ބޮޑު ދެ ބާރުގެ ފުރަތަމަ ހަނގުރާމަ ކޮޅެއްގައި ނުޖެހި ވާދަވެރިކަން ބޮޑުވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ރޭ ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް ވާދަކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.
ވާދަވެރި ދެ ޓީމުގެ ކުރިމަތިލުން ރޭ އެއްވަރުވީ ބަޔާންގެ ދަނޑުގަ އެވެ. ދެ ވަނަ ލެގްގެ މެޗު ރެއާލްގެ ދަނޑުގައި އޮންނައިރު އެ މެޗު ވެގެންދާނީ ފައިނަލަށް ކުރާ ދަތުރުގައި ދެ ޓީމު ކުރާ ވަރުގަދަ ހަނގުރާމައަކަށެވެ.
މެޗުގެ ފުރަތަމަ ހާފު ރެއާލުން ނިންމާލީ ވިނީޝުސް ޖޫނިއާގެ ގޯލުން ކުރީގައި އޮވެގެންނެވެ. ވިނީޝިއުސް ގޯލު ޖެހީ ޓޮނީ ކްރޫސް ދިން ހިތްގައިމު ޕާހަކުންނެވެ.
ބަޔާނުން ވަނީ ދެ ވަނަ ހާފު ފަށައިގެން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ. ބަޔާންގެ ފުރަތަމަ ގޯލު ލިރޯއި ސާނޭ ޖެހިއިރު ދެ ވަނަ ގޯލު އޭގެ އިރުކޮޅެއް ފަހުން ލިބުނު ޕެނަލްޓީއަކުން ޖެހީ ހެރީ ކޭން އެވެ.
ކޭން ވަނީ މި ސީޒަނުގައި ބަޔާނަށް މިހާތަނަށް ކުޅުނު 43 މެޗުގައި 43 ގޯލު ޖަހައިފަ އެވެ. ބަޔާންގައި ހޭދަކުރާ ފުރަތަމަ ސީޒަނުގައި ކޭން އަންނަނީ ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް މުގުރަމުންނެވެ.
ބަޔާން ލީޑުގައި ހިފަހައްޓައިގެން މެޗު ނިންމާލަން ބުރަކޮށް މަސައްކަތްކުރަމުން ދަނިކޮށް ރެއާލުން ނަތީޖާ ހަމަހަމަކުރި 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ރޮޑްރީގޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ ވައްދާލީ ވިނީޝިއުސް އެވެ.
ދެ ޓީމުގެ ދެ ވަނަ ލެގްގެ މެޗު އޮންނާނީ އަންނަ ހަފްތާ ބުދަ ދުވަހުގެ ރޭ މެންދަމު އެވެ.
މެޗަށް ފަހު ކޭން ބުނީ އޭނާ ކްލަބް ބަދަލުކުރީ ބޮޑެތި މެޗުތަކުގައި ކުޅެން ކަމަށާއި، ޗެމްޕިއަންސް ލީގު ލިބިއްޖެ ނަމަ ބަޔާން ސީޒަން ނިންމާލާނީ ކާމިޔާބު ޓީމެއްގެ ގޮތުގައި ކަމަށެވެ.
“މިހާތަނަށް މިއީ ރަނގަޅު ސީޒަނެއް. އެންމެ ބޮޑު މަސައްކަތެއް މި ކުރަނީ ޗެމްޕިއަންސް ލީގު ހޯދަން. ރެއާލްގެ ދަނޑުގައި މޮޅުވާން އުނދަގޫ ވާނެ. އެކަމަކު މި ތަށި ލިބިއްޖެ ނަމަ މިއީ ބަޔާނަށް ކާމިޔާބު ސީޒަނެއް” ކޭން ބުންޏެވެ.
ބަޔާނަށް މި ސީޒަނުގައި ވަނީ 11 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ތަށި ގެއްލިފަ އެވެ. ބަޔާންއާ އެކު ހޭދަކުރާ ފުރަތަމަ ސީޒަނުގައި ލީގު ގެއްލުމުން ކޭން އަށް ފާޑުކިޔުން އަމާޒުވެ އެވެ.
“އަހަރެން ބަޔާނަށް ބަދަލުވީ މިކަހަލަ ބޮޑެތި މެޗުތަކުގައި ކުޅެން. މިއީ ރަނގަޅު މާހައުލެއް އޮންނަ ބޮޑެތި މެޗުތައް. އަހަރެން ބޭނުން މިކަހަލަ މެޗުތައް ކުޅެން” ކޭން ބުންޏެވެ.
Advertisement


Leave a Reply