސަލް ކަޕްގެ ކިންގަކީ ބައްކު

ފަހުމިނެޓް
މޮޅު ކުޅުންތެރިޔާގެ މަގާމާ ބައްކު ހަވާލުވަނީ. ބައްކު ވަނީ މޮޅު ކުޅުމެއް ދައްކާފަ. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ށ. މިލަންދޫގައި ރޭ ނިމުނު މިލަންދޫ ކައުންސިލް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ކިންގް އޮފް ދަ ޓޯނަމެންޓްގެ މަގާމް އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ހޯދައިފި އެވެ.

ފުޓްބޯޅަ އާއި ފުޓްސަލްގައި ވިދުންގަދަ ބައްކު، މިފަހަރު މިލަންދޫ މުބާރާތުގައި ކުޅުނީ ޗެމްޕިއަންކަން ހޯދީ ވޮލްކޯ ޔުނައިޓެޑަށެވެ. ބައްކުގެ އިތުރުން މަޝްހޫރު ފުޓްސަލް ތަރި ހުސައިން ޝަރީފް (އޮންލީ) ވެސް އެޓީމަށް ކުޅުނެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސިކްސްޕެކް 2-4 އިން ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާ ބައްކު ހަވާލުވަނީ. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

ބ. ފެހެންދޫ އަށް އުފަން ބައްކުއަކީ ފުޓްބޯޅަ އާއި ފުޓްސަލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އުމުރުން 23 އަހަރުގެ ބައްކު ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަނީ ޔުނައިޓެޑް ވިކްޓްރީއަށެވެ. ރާއްޖޭގެ ފުޓްބޯޅަ ހުއްޓިފައި އޮތުމާ އެކު އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ބައްކު ވެސް މިހާރު އަންނަނީ ފުޓްސަލް މުބާރާތްތަކުގައި ކުޅެމުންނެވެ.

ބައްކު ވަނީ 2022 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބ. އަތޮޅު ބުރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އެއީ ބައްކު ނިސްބަތްވާ ފެހެންދޫ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރި ހަމައެކަނި އަހަރެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އޮންލީ، ސާމިން، ޝާއްޕެ، ބައްކު އަދި ރިމޭ. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

މިއަހަރުގެ މުބާރާތް ވޮލްކޯ ޔުނައިޓެޑް ކާމިޔާބު ކުރިއިރު ބައްކު ވަނީ ހުރިހާ މެޗެއްގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުބާރާތުގައި ބައްކު 15 ގޯލު ޖެހި އެވެ. ބައްކުގެ އެހީގައި އެޓީމުން ޗެމްޕިއަންކަން ހޯދީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ބައްކުގެ އިތުރުން އެޓީމުގެ އޮންލީ އާއި ސިކްސްޕެކް ޓީމުގެ ސާމިން މުހައްމަދު އާއި އެޓީމުގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި އީގަލްސް ޓީމުގެ އިބްރާހީމް ރިމާހު (ރިމޭ) އެވެ. މި ފަސް ކުޅުންތެރިންނަކީ ވެސް މުބާރާތުގައި ކުޅުނު ރަށުން ބޭރު ކުޅުންތެރިންނެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހީ ސިކްސްޕެކް ޓީމުގެ ޝާއްޕެ އެވެ. ޝާއްޕެ ވަނީ މުބާރާތުގައި 17 ގޯލު ޖަހައިފަ އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކީ ސިކްސްޕެކް އެވެ. ފެއާޕްލޭ ކުޅުންތެރިއަކީ ސިކްސްޕެކްގެ މުހައްމަދު އަރީފް އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ތޮޅި އެފްސީގެ އަހުމަދު ޚަލަފް އެވެ.

ކިންގުގެ މަގާމް ހޯދި ބައްކު. ފޮޓޯ: މިލަންދޫ ކައުންސިލް ރެކްރިއޭޝަން ކްލަބް

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ޗެމްޕިއަންކަން ހޯދި ވޮލްކޯ ޔުނައިޓެޑްގެ އަހުމަދު ސާތިރު އެވެ. އެންމެ މޮޅު ގޯލްކީޕަރަށް ހޮވުނީ ސިކްސްޕެކްގެ އަހުމަދު ހުޝާމް އެވެ.

މިއަހަރުގެ މުބާރާތުގައި މިލަންދޫގެ 8 ޓީމު ވާދަކުރި އެވެ. ކޮންމެ ޓީމެއްގައި ރަށުން ބޭރު ދެ ކުޅުންތެރިން ޖެހުމުގެ ފުރުސަތު ދިނެވެ. މިއަހަރު މުބާރާތުގައި ގިނަ ޓީމުތަކުގެ ފެންވަރު ރަނގަޅެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *