އަލްހާ އީދާ ދިމާކޮށް އޭދަފުށީގައި ބާއްވަން ނިންމައިފައިވާ “އޫދު އަލް ސަބާޔާ އޭދަފުށި ބައިބަލާ 1443” ، ބައިވެރިވި ހަ ޓީމާ އެކު މިރޭ ފަށަން ތައްޔާރު ވެއްޖެ އެވެ.
އޭދަފުށީގެ ގުރޫޕެއް ކަމަށްވާ ބަނަފްސާ ކަންމަތި (ބީކޭ) އިން އިސްނަގައިގެން، އެރަށު ކައުންސިލާއި ބައިބަލާ އެސޯސިއޭޝަނާ ގުޅިގެން މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވި ޓީމުތައް ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެ.
ގުރޫޕް އެކެއްގައި ހިމެނެނީ ދަ ވަޑިއަންސް އާއި ކްލަބް އެމްވީ އަދި ކްލަބް ފޯކަސް އެވެ. އަދި ގުރޫޕް 2 ގައި ހިމެނެނީ ބީކޭ ސްޕޯޓްސް ކުލަބާއި، އެމްވީ ޔުނައިޓެޑްގެ އިތުރުން، އެއަތޮޅު ގޮއިދޫއަށް ނިސްބަތްވާ ބ. ގޮއިދޫ ސްޕޯޓްސް އެވެ.

އޫދު އަލް ސަބާޔާ އޭދަފުށި ބައިބަލާ 1443 ގެ ޝެޑިއުލް. – ފޮޓޯ: ބީކޭ
މުބާރާތް ރޭވިފައި އޮތީ ކޮންމެ ގުރޫޕެއްގެ މެޗުގައި މެޗްތައް ކުޅުމަށް ފަހު އެންމެ ރަނގަޅު ދެ ޓީމު ސެމީ ފައިނަލަށް ހޮވާ ގޮތަށެވެ. މިރެއާއި މާދަމާރޭ، ގުރޫޕް ސްޓޭޖުގެ މެޗްތައް ކުރިއަށް ގެންދިޔުމަށް ފަހު، ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ރެއެވެ.
ބީކޭ އިން އިންތިޒާމުކުރާ އޫދު އަލް ސަބާޔާ އޭދަފުށި ބައިބަލާ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ މެޑިފްލެކްސް އާއި ރާއްޖޭގެ ސަން ކެއާ ބްރޭންޑެއް ކަމަށްވާ މުލަ މޯލްޑިވްސް އެވެ.
އިވެންޓް ޕްރޮޑަކްޝަން ޕާޓްނަރަކަށް ޔުނިކްސް ސްޕޯޓިން ހަމަޖައްސާފައި ވާއިރު ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. އެކެމޮޑޭޝަން ޕާޓްނަރަކީ ހުޅުމާލޭގެ ‘ދަ ޖީ-10 ހޮލިޑޭ އިން’ އެވެ. މީގެ އިތުރުން ކިޓް ޕާޓްނަރަކަށް ލަމްޕޯ ސްޕޯޓްސް ވެއާ ހަމަޖައްސާފައި ވާއިރު، ޓެކްނިކަލް ޕާޓްނަރަކީ އެރަށު އައި މޮޓޯ ޓެކް އެވެ. އަދި ރަސްމީ ފޮޓޯގްރާފަރަަކަށް ހަމަޖެއްސީ އެރަަށުގެ ޒުވާން ފޮޓޯ/ވީޑިއޯ ގްރާފަރު މުހައްމަދު ނާހިލް އެވެ. އަދި މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައިވާ މި ބައިބަލާ މުބާރާތުގެ ހުރިހާ މެޗެއް ވެސް “ފަހުމިނެޓް”ގެ ފޭސްބުކް ޕޭޖުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.