މިއަހަރުގެ ބޮޑުއީދާ ދިމާކޮށް ބ. އޭދަފުށީގައި ބާއްވަން ހަމަޖެހިފައިވާ ބައިބަލާ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ރާއްޖޭގެ ފުރަތަމަ އަތަރު ބްރޭންޑް “އޫދު އަލް ސަބާޔާ“ ހަމަޖައްސައިފި އެވެ.
އޭދަފުށީގެ ގުރޫޕެއް ކަމަށްވާ ބަނަފްސާ ކަންމަތި (ބީކޭ) އިން އިސްނަގައިގެން، އެރަށު ކައުންސިލާއި ބައިބަލާ އެސޯސިއޭޝަނާ ގުޅިގެން މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ ހަ ޓީމެއް ވަނީ ބައިވެރި ވެފަ އެވެ. އެއީ، އެމްވީ ޔުނައިޓެޑް، ބީކޭ ސްޕޯޓްސް ކްލަބް، ކްލަބް ފޯކަސް، ކްލަބް އެމްވީ އަދި ދަ ވަޑިއަންސްގެ އިތުރުން އެއަތޮޅު ގޮއިދޫއަށް ނިސްބަތްވާ ބ. ގޮއިދޫ ސްޕޯޓްސް އެވެ.
އޭދަފުށީ ދެކުނު ފަރާތުގެ ހިއްކި ބިމުގައި ޖުލައި 9 އިން 11 އަަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތަށް ރިންގު ތައްޔާުކުރުމާއި އެހެނިހެން ކަންކަން ވެސް ރަށުގެ ހުރިހާ ޖަމިއްޔާތަކެއްގެ އެހީއާ އެކު ނިންމާލެވިފައިވާ ކަމަށާއި، ޝެޑިއުލް ހަދައިގެން ރިންގުގައި ޓީމުތަކުގެ ފަރިތަކުރުންތައް ވެސް ފޯރިއާ އެކު ކުރިއަށް ދާކަމަށެވެ.

ބައިބަލާ ރިންގު އެޅުމުގެ މަސައްކަތުގެ ތެރެއިން. – ފޮޓޯ: ބީކޭ
“މިހާރު މުބާރާތަށް ވާންޖެހޭ ތައްޔާރީތައް ނިމިފަ ހުރީ އެސޯސިއޭޝަނާއި ކައުންސިލުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު، އަނެއްކާ ރަށުގެ ހުރިހާ ކްލަބް ޖަމިއްޔާތަކުން ވެސް ވަރަށް ގިނަ އެހީތަކެއް ފޯރުކޮށްދިން، އަމަލީގޮތުން ވެސް މަސައްކަތްތަކުގައި އުޅެދިން، ވަރަށް ފުރިހަމައަށް ދަނީ ތައްޔާރީތައް. ރިންގު އަޅާ ނިމިފައި ހުންނާނީ އެސޯސިއޭޝަނުން ކަނޑައަޅާ ސްޓޭންޑަޑަށް، ޓީމުތައް ގަޑި ބަހައިގެން ފަރިތަކުރުން ވެސް ކުރިއަށް ދޭ އެބަ،” ބީކޭގެ ފަރާތުން މުހައްމަދު މާހް ފަހުމިނެޓްއާ ވާހަކަ ދައްކަމުން ބުންޏެވެ.
“ބީކޭ އިން ބާއްވާ ފުރަތަމަ ބައިބަލާ މުބާރާތް މީ އަތޮޅަށް ހުޅުވާލައިގެން، ރަށުން ބޭރު ޓީމަކަށް އުޅޭނެ ގޮއިދޫ ޓީމެއް. އެ ރަށަކީ ވެސް ބައިބަލާގެ ހުނަރު ހުރި ކުޅުންތެރިން ތިބި ރަށެއް، މާލޭގައި ވެސް ކުޅެފަ ތިބި ކުޅުންތެރިން އުޅޭނެ. ތަފާތު ފެންނާނެ ކަމަށް ވަރަށް އުންމީދު ކުރެވޭ.”

ޓައިޓަލް ސްޕޮންަޝިޕް އެގްރީމަންޓުގައި އޫދު އަލް ސަބާޔާއާ އެކު ބީކޭ އިން އެއްބަސްވުމަށް ފަހު. – ފޮޓޯ: ބީކޭ
ބައިބަލާ އެސޯސިއޭޝަނާއި އޭދަފުށީ ކައުންސިލްގެ އެއްބާރުލުމާ އެކު ބީކޭ އިން ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ބައިބަލާ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ މެޑިފްލެކްސް އާއި ރާއްޖޭގެ ސަން ކެއާ ބްރޭންޑެއް ކަމަށްވާ މުލަ މޯލްޑިވްސް އެވެ.
އިވެންޓް ޕްރޮޑަކްޝަން ޕާޓްނަރަކަށް ޔުނިކްސް ސްޕޯޓިން ހަމަޖައްސާފައި ވާއިރު ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. އެކެމޮޑޭޝަން ޕާޓްނަރަކީ ހުޅުމާލޭގެ ‘ދަ ޖީ-10 ހޮލިޑޭ އިން’ އެވެ. މީގެ އިތުރުން ކިޓް ޕާޓްނަރަކަށް ލަމްޕޯ ސްޕޯޓްސް ވެއާ ހަމަޖައްސާފައި ވާއިރު، ޓެކްނިކަލް ޕާޓްނަރަކީ އެރަށު އައި މޮޓޯ ޓެކް އެވެ. އަދި ރަސްމީ ފޮޓޯގްރާފަރަަކަށް ހަމަޖެއްސީ އެރަަށުގެ ޒުވާން ފޮޓޯ/ވީޑިއޯ ގްރާފަރު މުހައްމަދު ނާހިލް އެވެ.
‘އޫދު އަލް ސަބާޔާ އޭދަފުށި ބައިބަލާ 1443’ ގެ މީޑިއާ ޕާޓްނަރަކީ ‘ފަހުމިނެޓް’ އެވެ.