Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އެފްއޭއެމް ރީޖަނަލް ލީގު: ޒޯން ބުރުން ކޮލިފައިވީ ކޮން ރަށްތަކެއް؟
އެފްއޭއެމް ރީޖަނަލް ލީގު: ޒޯން ބުރުން ކޮލިފައިވީ ކޮން ރަށްތަކެއް؟
ހުރާ އިން ޒޯން ޗެމްޕިއަންކަން ހޯދުން. މިހާރު ވަނީ ސަރަހައްދީ ކޮލިފައިންގެ ޓީމުތައް ކަށަވަރުވެފަ. ފޮޓޯ: ހުރާ ކޮމިއުނިޓީ ކްލަބް

އެފްއޭއެމް ރީޖަނަލް ލީގު: ޒޯން ބުރުން ކޮލިފައިވީ ކޮން ރަށްތަކެއް؟

ފަހުމިނެޓް
ފަހުމިނެޓް
9 ގަޑިއިރު ކުރިން 28 އެޕްރީލް 2026

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މާލޭގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދުގައި ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ރީޖަން ލީގު ފުޓްބޯޅަ މުބާރާތުގައި ކުޅޭނެ ޓީމުތައް ކަނޑައެޅުމަށް ރާއްޖޭގެ ހަ ސަރަހައްދެއްގައި ކުރިއަށްގެންދާ ރީޖަން ލީގު ކޮލިފިކޭޝަން މެޗުތައް ނިމުމަކާ ގާތަށް އައިސްފައިވާއިރު ރީޖަން ލީގުގައި ކުޅޭނެ ޓީމުތައް މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ކޮންމެ ކޮލިފައިން ބުރަކުން އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ރީޖަން ލީގަށް ކޮލިފައިވާ ގޮތަށް އޮތްއިރު މި އާޓިކަލްގައި މި ބަލާލަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ރީޖަން ލީގު ކޮލިފައިން މެޗުތައް މިހާރު ގޮސްފައިވާ ހިސާބާއި، ރީޖަން ލީގަށް ކޮލިފައިވެފައިވާ ޓީމުތަކުގެ މައުލޫމާތެވެ.

ނޯތު ރީޖަން ލީގު ކޮލިފައިން

ހއ. ދިއްދޫގައި ކުރިއަށްދާ ނޯތު ރީޖަން ލީގު ކޮލިފައިން ޒޯން އެކެއްގައި ބައިވެރިވެފައިވަނީ ދިއްދޫގެ އިތުރުން ކުޅުދުއްފުށްޓާއި، ހަނިމާދޫ އެވެ. މި މަހުގެ 21 ވަނަ ދުވަހު ފެށި މި ކޮލިފައިން ބުރުގައި މިހާތަނަށް ލީގު އުސޫލުން ކުޅެންޖެހޭ ހުރިހާ މެޗެއް ކުޅެ ނިމިފައިވާއިރު މި ޒޯނުން ރީޖަން ލީގަށް ކޮލިފައިވަނީ ހއ. ދިއްދޫ އާއި ހދ. ހަނިމާދޫ އެވެ.

މި ޒޯންގެ ފައިނަލްގައި މިއަދު ދިއްދޫ އާއި ހަނިމާދޫ ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު މި ޒޯނުގައި ދެން ހިމެނުނު ކުޅުދުއްފުށްޓަށް ވަނީ މި ބުރުގައި ކުޅުނު ދެ މެޗުގައިވެސް ނާކާމިޔާބާއި ކުރިމަތިލާން ޖެހިފަ އެވެ. ކުޅުދުއްފުށްޓާ ވާދަކޮށް ދިއްދޫ އާއި ހަނިމާދޫއިން ވެސް ކުރި ހޯދިއިރު ލީގު އުސޫލުން ކުޅުނު ބުރުގައި މި ދެ ޓީމު ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.  

    

ނޯތު ޒޯން ދޭއްގައި އޭދަފުށި ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އެ ޒޯނުން އޭދަފުއްޓާ އެކު މަނަދޫ ވަނީ އަނެއް ބުރަށް ކޮލިފައިވެފަ. ފޮޓޯ: އޭދަފުށި ކައުންސިލް
ނޯތު ޒޯން ދޭއްގައި އޭދަފުށި ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އެ ޒޯނުން އޭދަފުއްޓާ އެކު މަނަދޫ ވަނީ އަނެއް ބުރަށް ކޮލިފައިވެފަ. ފޮޓޯ: އޭދަފުށި ކައުންސިލް

