އީދާ ދިމާކޮށް މުޅި ބ. އަތޮޅަށް ހުޅުވާލައިގެން އޭދަފުށީގައި ކުރިއަށްގެންދިޔަ “އޫދު އަލް ސަބާޔާ އޭދަފުށި ބައިބަލާ 1443” ގެ ޗެމްޕިއަންކަން ގޮއިދޫ ސްޕޯޓްސް ހޯދައިފި އެވެ.
ބައިބަލާ އެސޯސިއޭޝަނުން ފިތުރު އީދުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކްލަބް އޯވަންއޯގެ ކެޕްޓަން، މީގެ ކުރިން ދެ ފަހަރު މިސްޓަ ބައިބަލާގެ މަގާމް ހޯދި އަލީ ވިޖުހާން (ވިޖޫ) އާއެކު ކުޅުނު ގޮއިދޫ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، މުބާރާތުގައި އޭދަފުށީގެ ހަތަރު ޓީމު ބަލި ކޮށްފަ އެވެ.
ގޮއިދޫ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބީކޭ ސްޕޯޓްސް ކުލަބާ ވާދަކޮށް ސީދާ ދެ ގޭމުން މެޗު ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ ގޭމުގައި ބީކޭ އިން އެތެރޭން ކުޅެ ރަނގަޅު ވާދައެއް ކުރި ނަމަވެސް ގޮއިދޫ ޓީމުން ވަނީ އެޓީމުގެ އެތެރޭގެ ގޭމު ފަސޭހަ ކަމާ އެކު ކާމިޔާބު ކޮށްފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިޖޫ އެވެ.
އޭދަފުށިން ބޭރުން މުބާރާތުގައި ވާދަކުރި ހަމައެކަނި ޓީމުގެ ގޮތުގައި ގޮއިދޫން ވަނީ ސެމީ ފައިނަލުގައި ކްލަބް އެމްވީއާ ވާދަކޮށް ސީދާ ދެ ގޭމުން މޮޅު ވެފަ އެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބީކޭ ސްޕޯޓްސް އިން ކްލަބް ފޯކަސް ބަލިކުރީ ގަދަހިފުމަށް ގޮސްގެންނެވެ. ޓީމަކަށް ގޭމެއް ގޮސްގެން ބީކޭ އިން ވަނީ، މަޝްހޫރު ކުޅުންތެރިޔާ އަހުމަދު މުހައްމަދު (އަންމަޑޭ) އާއެކު ކުޅުނު ކްލަބް ފޯކަސް ބަލިކޮށްފަ އެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ފޯކަސްގެ އަލީ ނަވީހު އެވެ. ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫ ޓީމުގެ ހަސަން މާހިރު (ހަންޓޭ) އެވެ.
ރާއްޖޭގެ ކައިޓް ސާފިންގައި ވެސް ފުންނާބު އުސް ހަންޓޭ ވަނީ މި މުބާރާތުގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ. ގަދަ 5 ގައި ދެން ހިމެނެނީ އެކުލަބުގެ ހުސެއިން ރައުޝާނާއި، ކްލަބް ފޯކަސްގެ މުހައްމަދު ޝުހާދު މުސްތަފާ އަދި ބީކޭގެ މުހައްމަދު ނައްވާފު އަދި ގޮއިދޫ ޓީމުގެ ވިޖޫ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާ އެކު، މިސްޓަ ބައިބަލާގެ ލަގަބު ހޯދީ ވެސް ވިޖޫ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމް ގޮއިދޫ އަށް ވަނީ މެޑެއްޔާއި ޗެމްޕިއަން ޓްރޮފީގެ އިތުރުން 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.
ބައިބަލާ އެސޯސިއޭޝަނާއި އޭދަފުށީ ކައުންސިލްގެ އެއްބާރުލުމާ އެކު އޭދަފުޝީގެ ގުރޫޕެއް ކަމަށްވާ ބަނަފްސާ ކަންމަތި (ބީކޭ) އިން ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ ހަ ޓީމެއް ވާދަކުރި އެވެ. އެއީ، ސެމީ ގައި ކުޅުނު ހަތަރު ޓީމުގެ އިތުރުން، އެމްވީ ޔުނައިޓެޑާއި ދަ ވަޑިއަންސް އެވެ.
އޭދަފުށްޓަކީ މާލޭން ބޭރު ރަށެއްގައި ބައިބަލާ އެސޯސިއޭޝަން ގުޅިގެން މުބާރާތެއް ކުރިއަށް ގެންދިޔަ ދެވަނަ ރަށެވެ. މީގެ ކުރިން ބައިބަލާ އެސޯސިއޭޝަނާ ގުޅިގެން ވަނީ ލ. ގަމުގައި ބައިބަލާ މުބާރާތް ބާއްވައިފަ އެވެ.