އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ ފ. ނިލަންދޫ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅެން އެފްއޭއެމުން ނިންމައިފި އެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް ނިލަންދޫ ޓާފް ދަނޑުގައި އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ހަވީރު އެވެ. މިވަގުތު ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ ހަތަރު ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ކްލަބް އީގަލްސް އެވެ. އީގަލްސް އިން ވަނީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 1-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.
އެފްއޭއެމުން މިހާރު އަންނަނީ ގަލޮޅު ދަނޑުގައި ކުޅޭ ވާދަވެރި މެޗުތައް އަތޮޅުތަކުގައި ހޯސްޓް ކުރުމުގެ ފުރުސަތުދެމުންނެވެ. އެންމެފަހުން އަތޮޅުތެރޭގައި ކުޅުނު އެންމެ ވަރުގަދަ މެޗަކީ މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ކްލަބް ވެލެންސިއާ އިން ތަށި ހޯދި މި މެޗު ކުޅުނީ ރ. އަލިފުށީގަ އެވެ. އެ މެޗަށް އަލިފުށިން ވަރަށް ބޮޑަށް ތައްޔާރުވިއިރު ސަރަހައްދުގެ ރަށްތަކުން ވަނީ ފައިނަލް މެޗު ބެލުމަށް އެރަށަށް ގޮސްފަ އެވެ.
ނިލަންދޫގައި ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅޭއިރު އެރަށުގެ ޓާފް ދަނޑުގެ މަސައްކަތް ސަރުކާރުން ނިންމާލީ 2020 ވަނަ އަހަރު އެވެ. ނިލަންދޫއަކީ 2018 ވަނަ އަހަރާއި 20-2019 ވަނަ ސީޒަނުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ޓީމެވެ. އެރަށް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވީ 2018 ވަނަ އަހަރު އޮތް މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި ށ. ފޯކައިދޫ އަތުން ބަލިވިއިރު، ފައިނަލް ބުރުގެ މެޗުތައް ކުޅުނީ ނިލަންދޫގަ އެވެ. އެކަމަކު އޭރު އެރަށުގައި އޮތީ ވެލި ދަނޑެކެވެ. ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ފުރަތަމަ ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެ ނިލަންދޫ ވަނީ ހަ ވަނައިގައި ނިންމާލާފަ އެވެ. ޖެހިގެން އައި ސީޒަނުގެ ލީގުގައި އެޓީމަށް ލިބުނީ އަށް ވަނަ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލްޖަލީލް ދާދިފަހުން ވިދާޅުވީ ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުގެ މެޗުތައް އަތޮޅުތެރޭގައި ކުޅުމުގެ ފުރުސަތު ރަށްތަކަށް ލިބިގެންދާނެ ކަމަށެވެ. އެފްއޭއެމްގެ ރައީސްކަމުގައި ބައްސާމް ހޭދަކުރައްވާ ދެ ވަނަ ދައުރުގައި އެންމެ ބޮޑު ސަމާލުކަމެއްދެއްވަނީ އަތޮޅުތެރެ ޝާމިލްވާނޭހެން ފުޓްބޯޅަ ފުޅާކުރުމަށެވެ. މިގޮތުން 2024/2023 ސީޒަނުން ފެށިގެން ދިވެހި ޕްރިމިއާ ލީގު ކުޅޭ ފޯމެޓަށް ބޮޑު ބަދަލެއް ގެނެސް މުޅި ރާއްޖެ އަށް ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. އާ ފޯމެޓާއެކު 2024/2023 ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 12 ޓީމުގެ ތެރެއިން ތިން ޓީމު ނިސްބަތްވާނީ އަތޮޅުތެރެއަށެވެ. ބާކީ ނުވަ ޓީމުގެ ތެރެއިން އެއް ޓީމަކަށް ވާނީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން އެވެ. ދެން ވާދަކުރާނީ މިހާރުވެސް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ކްލަބެވެ.