އިޒްރާއީލްގައި ޔޫރަޕްގެ މެޗުތައް ނުކުޅެން ނިންމައިފި
ހަމާސް ޖަމާއަތާއި އިޒްރޭލުގެ އަސްކަރިއްޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ޔޫރަޕްގައި ވާދަކުރާ އިޒްރޭލް ކްލަބްތަކުގެ މެޗުތައް ވެސް ވަކިގޮތެއް ކަނޑައަޅަންދެން އެގައުމުގައި ނުކުޅެން ޔޫއެފާ އިން ނިންމައިފި އެވެ.
ޔޫރަޕްގައި ވާދަކުރާ އިޒްރާއީލްގެ ދެ ކްލަބަކީ މެކަބީ ހައިފާ އާއި މެކަބީ ޓެލް އަވިވް އެވެ. މެކަބީ ހައިފާ ޔޫއެފާ ޔޫރޮޕާ ލީގުގައި ވާދަކުރާއިރު މެކަބީ ޓެލް އަވިވް ވާދަކުރަނީ ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގަ އެވެ.
ޔޫއެފާ އިން ބުނީ ނިންމުމަށް ވަކި ގޮތެއް ކަނޑައަޅަންދެން އެ ދެ ޓީމުގެ ހޯމް މެޗުތައް ކުޅެން ޖެހޭނީ އެހެން ދަނޑެއްގައި ކަމަށެވެ. އިޒްރާއީލުން ބޭރުގައި އެ ދެޓީމުގެ މެޗުތައް ކުޅޭނެ ދަނޑެއް ކަނޑައެޅުމަށް މިހާރު ވަނީ ކްލަބްތަކުގައި އެދިފަ އެވެ. ޔޫއެފާއިން މެޗުތައް ކުޅެން ހަމަޖައްސާފައިވާ މިންގަނޑަށް ދަނޑުތައް ފެތެންޖެހޭނެ ކަމަށް ޔޫއެފާއިން ބުންޏެވެ.
އިޒްރާއީލް ޕްރިމިއާ ލީގުގައި މި ހަފްތާ ބަންދުގައި ކުޅެން އޮތް ހުރިހާ މެޗެއް ވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ. އޭގެތެރޭގައި މެކަބީ ހައިފާ އާއި ޓެލް އަވިވް ވާދަކުރާ މެޗު ވެސް ހިމެނެ އެވެ.
ޔޫރަޕްގައި މެކަބީ ހައިފާ ވިޔަރެއާލްއާ ދެކޮޅަށް ކުޅޭ މެޗު މިހާރު ވަނީ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހަށް ބަދަލުކޮށްފަ އެވެ. އަދި، ޓެލް އަވިވް ޔޫކްރޭންގެ ޒޯޔާ ލުހާންސްކްއާ ދެކޮޅަށް ވާދަކުރާ މެޗު ވަނީ ނޮވެމްބަރު 25 ވަނަ ދުވަހަށް ބަދަލުކޮށްފަ އެވެ.
ޔޫކްރޭން އާއި ރަޝިއާ ހަނގުރާމައާ ގުޅިގެން ޒޯޔާ ލުހާންސްކްގެ މެޗުތައް ވެސް މިހާރު ކުޅެނީ ޔޫކްރޭންގެ އެހެން ސިޓީއެއްގަ އެވެ.
މީގެކުރިން ޔޫއެފާ އިން ވަނީ އިޒްރާއީލްގެ ސީނިއާ ގައުމީ ޓީމާއި ޔޫތު ޓީމުތައް ކުޅެން އޮތް މެޗުތަކެއް ވެސް ކެންސަލްކޮށްފަ އެވެ.
ސީނިއާ ޓީމު ޔޫރޯ ކޮލިފައިންގައި މިދިޔަ ބުރާސްފަތި ދުވަހު ސްވިޒަލެންޑާ ދެކޮޅަށް ކުޅެން ހަމަޖެހިފައިއޮތީ އިޒްރާއީލްގެ ޓެލް އަވިވްގައި ހުންނަ ސްޓޭޑިއަމްގަ އެވެ. އެކަމަކު ވަކި ތާރީހެއް ނެތްގޮތަށް އެ މެޗު ވަނީ ފަސްކޮށްފަ އެވެ.
އިޒްރާއީލްގެ 21 އަހަރުގެ ޓީމުން އެސްޓޯނިއާ އާއި ޖަރުމަނާ ދެކޮޅަށް ވާދަކުރަން އޮތް ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ކޮލިފައިން މެޗުތަކާއި އިޒްރާއީލްގެ 17 އަހަރުން ދަށުގެ ޓީމު ވާދަކުރާ މިނީ ޓޯނަމެންޓް ވެސް ވަނީ ފަސްކޮށްފަ އެވެ. މިނީ ޓޯނަމެންޓްގައި އިޒްރާއީލްއާ އެކު ވާދަކުރަނީ ބެލްޖިއަމް، ޖިބްރާލްޓާ އަދި ވޭލްސް އެވެ.
ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅެންޖެހޭ ހުރިހާ މެޗެއް އަލްޖީރިއާގައި ކުޅޭގޮތަށް ވަނީ ނިންމައިފަ އެވެ. އަލްޖީރިއާ އިން ނިންމި ނިންމުމުގައި ބުނީ ފަލަސްތީނުގެ ހޯމް ހުރިހާ މެޗެއް އެގައުމުގައި ކުޅޭއިރު ހުރިހާ ހަރަދެއް ވެސް ބަލަހައްޓާނީ އަލްޖީރިއާ އިން ކަމަށެވެ.
Advertisement
Leave a Reply