މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ބްރައިޓަން ކުޅޭ މެޗަކީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖޭމްސް މިލްނާއަށް ވަރަށް ހާއްސަ މެޗެކެވެ. މީގެ 24 އަހަރުކުރިން ޕްރިމިއާ ލީގުގައި ކުޅެން ފެށި އުމުރުން 40 އަހަރުގެ މިލްނާ މިރޭގެ މެޗުގައި ކުޅެފި ނަމަ އޭނާ ވެގެންދާނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗު ކުޅުނު ދެވަނަ ކުޅުންތެރިޔާއަށެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް 652 މެޗު ކުޅެފައިވާ މިލްނާ ވަނީ ލީގުގައި ވާދަކުރި ތަފާތު ހަ ކްލަބަކަށް ކުޅެފަ އެވެ. އިނގިރޭސި ގައުމީ ޓީމަށް 61 މެޗު ކުޅެފައިވާ މިލްނާގެ އަތުގައި ތިން ޕްރިމިއާ ލީގު މެޑަލާއި، ދެ އެފްއޭ ކަޕާއި އަދި އެއް ޗެމްޕިއަންސް ލީގު މެޑަލް އެބަ އޮތެވެ.
މިރޭގެ މެޗުގައި މިލްނާ ކުޅެފި ނަމަ އޭނާއަށް އެ ހަމަކުރެވެނީ 653 މެޗު ޕްރިމިއާ ލީގުގައި ކުޅެގެން ގެރެތު ބެރީ ހަދާފައިވާ ރެކޯޑާ އެވެ. މިލްނާއަށް މި ރެކޯޑާ އަރާ ހަމަ މިކުރެވެނީ 2002 ވަނަ އަހަރު ސްކޫލް ނިންމުމަށްފަހު ލީޑްސް ޔުނައިޓެޑްގެ ޖޯޒީގައި ކުޅެން ނުކުތްތާ 8،491 ދުވަސް ފަހުންނެވެ.
“އަހަރެންނަށް ހީވަނީ އެކަން ވާނީ މިލްނާއަށް ވަރަށް ހާއްސަ ކަމަކަށް ހެން. އެކަމަކު އެކަމަށްވުރެ އޭނަގެ ސަމާލުކަން ބޮޑަށް ހުންނާނީ ޓީމަށް ފައިދާ ހުރި ކަމެއް ކުރަން. އޭނަގެ މުޅި ހަޔާތުގަ ކަން ކޮށްފައިވާ ގޮތަށް އޭނަ އަބަދުވެސް ބޭނުންވާނީ ކާމިޔާބު ހޯދަން.” މިލްނާގެ ތާރީހީ ރެކޯޑާ ގުޅޭގޮތުން ވާހަކަދައްކަމުން ބްރައިޓަންގެ ކޯޗު ފަބިއަން ހުޒެލާ ބުނެފައިވެ އެވެ.
ނިއުކާސަލް ޔުނައިޓެޑްގައި މިލްނާއާއެކު ކުރިން ކުޅުނު އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް އެލަން ޝިއެރާ ބުނެފައިވަނީ މިލްނާ އަކީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންނަށް ހުރި ނަމޫނާއެއް ކަމަށާއި، އެކަހަލަ ކުޅުންތެރިޔަކު ކޮންމެ ކޯޗަކުވެސް ޓީމުގައި ހިމަނަން ބޭނުންވާނެ ކަމަށެވެ.
“އެއްވެސް ޓީމެއްގަ މިލްނާ ހިމެނިއްޖެ ނަމަ އެޓީމެއްގެ ކުޅުން ރަގަޅުވާނެ. އެއީ މިލްނާގެ ފަރާތުން ކުރާނީ ކޮން ފައިދާއެއްކަން އެ ޓީމެއްގެ ކޯޗަކަށް އެނގޭނެ.” އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ކަންވެސް ކޮށްފައިވާ އެލަން ޝިއެރާ ބުނެފައިވެ އެވެ. އުމުރުން އެންމެ 16 އަހަރުގައި މިލްނާ ލީޑްސް ޔުނައިޓެޑަށް ކުޅެން ފެށިއިރު އޭނާގެ މުސާރައަކީ ހަފްތާއަކަށް އެންމެ 95 ޑޮލަރެވެ.

