DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / ރ. އަތޮޅުގެ ވެޓަރަންސް އާއިލާއަށް މަރުހަބާ ކިޔަން މުޅި ރަސްމާދޫ އަތުގުޅާލައިފި
ރ. އަތޮޅުގެ ވެޓަރަންސް އާއިލާއަށް މަރުހަބާ ކިޔަން މުޅި ރަސްމާދޫ އަތުގުޅާލައިފި
ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖް 2025 ގެ ޗެމްޕިއަންކަން ހޯދި ރަސްމާދޫ ޓީމަށް ރަމްޒީ ޗެކް ހަވާލުކުރަނީ، މިފަހަރުގެ މުބާރާތަށްވެސް ރަސްމާދޫ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި - ފޮޓޯ: ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަން

ރ. އަތޮޅުގެ ވެޓަރަންސް އާއިލާއަށް މަރުހަބާ ކިޔަން މުޅި ރަސްމާދޫ އަތުގުޅާލައިފި

ފަހުމިނެޓް
ފަހުމިނެޓް
20 ގަޑިއިރު ކުރިން • 25 ސެޕްޓެމްބަރު 2026

ރ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖު މިއަދު ރަސްމާދޫގައި ފަށާ ގޮތަށް ހަމަޖެހިފައިވާއިރު މުބާރާތުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި މުޅި ރަށް ޝާމިލްވަމުން އަންނަ ކަމަށް ރަސްމާދޫ ކައުންސިލުން ބުނެފި އެވެ.

ރަސްމާދޫ ކައުންސިލް އިދާރާ އާއި ރަސްމާދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ އިތުރުން އެރަށު ސްޕޯޓްސް ކްލަބް ގުޅިގެން ކުރިއަށްގެންދާ ރ. ވެޓަރަންސް ފުޓްސަލް ޗެލެންޖުގައި މިފަހަރު 11 ރަށަކުން ބައިވެރިވާއިރު މިއީ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ހަމައެކަނި ވެޓަރަންސް ފުޓްސަލް މުބާރާތެވެ.

އުމުރުން 40 އަހަރުން މަތީގެ މީހުންނަށް އެކަނި ކުޅެވޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެމެޗުތައް ހަވީރާއި ރޭގަނޑު ކުރިއަށްގެންދަން ރާވާފައިވާއިރު މުބާރާތް ބޭއްވުމަށްޓަކައި ރަސްމާދޫ ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ސަލީމް "ފަހުމިނެޓް" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ.

"ވެޓަރަންސް މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު އެބަ ހިނގާ. ރަށުގެ ހުރިހާ ރައްޔިތުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް މިކަމަށް ލިބެމުން އަންނަނީ. ވަކިން ހާއްސަކޮށް ރަށުތެރެ ސާފުކޮށް މެހްމާނުންނަށް ވީހާވެސް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި ރަށުގެ ރައްޔިތުން ވަރަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން." ރަސްމާދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަލީމް ވިދާޅުވި އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ރ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު އީދުގައި ބައިވެރިވުމަށް ރަށުން ބޭރުން އަންނަ ޓީމުތަކަށް މަރުހަބާ ކިޔުމަށްޓަކައިވެސް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

"ރަށުން ބޭރުން އަންނަ ޓީމުތަކަށް މަރުހަބާ ކިޔުމަށްޓަކައި ވަކިވަކި ޓީމުތައް ވާނީ މިހާރު އެކުލަވާލެވިފަ. ދެން ޓީމުތައް މެޗު ކުޅެން އައިސް ފްރެޝްވެލުމަށާއި، ރެސްޓް ކޮށްލަން ބޭނުންވާނެ ރޫމްތައް ވެސް ވާނީ ހަމަޖައްސާފަ. " ރައީސް މުހައްމަދު ސަލީމް ވިދާޅުވި އެވެ.

މިއީ ރ. ވެޓަރަންސް މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. މި މުބާރާތަށް މިދިޔަ އަހަރަށްވުރެ ބޮޑު ތަރުހީބެއް މިއަހަރު ލިބިފައިވާއިރު މިދިޔަ އަހަރުވެސް މި މުބާރާތުގެ މެޗުތައް ބެލުމަށާއި، ެަށު ޓީމަށް ތަރުހީބު ދިނުމަށް އަތޮޅުގެ އެހެން ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު ރަސްމާދޫއަށް ވަނީ ޒިޔާރަތްކޮށްފަ އެވެ.

"މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މެޗު ކުޅޭ ސަރަހައްދުގައި އެކި ބާވަތުގެ ކާތަކެތި ލިބޭ ކެންޓީނުތައް ގާއިމުކޮށްފަ ހުންނާނެ. އެއީ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި ރަށްރަށުން އައި ގިނަ މީހުން މިދިޔަ އަހަރުވެސް ފާހަގަކޮށްފަ އޮތީ. އޭގެ އިތުރުން މުބާރާތުގެ ސެކިއުރިޓީގެ ކަންކަންވެސް މިއަހަރު ވަރަށް ފުރިހަމައަށްގެންދިއުމަށްޓަކައި ގިނަ އިންތިޒާމްތަކެއް މިހާރުވެސް ވާނީ ހަމަޖައްސާފަ." ރަސްމާދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ރ. ވެޓަޜަންސް ފުޓްސަލް ޗެލެންޖު 2026 ގެ މެޗުތައް ކުރިއަށްދާނީ ޓީމްތައް ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމާއި، ތިންވަނަ އަށް އަންނަ ޓިމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ދެން ވާދަކުރާނީ ކުއާޓާ ފައިނަލްގަ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދާފައިވަނީ ރަސްމާދޫއިންނެވެ. ރަނަރަޕް މަގާމު ހޯދީ ހުޅުދުއްދާރުންމެވެ.

 

ކޮމެންޓްސް

Matches
5
Ongoing
1
Upcoming
Predict
Settings