ފުރަތަމަ ސަފްޙާ / ޚަބަރު / ޗެލްސީގައި ހުރެގެން ހަޒާޑަށް ބެލޮންޑިއޯ ހޯދޭނެ: ސާރީ

ޗެލްސީގައި ހުރެގެން ހަޒާޑަށް ބެލޮންޑިއޯ ހޯދޭނެ: ސާރީ

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 20 އޮކްޓޫބަރު 2018

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޑެން ހަޒާޑަށް ޗެލްސީގައި ހުރެގެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑު ހޯދޭނެ ކަމަށް އެޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ. ސާރީ މިހެން ބުނީ ހަޒާޑް ސްޕެއިންގެ ރެއާލް މެޑްރިޑަށް ދާންބޭނުންވާ ކަމަށް މީގެ ކުރިން ތަކުރާރުކޮށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ.

އުމުރުން 27 އަހަރުގެ ބެލްޖިއަމަށް އުފަން ހަޒާޑް މި ހަފްތާތެރޭ ބުނީ އަންނަ ޖެނުއަރީ މަހު އޮންނަ ޓްރާންސްފާ މުއްދަތުގައި ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލު ނުވާނެކަމަށެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި ބެލޮންޑިއޯ ހޯދުމަށް ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ފުރުސަތު އެބައޮތްކަމަށް ހަޒާޑް ބުނެފައިވެއެވެ.

“ހަޒާޑަށް މިތަނުގައި ހުރެގެން ބެލޮންޑިއޯ ހޯދޭނެ. އެއީ ވަރަށް މޮޅު ކުޅުންތެރިއެއް އަދި އޭނާ އަހަރެމެންނާއެކު ހުރުން ވަރަށް ވަރަށް މުހިއްމު” ހަޒާޑަށް ޗެލްސީގައި ހުރެގެންވެސް ބެލޮންޑިއޯ ލިބިދާނެ ކަމަށް ގަބޫލުކުރާ ސާރީ ބުންޏެވެ.

މި ސީޒަނުގައި ޕްރިމިއަރ ލީގުގައި ޖެހި ހަތް ގޯލާއެކު ހަޒާޑް އުޅެނީ ލަނޑު ލިސްޓުގެ އެއްވަނައިގައެވެ. ސާރީގެ ކޯޗު ކަމުގައި ހަޒާޑް ރަނގަޅު ފޯމެއްގައި ކުޅެމުންދާއިރު ކޮންމެ މެޗެއްގައިވެސް ހަޒާޑް އަންނަނީ ތަފާތު ދައްކަމުންނެވެ.

“މިސާލަކަށް، އަހަރެމެންނަށް ޗެމްޕިއަންސް ލީގު ލިބިފަ ބެލްޖިއަމަށް ޔޫރޯ މުބާރާތް ކާމިޔާބު ކުރެވިއްޖެ ނަމަ ސްޕެއިނަށް ނުގޮސް ހުރިހާ އެއްޗެއް ހޯދުމުގެ ފުރުސަތު ހަޒާޑަށް ލިބޭނެ” ސާރީ ބުންޏެވެ.

ހަޒާޑް ވަނީ މިދިޔަ ޖުލައި މަހު ނިމުނު ވޯލްޑް ކަޕްގައި ބެލްޖިއަމް ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެ ގައުމަށް ފުރަތަމަ ފަރަހަށް ވޯލްޑް ކަޕްގެ ތިންވަނަ މަގާމް ހަޒާޑުގެ އެހީތެރިކަމާއެކު ލިބުނުއިރު އޭނާ ވަނީ ފީފާއިން މިއަހަރު ހޮވި އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ. ވޯލްޑް ކަޕަށްފަހު ހަޒާޑް ބުނީ އޭނާ އެހެން ތަޖުރިބާއެއް ކުރަންޖެހޭ ކަމަށާއި، ސްޕެއިންއަށް ބަދަލުވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ. މި ސީޒަނުގައި ހަޒާޑް ގެންދަން ރެއާލް މެޑްރިޑުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އޭނާ ނިންމީ ޗެލްސީގައި މަޑުކުރުމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!