ނޯތު ރީޖަން ލީގު ކޮލިފައިންގެ ޒޯން ދޭއްގެ މެޗުތައްި ކުރިއަށްގެންދާ ގޮތަށް ހަމަޖެއްސީ އޭދަފުށީގަ އެވެ. އޭދަފުށީގެ އިތުރުން ނައިފަރާއި މަނަދޫ ވާދަކުރާ ގޮތަށް ހަމަޖެހިފައި އޮތް މި ބުރުން ނައިފަރު ޓީމު ފަހު ވަގުތު ވަކިވުމާއެކު މި ބުރުން ނޯތު ރީޖަން ލީގަށް ކޮލިފައިވާ ދެ ޓީމުގެ ގޮތުގައި ހަމަޖެހުނި އޭދަފުށްޓާއި، މަނަދޫ އެވެ. 

ނޯތު ރީޖަން ލީގު ކޮލިފައިން ޒޯން ދޭއްގެ ފައިނަލް މެޗު މިދިޔަ ހޮނިހިރު ދުވަހު ކުޅެފައިވާއިރު 5-6 އިން މެޗު ކާމިޔާބުކޮށްގެން މި ޒޯންގެ ޗެމްޕިއަންކަން ހޯދާފައިވަނީ މަނަދޫ އެވެ. 

އުތުރު ސަރަހައްދުގެ ކޮލިފައިން ފަށަން ތައްޔާރުވަމުން އަންނައިރު، މި ބުރުގައި ވާދަކުރާނީ ދިއްދޫ އާއި ހަނިމާދޫގެ އިތުރުން އޭދަފުށި އަދި މަނަދޫ އެވެ.  

ސެންޓްރަލް ރީޖަން ލީގު ކޮލިފައިން

ރީޖަން ލީގު ކޮލިފިކޭޝަން މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނުނީ މި ރީޖަންގަ އެވެ. ސެންޓްރަލް ރީޖަން ލީގު ކޮލިފައިންގެ މެޗުތައްވެސް ދެ ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންގޮސްފައިވާއިރު ޒޯން އެކެއްގެ މެޗުތައް ކުރިއަށްދިޔައީ މަހިބަދޫގަ އެވެ.

މި ޒޯންގައި ހަތަރު ރަށަކުން ވާދަކޮށްފައިވާއިރު ލީގު އުސޫލުން ކުޅުނު މެޗުތަކުން އެއްވަނަ އަދި ދެވަނަ ހޯދައިގެން ސެންޓްރަލް ރީޖަން ލީގުގެ ފުރަތަމަ ދެ ޖާގަ ކަށަވަރުކޮށްފައިވަނީ ހުރާ އާއި މަހިބަދޫ އެވެ. މި ޒޯންގެ ލީގު އުސޫލުން ކުޅުނު ބުރުން ހަތް ޕޮއިންޓާއެކު ހުރާ އެއްވަނަ ހޯދިއިރު ހަ ޕޮއިންޓާއެކު ދެވަނަ ހޯދީ މަހިބަފޫ އެވެ. މި ޒޯންގައި ދެން ވާދަކުރީ ހިންމަފުށްޓާއި، ތޮއްޑޫ އެވެ.

މިދިޔަ ހޮނިހިރު ދުވަހު މި ޒޯންގެ ފައިނަލް ވެސް ކުޅެފައިވާއިރު 0-3 އިން މެޗު ކާމިޔާބުކޮށްގެން ޗެމްޕިއަންކަން ހޯދާފައިވަނީ ހުރާ އެވެ.

ދ. މީދޫ އާއި ފ. ނިލަންދޫ ވާދަކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން. މީދޫ ވަނީ ޒޯން ބުރުން ކޮލިފައިވެފަ ފޮޓޯ: އެފްއޭއެމް
ދ. މީދޫ އާއި ފ. ނިލަންދޫ ވާދަކުރި ސެމީ ފައިނަލް މެޗުގެ ތެރެއިން. މީދޫ ވަނީ ޒޯން ބުރުން ކޮލިފައިވެފަ ފޮޓޯ: އެފްއޭއެމް

