އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ނ. އަތޮޅާއި ޅ. އަތޮޅުގެ ފައިނަލް މެޗުތައް މިއަދު ކުޅޭނެ އެވެ.
ނ. އަތޮޅު ފައިނަލުގައި ވާދަކުރާނީ މަނަދޫ އާއި މަގޫދޫ އެވެ. މި ދެޓީމު ފައިނަލުން ޖާގަ ހޯދީ ލީގު ބުރުގެ ގަދަ ދެ ވަނަ ހޯދައިގެންނެވެ.
އަތޮޅު ބުރުގެ އެއް ވަނަ ހޯދި މަނަދޫ އާއި ދެ ވަނަ ހޯދި މަގޫދޫ އަށް ވަނީ 6 ޕޮއިންޓް ލިބިފަ އެވެ. މަނަދޫ އަށް އެއް ވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ. ނ. އަތޮޅުގެ ތިން ވަނަ ލިބުނީ 4 ޕޮއިންޓާ އެކު މާފަރަށެވެ. ފުލަށް ދިޔައީ 1 ޕޮއިންޓް ލިބުނު ޅޮއްސެވެ.
މަނަދޫ އާއި މަގޫދޫ ވާދަކުރި ލީގު ބުރުގެ މެޗު 1-0 އިން ކާމިޔާބުކުރީ މަގޫދޫ އެވެ.
މަނަދޫ އާއި މަގޫދޫ ވާދަކުރާ ފައިނަލް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މި މެޗު ކުޅޭނީ ނ. އަތޮޅު ބުރުގެ މެޗުތައް ކުރިއަށްދާ މަނަދޫގަ އެވެ.
ޅ. އަތޮޅުން މުބާރާތުގައި ވާދަކުރަނީ ހިންނަވަރާއި ނައިފަރެވެ. މި ދެޓީމުގެ ފައިނަލް މެޗު އޮންނާނީ މިރޭ 8:30 ގައި ހިންނަވަރު ފުޓްސަލް ދަނޑުގަ އެވެ.
ދެ އަތޮޅުގެ ހަތަރު ޓީމު ވެސް ވަނީ ޒޯން ދެއަކުން ފުރުސަތު ހޯދައިފަ އެވެ. އެކަމަކު އަތޮޅު ޗެމްޕިއަންކަން ހޯދުމުގެ ޝަރަފް ބޭނުންވާތީ މިރޭގެ ދެ މެޗު ވެސް ވާދަވެރިވާނެ އެވެ.
https://fahuminet.com/tournaments/fam-n-atoll-futsal-championship
ޒޯން ދޭއްގައި ހިމެނެނީ ނ، ރ، ބ، އަދި ޅ އަތޮޅެވެ. ރ. އަތޮޅުން ޒޯންގައި ވާދަކުރާނީ އަތޮޅު ޗެމްޕިއަން ދުވާފަރާއި ރަނަރަޕް އިނގުރައިދޫ އެވެ. ބ. އަތޮޅުން ޒޯން ބުރަށް ކޮލިފައިވީ ޗެމްޕިއަން އޭދަފުއްޓާއި ރަނަރަޕް ތުޅާދޫ އެވެ.
https://fahuminet.com/tournaments/fam-lh-atoll-futsal-championship
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ އިހަވަންދޫ އެވެ. އަދި ހދ. އަތޮޅުގެ ފައިނަލުން ހަނިމާދޫ އާއި ނައިވާދޫ މިހާރު ވަނީ ޖާގަ ހޯދައިފަ އެވެ.