މިހާރު ކުރިއަށްދާ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ އއ. އަތޮޅުގެ ޗެމްޕިއަންކަން މަތިވެރި ހޯދައިފި އެވެ.
ފުޓްސަލްގައި އއ. އަތޮޅާއި ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ މަތިވެރިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ މަތިވެރި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލުގައި، ބޮޑުފޮޅުދޫ 0-1 އިން ބަލިކޮށްގެންނެވެ.
ރޭގެ މެޗުގައި މަތިވެރީގެ ހަމައެކަނި ގޯލު މެޗުގެ ހަތް ވަނަ މިނެޓުގައި ޖެހީ ޒުވާން، މަޝްހޫރު ފުޓްސަލް ތަރި އަލީ އަލްސަން އެވެ. އަލްސަން އަކީ ރާއްޖޭގެ ފުޓްސަލްގައި ވިދާލާފައިވާ އަދި އެންމެ ބޮޑެތި މުބާރާތްތަކުގައި ވެސް ގަވައިދުން ކުޅެމުން އަންނަ ކުޅުންތެރިއެކެވެ.
މުބާރާތުގައި އއ. އަތޮޅުން ބައިވެރިވީ ވެސް މި ދެޓީމެވެ. އެހެންވެ ފައިނަލަށް ނުކުތްއިރު ވެސް މި ދެޓީމު އޮތީ ޒޯން ބުރަށް ކޮލިފައިވެފަ އެވެ.

ފުޓްސަލް ޗެމްޕިއަންޝިޕްގެ އުތުރުގެ ގިނަ އަތޮޅުތަކުގެ ޗެމްޕިއަންކަން ކަށަވަރުވެފައިވާއިރު، މިހާރު ކުރިއަށްދަނީ ކ. އަތޮޅާއި ފ. އަތޮޅުގެ މެޗުތަކެވެ. އަދި މާދަމާ މ. އަތޮޅުގެ މެޗުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
އަތޮޅު ބުރުގެ މެޗުތަކަށް ފަހު ދެން އޮންނާނީ ޒޯން ޗެމްޕިއަންޝިޕެވެ. އަދި އޭގެފަހުން ކޮންމެ ޒޯނަކުން ކޮލިފައިވާ ދެ ޓީމާ އެކު އެފްއޭއެމް ފުޓްސަލް ރީޖަނަލް ލީގު އޮންނާނެ އެވެ. ރީޖަންތަކުގެ ޗެމްޕިއަނުން ކަށަވަރުުވުމާއެކު އޮންނާނީ އެފްއޭއެމް ނޭޝަނަލް ޗެމްޕިއަންޝިޕެވެ. އަދި އޭގެތެރެއިން ކޮޮލިފައިވާ ޓީމުތައް އަންނަ އަހަރުގެ މޯލްޑިވްސް ފުޓްސަލް ލީގުގައި ވާދަކުރާނެ އެވެ.