ލީޑްސް ޔުނައިޓެޑަށް ގޯލެއް ކާމިޔާބުކޮށްދިނުމަށް ފަހު މިލްނާ އުފާފާޅުކުރަނީ. މިލްނާ ވަނީ ތާރީހީ ރެކޯޑެއް ގާއިމުކުރުމާ ގާތަށް ޖެހިލާފައި
އޭގެ ހަ ހަފްތާ ފަހުން ލީގުގައި ލީޑްސްއިން ސަންޑަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި މިލްނާ ގޯލެއް ޖަހައި ޕްރިމިއާ ލީގުގައި އޭރު ގޯލް ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ހޯދި އެވެ. މީގެ އިތުރުން މި ސީޒަންގެ ކުރީ ކޮޅު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ބްރައިޓަން ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީއެއް ވައްދާލައިގެން މިލްނާ ވަނީ ޕްރިމިއާ ލީގުގައި ގޯލު ޖެހި ދެވަނައަށް އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ގޮތުގައިވެސް ތާރީހުން ޖާގަ ހޯދައިފަ އެވެ. ޕްރިމިއާ ލީގުގައި ގޯލް ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔަކީ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޓެޑީ ޝެރިންހަމެވެ.
މިލްނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ޝަރަފްވެރި ތަށްޓެއް އުފުލާލުމުގެ ނަސީބު ލިބުނީ މެންޗެސްޓާ ސިޓީއާއެކު ކުޅުނު ދުވަސްތަކުގަ އެވެ. ސިޓީގައި ހުރެގެން މިލްނާ ވަނީ ދެ ފަހަރު ޕްރިމިއާ ލީގު އަދި އެއް ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.
ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގަ އާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގައި ކުޅުފައިވާ މިލްނާއަށް އެންމެ ގިނަ ކާމިޔާބީތައް ހޯދިފައިވަނީ ލިވަޕޫލާއެކު އެވެ. ލިވަޕޫލްގައި ހުރެގެން މިލްނާ ވަނީ ޕްރިމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޔޫއެފާ ސުޕަ ކަޕާއި އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް މިލްނާ ވަނީ ލިވަޕޫލާއެކު ކާމިޔާބުކޮށްފަ އެވެ.
ކްލަބް ފެންވަރުގައި ކުޅުންތެރިޔަކަށް ހޯދޭނެ ހުރިހާ ކާމިޔާބީއެއް މިލްނާ ހޯދީ އެތައް އަޑިގުޑަންތަކެއް ވެސް ގިރާ ކުރުމަށްފަހު އެވެ. ބައެއް ކަހަލަ ބަދު ބަސްތައްވެސް މިލްނާގެ ދިގު ކެރިއަރުގައި އޭނާއަށް އަމާޒުވި އެވެ. މިލްނާ ހުރެގެން ޓީމަކަށް ލިބޭނެ ކާމިޔާބެއް ނޯންނާނެއޭ ވެސް ކޯޗަކު ބުނެފައި އެބަ އޮތެވެ. ޕްރިމިއާ ލީގުގައި ކުޅެމުން އަންނަނިކޮށް ދެ ވަނަ ޑިވިޝަންގެ ޓީމަކަށް ބަދަލުވާންވެސް މިލްނާއަށް ޖެހުނެވެ.
އެކަމަކު އެހުރިހާ ކަމެއް މިލްނާ ނެގީ ކާމިޔާބާ ހަމައަށް ވާސިލްވާން ލިބުނު އަގުހުރި ފިލާވަޅުތަކެއްގެ ގޮތުގަ އެވެ. މާޔޫސްވުމުގެ ބަދަލުގައި މިލްނާ ހޯދީ ހިތްވަރެވެ. ނަތީޖާއަކަށްވީ އެތައް ބައެއްގެ އިހްތިރާމް ލިބިފައިވާ ކުޅުންތެރިއަކަށް މިލްނާ ވުމެވެ. އިނގިރޭސި ވިލާތުގައި އެކަންޏެއް ނޫނެވެ. މުޅި ދުނިޔެއަށް ބެލިއަސް އެކަން އޮތީ އެގޮތަށެވެ.
ބްރައިޓަން އާއި ކްރިސްޓަލް ޕެލެސް ކުޅޭ މެޗު ފަށާނީ މިރޭ 7 ޖަހާއިރު އެވެ.