ސެންޓްރަލް ލީގުގެ ދެވަނަ ޒޯނުގެ މެޗުތައް ދ. މީދޫގައި ކުރިއަށްދާ އިރު މި ޒޯނުގައި ޖުމްލަ ފަސް ޓީމަކުން ވާދަކޮށްފައިވެ އެވެ. ދެ ގުރްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ބުރުގައި ލީގު އުސޫލުން ކުޅުނު މެޗުތަކުގެ ތެރެއިން ގްރޫޕް އޭ ގައި ކުޅުނު މެޗުތަކުން އެއްވަނަ އަދި ދެވަނަ ހޯދައިގެން  ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހު މީދޫ އާއި ފ. ނިލަންދޫ ވާދަކޮށް ފައިނަލްގެ ޖާގަ ކަށަވަރުކޮށްގެން ސެންޓްރަލް ރީޖަން ލީގުން ޖާގަ ހޯދީ މީދޫ އެވެ. ސެމީގެ ދެވަނަ މެޗުގައި މިދިޔަ ހޮނިހިރު ދުވަހު ކުޑަހުވަދޫ އާއި މ. މުލައް ވާދަކޮށް މި ޒޯނުން ސެންޓްރަލް ރީޖަން ލީގުގެ ޖާގަ ކަށަވަރު ކުރި ދެވަނަ ޓީމަކަށްވީ ކުޑަހުވަދޫ އެވެ.

މި ޒޯންގެ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު އެވެ. ސެންޓްރަލް ލީގުން ކޮލިފައިވި ހަތަރު ޓީމަކީ، މަހިބަދޫ އާއި ހުރާގެ އިތުރުން މީދޫ އަދި ކުޑަހުވަދޫ އެވެ. 

ސައުތު ރީޖަން ލީގު ކޮލިފައިން

ސައުތު ރީޖަން ލީގު ކޮލިފައިން މެޗުތައްވެސް ކުރިއަށްދަނީ ދެ ޒޯނަކަށް ބަހާލައިގެންނެވެ. ފުރަތަމަ ޒޯން ލ. ގަމުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެއްސިއިރު މި ބުރުގައި ބައިވެރިވި ގއ. ވިލިނގިލި ޓީމު ނަން އަނބުރާ ގެންދިއުމާއެކު މި ބުރުގައި ދެން ވާދަކުރި ދެ ޓީމު ކަމަށްވާ ގަމާއި، ކުނަހަންދޫ ސައުތު ރީޖަން ލީގަށް ކޮލިފައިވެފައިވާއިރު މި ދެ ޓީމުގެ ވާދަކުރި ފައިނަލް މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ގަމެވެ.

ސައުތު ރީޖަން ލީގުގެ ފަހު ދެ ޖާގަ  ލިބޭ ޓީމެއް ކަނޑައެޅުމަށްޓަކައި ގައްދޫގައި ކޮލިފައިން ބުރެއް ކުރިއަށްދާއިރު މި ބުރުގެ އެއް ވަނަ ހޯދީ ގައްދޫ އެވެ. ދެ ވަނަ ލިބުނީ ފޭދޫ އަށެވެ. ފުލަށް ދިޔައީ ހޯޑެއްދޫ އެވެ. 

ޒޯން ބުރުގައި ގައްދޫ އާއި ފޭދޫ ވާދަކުރި މެޗުގެ ތެރެއިން. މި ދެޓީމު ވަނީ ދެކުނުގެ ކޮލިފައިން ބުރަށް ދަތުރުކޮށްފަ. ފޮޓޯ: އެފްއޭއެމް
ޒޯން ބުރުގައި ގައްދޫ އާއި ފޭދޫ ވާދަކުރި މެޗުގެ ތެރެއިން. މި ދެޓީމު ވަނީ ދެކުނުގެ ކޮލިފައިން ބުރަށް ދަތުރުކޮށްފަ. ފޮޓޯ: އެފްއޭއެމް

ސައުތު ރީޖަން އިން ކޮލިފައިން އަނެއް ބުރަށް ދިޔައީ، ގަމާއި ކުނަހަންދޫގެ އިތުރުން ގައްދޫ އަދި ފޭދޫ އެވެ. 

ޒޯން ބުރުތަކަށް ފަހު ދެން ކުރިއަށް ދާނީ، ސަރަހައްދީ ކޮލިފައިން ބުރުތަކެވެ. މިއިން ކޮންމެ ސަރަހައްދެއްގައި ހޯމް އެންޑް އަވޭ އުސޫލުން ޓީމުތައް މެޗުތައް ކުޅޭނެ އެވެ. އަދި، ޗެމްޕިއަން ޓީމަށް ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގެ ފުރުސަތު ލިބޭނެ އެވެ. 

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގައި ވާދަކުރާނީ އުތުރު ޗެމްޕިއަން، މެދުރާއްޖެތެރެ ޗެމްޕިއަން، ދެކުނު ޗެމްޕިއަން، މާލޭގައި ކުޅޭ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން އަދި ދިވެހި ޕްރިމިއާ ލީގުން ކޮލިފައިން ބުރަށް ވެއްޓުނު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. 

 

ކޮމެންޓްސް

Matches
7
Ongoing
Upcoming
Settings