ފުރަތަމަ ސަފްޙާ / ޚަބަރު / ނައިވާދޫއިން ގޯލްޑަން ފުޓްސަލްގެ ތަށި ބޮޑުތިލަދުންމައްޗަށް ގެންގޮސްފި
ފަހުމިނެޓް

ނައިވާދޫއިން ގޯލްޑަން ފުޓްސަލްގެ ތަށި ބޮޑުތިލަދުންމައްޗަށް ގެންގޮސްފި

އެޑްމިން
އެޑްމިން
4 ދުވަސް ކުރިން 14 ފެބްރުއަރީ 2026

ފައިނަލުގައި 3-9 އިން ގއ. ދެއްވަދޫ ބަލިކޮށް ހދ. ނައިވާދޫއިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ނައިވާދޫއިން ދެއްވަދޫ ބަލިކުރީ މޮޅު ކުޅުމެއް ދައްކައިގެންނެވެ.

މިއީ ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ނައިވާދޫއިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ނައިވާދޫ ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި ކ. ކާށިދޫއާ ވާދަކޮށް 1-4 އިން ބަލިވެފަ އެވެ. އެކަމަކު އާ ހިތްވަރަކާ އެކު އެޓީމު ވަނީ މިއަހަރުގެ މުބާރާތަށް ނުކުމެ، ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މިރޭގެ މެޗުގައި ނައިވާދޫގެ 9 ގޯލުގެ ތެރެއިން ތިން ގޯލު ޖަހައި އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. އަދި، އަހުމަދު ހަމީދު (އައްމަޑޭ) އާއި ހުސައިން މައިޝާން، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.

އެޓީމުގެ ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ، ކެޕްޓަން ޔާމިން މުހައްމަދު (ޔާންޓެ) އަދި އަބްދުﷲ ވިސާމް އެވެ.

މެޗުގައި ދެއްވަދޫގެ ތިން ގޯލު ކާމިޔާބުކޮށްދިނީ، ދެ ގޯލު ކާމިޔާބުކުރި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އާއި މުހައްމަދު އިމްރާން އެވެ.

ނައިވާދޫއިން ޗެމްޕިއަންކަން ހޯދިއިރު، އެޓީމުން ވަނީ މިއަހަރުގެ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ޗެމްޕިއަންކަން ހޯދިއިރު، އެޓީމުގައި ގައުމީ ފުޓްސަލް ޓީމުގެ ތިން ކުޅުންތެރިއަކު ހިމެނުނެވެ. އެއީ ޝާއްޕެ އާއި އައްމަޑޭގެ އިތުރުން ގޯލްކީޕަރު އިބްރާހީމް ނާޖިހު (ހޭޓް) އެވެ. މިރޭގެ ފައިނަލުގައި ދެއްވަދޫގެ ހަމަލާތައް ހުއްޓުވުމުގައި ގޯލްކީޕަރު ނާޖިހު ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ދެއްވަދޫން ފޮނުވާލި ދެ ޕެނަލްޓީއެއް ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ 10 ވަނަ މުބާރާތެވެ. ނައިވާދޫގެ އިތުރުން މީގެކުރިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ހިތާދޫ، ތިމަރަފުށި، މާލެ މާފަންނު، މާލެ ހެންވޭރު، ލ. ގަން، ބ. އޭދަފުށި އަދި ކ. ކާށިދޫ އެވެ. ތިމަރަފުށިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދައިފަ އެވެ.

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މުޅި ރާއްޖޭން 119 ޓީމަކުން ވަނީ ވާދަކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!