ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 19 އަހަރުން ދަށުގެ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕްގެ ފައިނަލްގައި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، މާލޭގައި ހުންނަ ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މަތީ ސާނަވީ ތައުލީމު ދޭ މާލޭގެ ހަތަރު ސްކޫލަކަށް ދައުވަތު ދީގެން ބާއްވާ މި މުބާރާތުގައި ދެން ބައިވެރިވެފައި ވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި، ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީ އެވެ. މި މަހުގެ އަށްވަނަ ދުވަހު ފެށި މި މުބާރާތް ކުރިއަށްދިޔައީ ލީގު އުސޫލުންނެވެ.
ރާއްޖޭގައި ރަސްމީކޮށް ފުޓްބޯޅަ މުބާރާތްތައް ބާއްވަން ފެށިތާ 75 އަހަރު ފުރުން ފާހަގަ ކުރުމަށާއި އަދި އަންނަ މަހު މާލޭގައި ބާއްވަން ހަމަޖެހިފައިވާ 30 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިކުރާ ރާއްޖޭގެ ގައުމީ ޓީމު އެކުލަވާލުމަށްޓަކައި ކުރިއަށްގެންދާ މި މުބާރާތުގެ ފައިނަލުން ސީއެޗްއެސްއީ–މާލެ ޖާގަ ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. މީގެ އިތުރުން މުބާރާތުގައި އެ ޓީމު ކުޅުނު ތިން މެޗުގައި 12 ގޯލް ކާމިޔާބުކޮށްފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ.
މުބާރާތުގެ ފައިނަލުން އަހްމަދިއްޔާއަށް ޖާގަ ލިބުނީ ޕޮއިންޓްގެ ގޮތުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި އެއްވަރުވި ނަމަވެސް ގޯލުގެ ތަފާތުން ކުރި ލިބުމުންނެވެ. އަހްމަދިއްޔާ އާއި ވިލާއަށް ޖުމްލަ ހަތަރު ޕޮއިންޓް ލިބުނު އިރު އަހްމަދިއްޔާއަށް ފައިދާ ތިން ގޯލް އޮތެވެ. ވިލާއަށް ލިބިފައި އޮތީ ފައިދާ ދެ ގޯލެވެ.
ސީއެޗްއެސްއީ އާއި އަހްމަދިއްޔާ ވާދަކުރާ ފައިނަލް މެޗު މާދަމާ ހަވީރު 4 ޖަހާއިރު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު މި ދެ ޓީމު ލީގު ބުރުގައި ކުޅުނު މެޗު 0-3 އިން ކާމިޔާބުކުރީ ސީއެޗްއެސްއީ އެވެ. ފައިނަލް މެޗު ކުރިއަށްދާނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.