ކޮންމެ އަހަރަކު ވެސް ފިތުރު އީދު ބަންދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މާލޭގައި ބާއްވާ ބައިބަލާ މުބާރާތް މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.
"އީދު ބައިބަލާ ޗެލެންޖް 1447" ގެ ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކުރިއަށްގެންދާމި މުބާރާތުގައި މިފަހަރު 38 ޓީމު ވަނީ ބައިވެރިވެފަ އެވެ. ޒުވާނުންގެ ބޮޑު މަގްބޫލުކަމެއް އަބަދުވެސް އޮންނަ ބައިބަލާ މުބާރާތުން މިފަހަރު ފެންނާނެ އެންމެބޮޑު ބަދަލަކީ މުބާރާތުގެ ފޯމެޓަށް ގެނެސްފައިވާ ބަދަލެވެ.
މީގެ ކުރިން ބޭއްވި މުބާރާތްތަކުގައި ފުރަތަމަ ބުރާ ހަމައިންވެސް ބަލިވާ ކޮންމެ ޓީމެއް މުބާރާތުން ކަޓާ ގޮތަށް އޮތްއޮތުން މިފަހަރު ވަނީ ބަދަލުކޮށްފަ އެވެ. މިފަހަރުގެ މުބާރާތުގައި ފުރަތަމަ ކުޅޭ މެޗުން ޓީމެއް ބަލިވިޔަސް އަދި އިތުރު އެއް މެޗު މަދުވެގެންއެ ޓީމަކަށް ކުޅެން ލިބޭނެ އެވެ.

ބައިބަލާ މުބާރާތަކީ ޓީމުތަކުންވަރަށް ބޮޑު ހޭދައެއްކޮށް އަދި ވަރަށް ދުރާލާ ތައްޔާރުވާ މުބާރާތަކަށްވެފައި މުބާރާތުގައި އެއް މެޗަށްވުރެ ގިނަ މެޗު ކޮންމެ ޓީމަކަށްވެސް ކުޅެން ލިބުމަކީ ޓީމުތަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.
މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލާއެކު މިފަހަރުގެ މުބާރާތް ނުވަ ދުވަހަށް ދިގުދެމިގެންދާނެ އެވެ. މިރޭ ފަށާ މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަދުވަހުގެ ރެ އެވެ. މުބާރާތުގައި މިރޭ ޖުމްލަ ހަތް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު މުބާރާތުގެ ހުރިހާ މެޗެއް ޔެސް ޓީވީން ވަގުތުން ދުރަށްދައްކާނެ އެވެ.
މީގެ އެތައް އަހަރެއް ކުރިން ފެށިގެން އާންމުކޮށް ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އީދު ބައިބަލާ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ޓީއެފްޓީ އެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޒޓްލް ސްޕޮންސަރަކީ ޗާޖްޑް ގޯލްޑެވެ.