ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި މިރޭ ގއ. ދެއްވަދޫ އާއި މިދިޔަ އަހަރުވެސް މި މުބާރާތުގެ ފައިނަލުގައ ކުޅުނު ހދ. ނައިވާދޫ ބައްދަލުކުރާނެ އެވެ.
މިހާތަން ގޯލްޑަން ފުޓްސަލްގެ 10 މުބާރާތް ބާއްވާފައިވާއިރު މިއީ ދެއްވަދޫ މި މުބާރާތުގެ ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ގއ. އަތޮޅުގެ ރަނަރަޕް މަގާމުގެ އިތުރުން ޒޯން 7 ގެ ޗެމްޕިއަންކަން ހޯދާފައިވާ ދެއްވަދޫ މުބާރާތުގެ ފައިނަލާ ހަމައަށް އައުމަށްޓަކައި ވަނީ އުނދަގޫ ދަތުރެއް ކޮށްފަ އެވެ.
މުބާރާތުގެ ގަދަ 16 ގައި 2-4 އިން ކެޔޮދޫ ބަލިކުރުމަށްފަހު ކުއާޓާ ފައިނަލްގައި އެޓީމަށް ކުރިމަތިލާން ޖަހުނީ މި މުބާރާތުގެ ތަށި ތިން ފަހަރު އުފުލާލައިފައިވާ ތިމަރަފުށްޓާ އެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން އެއްވަރުވެފައި އޮތުމާއެކު ނަތީޖާ ނެރެންޖެހުނީ ޕެބަލްޓީ ޖަހައިގެންނެ ވެ. ޕެނަލްޓީގައި ދެއްވަދޫއިން ތިމަރަފުށީގެ މައްޗަށް ކުރި ހޯދީ 6-8 އިންނެވެ.
ސެމީ ފައިނަލްގައި ދެއްވަދޫއިން ވާދަކުރީ މާލޭ ޒޯންގެ ޗެމްޕިއަންކަން ހޯދި ވިލިމާލެ އާއެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނުނު އެ މެޗު ދެއްވަދޫއިން ކާމިޔާކުރީ 3-4 އިންނެވެ.

އޭދަފުށި ބަލިކުރުމަށް ފަހު ނައިވާދޫ ކުޅުންތެރިން އުފާފާޅުކުރަނީ. މިއީ އެޓީމު ޖެހިޖެހިގެން ފައިނަލުގައި ވާދަކުރާ ދެ ވަނަ ފަހަރު. ފޮޓޯ: ގޯލްޑަން ފުޓްސަލް
ދެއްވަދޫ އަކީ މިފަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރެއިން ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން އެންމެ ގިނަ އަދަދަކަށް ހިމެނިފައިވާ ޓީމެވެ. އެ ޓީމުގައި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވެ ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޓީމުގެ ހަތަރު ކުޅުންތެރިޔަކު ހިމަނައިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އާއި، ހުޒައިފަތު ރަޝީދު (ހުޒޭ) ގެ އިތުރުން ޢަލީ ހައިޝަމް (ޗުމްޕު) އަދި އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ.
ދެއްވަދޫއާ މިރޭ ވާދަކުރާ ނައިވާދޫ މިރޭ ނުކުންނާނީ މިދިޔަ އަހަރުގެ ފައިނަލްގައި ކާށިދޫ އަތުން ބަލިވި މެޗުގެ ހިތި ހަނދާން ފިލުވާލުމުގެ އަޒުމުގައިކަން ޔަގީނެވެ. ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ޒޯން އެކެއްގެ ޗެމްޕިއަންކަން ވެސް ހޯދި ނައިވާދޫ މުބާރާތުގެ ނޮކައުޓް ބުރުގައި ފުރަތަމަ ވާދަކުރީ ދިއްގަރާ އެވެ. އެ މެޗު 1-2 އިން ކާމިޔާބުކޮށް ކުއާޓާ ފައިނަލުގައި ނައިވާދޫ ކުރިމަތިލީ އއ. އަތޮޅުގެ ޗެމްޕިއަން ކަމާއި، ޒޯން 4 ގެ ޗެމްޕިއަންކަން ވެސް ހޯދި މަތިވެރިއާ އެވެ. އެ މެޗު ނައިވާދޫ އިން ކާމިޔާބުކުރީ 1-4 އިންނެވެ.
ފައިނަލާ ހަމައަށް ކުރި ދަތުރުގައި އެންމެ ބޮޑު އިމްތިހާނަކާ ނައިވާދޫއަށް ކުރިމަތިލާންޖެހުނީ މުބާރާތުގެ ތަށި 2024 ވަނަ އަހަރު ކާމިޔާބުކޮށްފައިވާ އޭދަފުށްޓާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެގެން ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ނައިވާދޫއިން އޭދަފުށީގެ މައްޗަށް ކުރި ހޯދީ 4-5 އިންނެވެ.
ނައިވާދޫ ޓީމަކީ ވެސް ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިން ނިސްބަތުން ގިނަ ޓީމެކެވެ. ސާފް ފުޓްސަލް މުބާރާތުން ރަން މެޑަލް ހޯދި ޓީމުށް ކުޅުނު ތިން ކުޅުންތެރިޔަކު ނައިވާދޫ ޓީމުގައި ހިމެނެ އެވެ. އެއީ އަހުމަދު ހަމީދު (އަންމަޑޭ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) ގެ އިތުރުން ގޯލްކީޕަރު އިބްރާހިމް ނާޖިހެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ދެއްވަދޫ އާއި ނައިވާދޫ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 8:30 ގަ އެވެ.