އެލް4 ކަޕް ފައިނަލުގައި މަގޫދޫ އާއި ދަރަނބޫދޫގެ ވާދަވެރިކަމެއް

Advertisement

އެލް4 ކަޕް ފައިނަލުގައި މަގޫދޫ އާއި ދަރަނބޫދޫގެ ވާދަވެރިކަމެއް

ފަހުމިނެޓް
ބީސީ ސްޕޯޓްސްގެ ވިލްފް ބޯޅަ ހިފައިގެން ދަނީ. ފައިނަލް މިރޭ އޮންނާނެ. ފޮޓޯ: މަގޫދޫ ޒުވާނުންގެ ކްލަބް

މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމުކުރާ މަގޫދޫ އެލް4 ކަޕްގެ ފައިނަލަށް ސީއެސް ސްޕޯޓްސް – ސްކޯޕިއަން އާއި ބީސީ ސްޕޯޓްސް ކްލަބް ދަތުރުކޮށްފި އެވެ.

ފައިނަލުގައި ވާދަކުރާ ސީއެސް ސްޕޯޓްސް އަކީ މުބާރާތް ބާއްވާ މަގޫދޫ އަށް ނިސްބަތްވާ ޓީމެވެ. ބީސީ ސްޕޯޓްސް އަކީ ދަރަނބޫދޫގެ ޓީމެކެވެ. މުބާރާތުގެ ފައިނަލް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލުގައި އޮތީ ދެ ރަށުގެ ވާދަވެރިކަމެކެވެ.

ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ބީސީ ސްޕޯޓްސް އިން ވަނީ ފަވްޒް ސްޕޯޓްސް ކްލަބް 1-3 އިން ބަލިކޮށްފަ އެވެ. މެޗުގައި ބީސީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ވިލްފް އަދި މުޒްދާން އެވެ. މެޗުގައި މުޒްދާން ދެ ގޯލު ޖެހި އެވެ. ފަވްޒް ޓީމުގެ ހަމައެކަނި ގޯލު ޖެހީ ހަމީދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބީސީގެ ޝިޔާމް އެވެ.

ދެ ވަނަ ސެމީގައި ސީއެސް ސްޕޯޓްސް ކުރި ހޯދީ ޕަވަރ އެޓޭކާ ވާދަކޮށް 3-1 އިންނެވެ. މެޗުގައި ސީއެސް ސްޕޯޓްސްގެ ތިން ގޯލު ވެސް ކާމިޔާބުކޮށްދިނީ އަހުމަދު މުއާޒް އެވެ. ހެޓްރިކް ހެދި މުއާޒް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ. ޕަވަރ އެޓޭކްގެ ހަމައެކަނި ގޯލު ޖެހީ ޒައިދާން އެވެ.

ރޭގެ ސެމީ ފައިނަލުގައި ވައްޖެ ބޯޅަ ހިފައިގެން. މިރޭގެ ފައިނަލް ވާދަވެރިވާނެ. ފޮޓޯ: މަގޫދޫ ޒުވާނުންގެ ކްލަބް

ފައިނަލަށް ނަޒަރެއް

ފައިނަލުގައި ވާދަކުރާ ބީސީ ސްޕޯޓްސް ކްލަބަކީ މިދިޔަ ދެ އަހަރު މުބާރާތުގެ ޗެމްޕިއަނުންނެވެ. މިއަހަރު އެޓީމު ނުކުންނަނީ މުބާރާތުގެ ތަށި މިލްކުކުރާށެވެ. އެ އަމާޒަށް ދިއުމަށް އެޓީމުގައި މިއަހަރު ވަނީ މަޝްހޫރު ފުޓްސަލް ކުޅުންތެރިން ހިމަނާފަ އެވެ. އެގޮތުން އަލީ ޝިޔާހު އާއި އިސްމާއީލް ވަޖީހު (ވައްޖެ)، މުހައްމަދު ވިލްފް އަދި ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހީމް އައިސަމް ފާހަގަކޮށްލެވެ އެވެ.

ބީސީ ސްޕޯޓްސް ދައްކަމުންދާ ކުޅުމަށް ބަލާއިރު ގިނަ ބައެއްގެ ނަޒަރުގައި ފޭވަރިޓުންނަކީ އެޓީމެވެ. އެހެންނަމަވެސް ސީއެސް ސްޕޯޓްސް މިރޭގެ ފައިނަލުގައި ދޫނުދޭނެ އެވެ.

ފައިނަލުގައި ބީސީ ސްޕޯޓްސްއާ ދެކޮޅަށް ނުކުންނަ ސީއެސް ސްޕޯޓްސްގައި ވެސް މަޝްހޫރު ފުޓްސަލް ކުޅުންތެރިން ހިމެނެ އެވެ. އެޓީމުގައި ރަށުން ބޭރުން ހިމެނި ކުޅުންތެރިންނަކީ އަހުމަދު އައިހަމް (އައިހު) އާއި އަހުމަދު ވިޖުދާންގެ އިތުރުން މުލަކު ޓީމުގެ ވިޝާހް ޝަރީފް އެވެ. އައިހަމް ވަނީ ރޭ ބ. އޭދަފުށީގައި އޮތް ފުޓްސަލް ފައިނަލުގައި ކުޅެފަ އެވެ.

އެލް4 ކަޕް މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވަން ފެށީ 2011 ވަނަ އަހަރު އެވެ. އޭގެފަހުން މުބާރާތް ބާއްވާ މަގޫދޫގެ ޓީމަކަށް އެ ތަށި ހޯދިފައެއްނުވެ އެވެ. ސީއެސް ސްޕޯޓްސް ވަނީ 2011 ގެ ކުރިން މުބާރާތް ކާމިޔާބުކޮށްފަ އެވެ. ބީސީ ސްޕޯޓްސް އިން މިހާތަނަށް މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވެ އެވެ.

މިރޭގެ ފައިނަލް ދެ ރަށުގެ ދެ ކްލަބަށް ނިސްބަތްވިޔަސް ތަމްސީލު ކުރާނީ މުޅި ރަށެވެ. ފައިނަލަށް ދަރަނބޫދޫގެ ސަޕޯޓަރުން މަގޫދޫ އަށް ދާން ތައްޔާރުވާއިރު މަގޫދޫ ސަޕޯޓަރުންގެ އުއްމީދަކީ އެރަށުގައި މިއަހަރުގެ ތަށި ބެހެއްޓުމެވެ.

ފައިނަލަށް ދެޓީމު ވެސް ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ. ފައިނަލް މެޗުގެ ރަސްމިއްޔާތު ފަށާނީ މިރޭ 8:20 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *