ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް މިއަދު ހަވީރާއި މިރޭ ކުޅެ ނިމުނުއިރު ވިކްޓްރީ ސްޕޯޓްސް ކްލަބާއި، ކްލަބް އީގަލްސް ކަޓައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ބުރު ސްޕޯޓްސް ކްލަބްގެ އިތުރުން އޮޑި ސްޕޯޓްސް ކްލަބް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ގްރޫޕްގެ އެންމެ ފަހު މެޗްތަކާ ހަމައަށް އައިއިރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޮތީ ހަތަރު ޕޮއިންޓާއެކު ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ. ނިއުއަށް ސެމީގެ ޖާގަ ކަށަވަރުވެފައި އޮތް ނަމަވެސް އެޓީމަށް ވަނީ ގްރޫޕް ބީގެ އެއްވަނަ މަގާމު ގެއްލި ގްރޫޕް އޭ އިން އެއްވަނަ ހޯދި މާޒިޔާއާ ސެމީގައި ކުރިމަތިލާން ޖެހިފަ އެވެ.
މާޒިޔާ ގްރޫޕް އޭގެ އެއްވަނަ ޔަގީންކުރީ މިރޭ ވިކްޓްރީއާ ވާދަކޮށް ކުޅުނު މެޗު 0-2 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި މާޒިޔާއިން ޖެހި ތިން ގޯލްވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 36 ވަނަ މިނެޓްގައި ސާޖިއޯ މެންޑީ ޖަހައިދިން އިރު ދެވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން މާޒިޔާއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި* އެވެ.
ގްރޫޕް ސްޓޭޖްގެ އެންމެ ފަހު ދެ މެޗުގެ ތެރެއިން އެންމެ ވާދަވެރި ކުޅުމެއް ފެނުނީ އޮޑި އާއި އީގަލްސް މިއަދު ހަވީރު ކުޅުނު މެޗުގަ އެވެ. މި މެޗު އޮޑިން ކާމިޔާބުކުރީ 2-4 އިންނެވެ.
މި މެޗު އޮޑިން ކާމިޔާބުކުރި ނަމަވެސް މެޗްގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ އީގަލްސްއިންނެވެ. މެޗުގެ 20 ވަނަ މިނެޓްގައި އެ ލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ (މެސީ) އެވެ.
މެޗްގެ ފުރަތަމަ ހާފް އީގަލްސްއިން ލީޑްގައި އޮވެ ނިންމާލި ނަމަވެސް ފަހު ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް އޮޑިން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު މެޗުގެ 59 ވަނަ މިނެޓްގައި އޮޑިއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޒުވާން ފޯވާޑް އަހުޒަމް ރަޝީދެވެ. މެޗްގައި އޮޑިއަށް ލީޑް ނަގައިދިން ލަނޑުވެސް މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަހުޒަމެވެ.
މެޗުގައި އަނެއްކާވެސް ލަނޑެއް ފެނުނީ އޮޑީގެ ފަރާތުންނެވެ. މި ލަނޑު މެޗުގެ 87 ވަނަ މިނެޓްގައި ޖެހީ އަހްމަދު އައިހަމް (އައިހު) އެވެ. އޭގެ ތިން މިނެޓް ފަހުން އޮޑީގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ އަހްމަދު އަޔާޒް (އަޔާ) އެވެ. މި މެޗުގައި އީގަލްސްއިން ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.
ސެމީގައި އޮޑި ބައްދަލުކުރަން ޖެހޭނީ ބުރު ސްޕޯޓްސް ކްލަބާ އެވެ.