ފުރަތަމަ ސަފްޙާ / ޚަބަރު / އާސެނަލަށް ސިޓީން ހަނދާންކޮށްދިނީ ލީގު ހޯދަން ފަސޭހަ ނުވާނެކަން
ފަހުމިނެޓް

އާސެނަލަށް ސިޓީން ހަނދާންކޮށްދިނީ ލީގު ހޯދަން ފަސޭހަ ނުވާނެކަން

އެޑްމިން
އެޑްމިން
1 ހަފްތާ ކުރިން 9 ފެބްރުއަރީ 2026

އިނގިރޭސިޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އެއް ވަނައިގައި އޮތް އާސެނަލާ ދެމެދު އޮތް ފަރަގު މެންޗެސްޓާ ސިޓީން ހަ ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ލީގުގައި އާސެނަލުން ސަންޑަލެންޑާ ވާދަކުރި މެޗު ކާމިޔާބުކުރުމާ އެކު އެޓީމުން އޮތީ ދެވަނައިގައި އޮތީ ސިޓީއާ ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް ފުޅާކޮށްފަ އެވެ. އާސެނަލްގެ ލީޑު ސިޓީން ރޭ ކުޑަކުރީ ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗު 1-2 އިން ކާމިޔާބުކޮށްގެންނެވެ.

މިއީ 2021 ވަނަ އަހަރުގެ ފަހުން ސިޓީއަށް އެންފީލްޑްގައި ހޯދުނު ފުރަތަމަ މޮޅެވެ. އަދި މިއީ 2003 ވަނަ އަހަރުގެ ފަހުން ސަޕޯޓަރުންގެ ކުރިމަތީގައި ލިވަޕޫލްގެ ދަނޑުގައި ސިޓީން ކާމިޔާބުކުރި ފުރަތަމަ މެޗެވެ. ކޮވިޑްގެ އާލަމީ ވަބާއާ ގުޅިގެން 2021 ވަނައަހަރު ސިޓީން ލިވަޕޫލްގެ ދަނޑުގައި ކުރި ހޯދި މެޗު ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދަ އެވެ.

ސިޓީން ލީގުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލްގެ މައްޗަށް ކުރި ހޯދި ލިވަޕޫލުން މެޗުގެ ލީޑް ނަގައިފައިވަނިކޮށް ފަހަތުން އަރަ އެވެ. މެޗު ފަށައިގެން ފުރަތަމަ ހާފުގައި ލިވަޕޫލަށް ވުރެ ރަގަޅަށް ކުޅެފައިވަނީ ސިޓީންނެވެ. އެކަމަކު އޭގެ ފައިދާއެއް ސިޓީއަކަށް ފުރަތަމަ ހާފުގައި ނެގޭ ގޮތެއް ނުވި އެވެ. އެޓީމުގެ ފޯވާޑް ލައިންގައި ހިމެނޭ އާލިން ހާލަންޑާއި، އެންޓޮން ސެމެންޔޯގެ އިތުރުން އޮމަރު މާމޫޝްގެ ފަރާތުން ލިވަޕޫލްގެ ޑިފެންޑަރުންނަށް ކެނޑިނޭޅި އުނދަގޫތައް ކުރިމަތިވި ނަމަވެސް ސިޓީގެ ހަމަލާތައް ފުރިހަމަކުރުމުގައި އެ ތިން ކުޅުންތެރިންނަށް ވީ ނާކާމިޔާބެވެ.

ސިޓީގެ އެންމެ އިތުބާރުހުރި ފޯވާޑް ހާލަންޑް ފުރަތަމަ ހާފުގައި ލިވަޕޫލްގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ދެ ހަމާލާވެސް ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ހުށިޔާރުކަމާއެކު ވަނީދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ލިވަޕޫލުން ވަރަށް ބޮޑުތަން ކުޅުން ރަގަޅުކުރިއެވެ. ލިވަޕޫލުން މެޗުގެ ލީޑް ނެގުމުގެ ކުރިންވެސް އެ ޓީމުގެ ފްރާންސް ފޯވާޑް ހޫގޯ އެކިޓިކޭ އަށް ލަނޑު ޖަހާނެ ރަހގަޅު ދެ ފުރުސަތު ލިބުނެވެ. އެ ދެ ފަހަރުވެސް އެކިޓިކޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ.

ރޭގެ މެޗުގައި ލިވަޕޫލުން ލީޑު ނެގީ 74 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ ފޯވާޑް ޑޮމިނިކް ސޮބޮސްލާއި އެވެ. ސިޓީއަށް އޭގެ ދިހަ މިނެޓް ފަހުން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ބާނާޑޯ ސިލްވާ އެވެ. ލިވަޕޫލްގެ މައްޗަށް ސިޓީއަށް ކުރި ހޯދައިދިން ލަނޑު ޖަހަން ފުރުސަތު ފަހިވީ މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ލިވަޕޫލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ސިޓީގެ މެތިއެސް ނުނެސް ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.

އެއްވެސް ގޯހެއް ނުހަދައި މިޕެނަލްޓީ ލިވަޕޫލްގެ ގޯލަށް ވައްދާލީ ހާލަންޑެވެ. މިއީ ނޯވޭގެ ފޯވާޑް މިފަހަރުގެ ލީގުގައި ކާމިޔާބުކުރި 21 ވަނަ ގޯލެވެ.

ސިޓީން ލީޑު ނެގިފަހުން މެޗުގެ ނަތީޖާ ހަމަހަމަކުރަން ލިވަޕޫލަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު ލިވަޕޫލްގެ އެލެކްސިސް މެކަލިސްޓާ ފޮނުވާލި ނުރައްކާތެރި ހަމަލާ ސިޓީގެ ގޯލްކީޕަރު ޖިއަން ލުއިޖީ ޑޮންނަރުއްމާ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފަ އެވެ.

އޭގެ މިނެޓެއް ފަހުން ސިޓީން ލިވަޕޫލްގެ ގޯލަށް އަނެއްކާވެސް ބޯޅައެއް ވައްދާލި އެވެ. އެކަމަކު އެ ބޯޅަ ގޯލަށް ވަނުމުގެ ކުރިން ހާލަންޑަށް ލިވަޕޫލްގެ ސޮބޮސްލާއި ފައުލްކުރި ކަމަށް ނިންމައި ސިޓީއަށް ދިނީ ހިލޭ ޖެހުމެކެވެ. އަދި، މެޗުގެ އިތުރު ވަގުތުގެ 13 ވަނަ މިނެޓްގައި ސޮބޮސްލާއި ކުރި އެ ކުށާ ގުޅިގެން އޭނާއަށް ރަތް ކާޑު ދައްކައި ވަނީ ދަނޑުން ފޮނުވާލައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!