ފުރަތަމަ ސަފްޙާ / ޚަބަރު / ސަސް ބަލިކޮށް އީގަލްސް އިން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ފަހުމިނެޓް

ސަސް ބަލިކޮށް އީގަލްސް އިން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 13 ފެބްރުއަރީ 2022

ފައިނަލުގައި 1-0 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް 19 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކްލަބް އީގަލްސް އިން ހޯދައިފި އެވެ.

މިއީ ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އީގަލްސް އިން ހޯދި ފަސް ވަނަ ފަހަރެވެ. މީގެކުރިން އީގަލްސް އިން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2014، 2016، 2017، 2019 އަދި 2022 ވަނަ އަހަރު އެވެ. އެކަމަކު މިއީ 19 އަހަރުން ދަށަށް އަމާޒުކޮށްގެން ބޭއްވި ޔޫތު ޗެމްޕިއަންޝިޕް އީގަލްސް އިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މުބާރާތުގެ ތާރީހުގެ ނުވަ މުބާރާތުގެ ތެރެއިން ހަތް ފައިނަލުގައި ކުޅެ އީގަލްސް ބަލިވީ ދެ ފައިނަލުންނެވެ. މިއީ ސަސް އިން މި މުބާރާތުގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

May be an image of 6 people, people playing football, people standing and grass

ގޯލު ޖެހުމަށް ފަހު ޒައިން އުފާފާޅުކުރަނީ. ޒައިން އަކީ އީގަލްސްގެ ސީނިއާ ޓީމަށް ވެސް ކުޅޭ ކުޅުންތެރިއެއް. – ފޮޓޯ: އެފްއޭއެމް

ފައިނަލް މެޗު ކުޅުނީ 2020 ވަނަ އަހަރު ސަރުކާރުން ޓާފް އަޅައި ނިންމާލި ފ. ނިލަންދޫ ދަނޑުގަ އެވެ. ފައިނަލަށް މެޗަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ނިލަންދޫ އަށް ވަޑައިގެންފަ އެވެ.

މިއަދުގެ މެޗުގެ ހަމައެކަނި ގޯލު 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އީގަލްސްގެ ސީނިއާ ޓީމަށް ވެސް ކުޅެމުން އަންނަ ޒައިން ޒަފަރު އެވެ. ޒައިން އަށް އޭރިޔާ ތެރެއިން ލިބުނު ބޯޅަ ސަސްގެ ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ އަށް ފުރުސަތެއް ނުދީ ގޯލަށް ފޮނުވާލީ ތިރިތިރިންނެވެ. ލީޑުގައި އޮވެ އީގަލްސް އިން މެޗު ނިންމާލިއިރު ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ވެސް އެޓީމަށް ލިބި ބޭކާރުވި އެވެ. އަނެއްކޮޅުން މެޗުގެ ފަހުކޮޅު ސަސް އިން ވަނީ ކުރިއަށްޖެހި އީގަލްސްގެ ޑިފެންސަށް ބާރުބޮޑުކޮށްފަ އެވެ. އެކަމަކު އީގަލްސްގެ ޑިފެންސް ފޫއަޅުވާލެވޭނެ މާ ނުރައްކާތެރި ފުރުސަތުތަކެއް ސަސް އަށް ތަނަވަހެއް ނުކުރެވުނެވެ.

ނުވަ ޓީމު ވާދަކުރި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް މި ދެޓީމުގެ ކުރިމަތިލުން 1-0 އިން ކާމިޔާބުކުރީ އީގަލްސް އިންނެވެ. މިފަހަރުގެ ތަށި އީގަލްސް އަށް އެންމެ ބޮޑަށް ހާއްސަވަނީ ގޯލެއް ނުވަދެ މުބާރާތް ނިންމާލެވުމުންނެވެ. މުބާރާތުގައި އެޓީމުގެ ޑިފެންސް ލައިންގައި ތިބި ކުޅުންތެރިންނާ އެކު ކީޕަރު ޝައިހާން އަލީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

May be an image of 3 people, people playing football, people standing and grass

އީގަލްސް އާއި ސަސް ވާދަކުރި ފައިނަލުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޮޅުވި ގޯލު ޖެހި ޒައިން އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް މަހިބަދޫ ސްޕޯޓްސް ކްލަބް ހޮވުނުއިރު އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ އީގަލްސް އަށް އިރުޝާދުދިން އަހުމަދު ނިމާދު (ނިމާ) އެވެ.

މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަށް ހޮވުނީ، ޗެމްޕިއަން އީގަލްސްގެ މުހައްމަދު ސަމާހު މޫސާ ފަތުހީ، ހުމައިދު ހުސައިން، އިސްމާއީލް ސާއިފް، ސަސްގެ ގޯލްކީޕަރު މީސަމް، އިޝްއާފް މުހައްމަދު ފިރާގު، ވިޝާހު އަބްދުލް މަޖީދު، ޓީސީ ސްޕޯޓްސް ކްލަބްގެ އައިހަމް ހަމްދޫން، އައިހަމް ސައީދު، މުހައްމަދު ތަސްނީމް އަދި މާޒިޔާގެ އިޔާންގެ އިތުރުން ޔުނައިޓެޑް ވިކްޓްރީގެ ޒައިން ސުޖާއު އެވެ.

2011 ވަނަ އަހަރު ފެށި ޔޫތު ޗެމްޕިއަންޝިޕް މިދިޔަ ދެ އަހަރު ނުބޭއްވީ ކޮވިޑާ ގުޅިގެންނެވެ. މީގެ އިތުރުން 2015 ވަނަ އަހަރު ވެސް މި މުބާރާތް ބާއްވާފައެއްނުވެ އެވެ. އީގަލްސްގެ އިތުރުން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ ކްލަބް ވެލެންސިއާ، ވިކްޓްރީ ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް ގްރީން ސްޓްރީޓްސް އެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ އިތުރުން މަހިބަދޫ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!