މިލަންދޫ ފުޓްސަލްގެ ރަސްކަން ވޮލްކޯ ޔުނައިޓެޑަށް
ށ. މިލަންދޫ ފުޓްސަލްގެ ޝަރަފްވެރި ޗެމްޕިއަންކަން ވޮލްކޯ ޔުނައިޓެޑް ހޯދައިފި އެވެ.
ވޮލްކޯ ޔުނައިޓެޑް ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލުގައި ސިކްސްޕެކް ސްޕޯޓްސް ކްލަބް 2-4 އިން ބަލިކޮށްގެންނެވެ.
މިލަންދޫ ކައުންސިލްގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމުކުރި މުބާރާތުގައި އެރަށުގެ 8 ޓީމު ބައިވެރިވި އެވެ. ވޮލްކޯ ޔުނައިޓެޑް ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ވެސް ސިކްސްޕެކް ބަލިކޮށްފަ އެވެ.
ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނެއް ކުރިމަތީ ކުޅުނު ފައިނަލުގެ ފުރަތަމަ ގޯލު ޖެހީ ވޮލްކޯ ޔުނައިޓެޑްގެ އަލީ ޖުނެއިދު އެވެ. އޭގެ އިރުކޮޅެއް ފަހުން ސިކްސްޕެކް ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު އަރީފް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިކްސްޕެކް އަށް ލީޑު ނަގައިދިނީ އާދަމް ނާޒިހު އެވެ. ނާޒިހުގެ ގޯލަކީ ބެކްހީލްއަކުން ޖެހި މޮޅު ގޯލެކެވެ.
ދެ ވަނަ ހާފު ވޮލްކޯ ޔުނައިޓެޑުން ފެށީ ވަރުގަދަކޮށެވެ. މި ހާފުގައި އެޓީމުން ވަނީ ތިން ގޯލު ޖަހައި މޮޅު ޔަގީންކޮށްފަ އެވެ. ވޮލްކޯ ޔުނައިޓެޑް އެއްވަރުކުރި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ބައްސާމް (ބައްކު) އެވެ. އޭރިޔާ ބޭރުގައި ހުރެފައި ބައްކު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ވޮލްކޯގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިލް އެވެ. ނާއިލް އަށް ލިބުނު ބޯޅަ އަމާޒުކޮށްލީ މަތީ ކަނަށެވެ. އޭގެފަހުން އެޓީމުގެ ހަތަރު ވަނަ ގޯލު ޖަހައި ލީޑު ފުޅާކޮށްދިނީ އާދަމް އާނިމް އެވެ. އެ ގޯލަށް ފަހު ވޮލްކޯ ޔުނައިޓެޑްގެ ޓީމުން ވަނީ އެޓީމުގެ ސަޕޯޓަރުންނާއި އެކު ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.
މިލަންދޫގައި މިދިޔަ އަހަރު ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓާޓާ އެފްސީ މިއަހަރު ބައިވެރިވެފައެއްނުވެ އެވެ. މިއަހަރުގެ މުބާރާތުގެ އިތުރުން ވޮލްކޯ ޔުނައިޓެޑުން ވަނީ 2022 ވަނަ އަހަރު ވެސް ޗެމްޕިއަންކަން ހޯދާފަ އެވެ.
މިއަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވޮލްކޯ ޔުނައިޓެޑްގެ ބައްކު އެވެ. ބައްކުގެ އިތުރުން ހުސައިން ޝަރީފް (އޮންލީ) ވެސް މިއަހަރު އެޓީމަށް ކުޅުނެވެ.
ވޮލްކޯ ޔުނައިޓެޑްގެ ޖޫނިއާ ޓީމު ވަނީ މިއަހަރުގެ ޖެނުއަރީ މަހު އެރަށަށް ހުޅުވާލައިގެން ބޭއްވި 19 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.
މިރޭގެ ފައިނަލް ޝަރަފްވެރިކޮށްދެއްވީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) އެވެ. އަދި، އެވޭލާ ބޮޑުބެރު ގްރޫޕުން ވަނީ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ.
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓް އެވެ.
Advertisement
Leave a Reply