ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް ބޭއްވި ރާއްޖެ ސުޕަ ލީގު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ލ. މާބައިދޫއިން ހޯދައިފި އެވެ.
ރާއްޖޭގެ 8 ރަށަކުން ބައިވެރިވި މި މުބާރާތުގެ ތަށި މާބައިދޫއިން އުފުލާލީ ރޭ ޒުވާނުންގެ މަރުކަޒުގައި ކުޅުނު ފައިނަލް މެޗްގައި ލ. ގަމާ ވާދަކޮށް 2-3 އިން ކުރި ހޯދައިގެންނެވެ.
މުބާރާތުގެ ފައިނަލުން މާބައިދޫ ޖާގަ ހޯދީ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ށ. ފުނަދޫ ބަލިކޮށްގެންނެވެ. ގަމުން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ކ. ހުރާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފުނަދޫ އާއި ހުރާ އަކީ ގްރޫޕް ސްޓޭޖްގައި އެއްވެސް ޓީމެއްގެ އަތުން ބަލި ނުވެ ސެމީއަށް ދަތުރުކުރި ދެ ޓީމެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު ރޭގެ މެޗުގައި ފައިނަލް މެޗަކުން ބެލުންތެރިން ދެކެން ބޭނުންވާނެ ހުރިހާ މަންޒަރެއް ފެނުނެވެ. މެޗު ފެށިގެން ނިމެންދެން ދެޓީމުގެ ކުޅުންތެރިން ދައްކަމުން އައީ އާދަޔާ ހިލާފު ހިތްވަރެކެވެ. ސަޕޯޓަރުންގެ ފޯރި ހަމަ އެހާ ގަދައެވެ. ޝޮޓްތަކާއި، ބްލޮކްތަކުގެ އިތުރުން އެންމެ ރަގަޅު ވަގުތު ބަލާފައި އިދިކޮޅު ޓީމުގެ ކޯޓު ތެރެއަށް އޮއްސާލާ ބޯޅަތައް ވަކިން ހިތްގައިމެވެ. މެޗްގައި ދެޓީމުގެ ސަޕޯޓަރުންނަށް ނޭވާ ހިފަހައްޓާލަން ޖެހުނު އެތައް ހިނދުކޮޅެއްއަ އެވެ. އެއީ ރާއްޖޭގެ އަންހެން ވޮލީގައި މަދުން ނޫނީ ނުފެންނާނެ ވަރުގެ ބަލާހިތްވާކަހަލަ މެޗެކެވެ.

ރާއްޖެ ސުޕަ ލީގުގެ ފައިނަލުގައި ބަލިވި ގަން ޓީމު. 8 ޓީމަކުން ވާދަކުރި މުބާރާތުގައި ވާދަވެރި މެޗުތަކެއް ފެނުނު. ފޮޓޯ: ވީއޭއެމް
ރޭގެ މެޗްގެ ފުރަތަމަ ސެޓްގެ ބޮޑުބައި ލީޑުގައި އޮވެ 21-25 އިން ކާމިޔާބުކުރީ ގަމުންނެވެ. އެކަމަކު ދެވަނަ ސެޓު އެއާ މާބޮޑަށްވެސް ތަފާތުކޮށް 17-25 އިން ކާމިޔާބުކުރީ މާބައިދޫއިންނެވެ. ތިންވަނަ ސެޓް އަނެއްކާވެސް ގެންދިޔައީ ގަމުންނެވެ. މިފަހަރު 20-25 އިންނެވެ. ދެން ފެނުނީ މުޅި މެޗްގައިވެސް އެންމެ ނޭވާ ހިފަހައްޓާލަން ޖެހުނު ސެޓެވެ. ގަމުން ސެޓް ނިންންމަން ފަސް ޕޮއިންޓަށް ގާތްކުރިއިރު މާބައިދޫ އޮތީ ފަސް ޕޮއިންޓް ފަހަތުގައެވެ. އެކަމަކު ދެން ފެނުނީ މާބައިދޫއިން މާ ގަދަ ހިތްވަރެއް ނެރެ ސެޓްގެ ނަތީޖާ އަނބުރާލި ތަނެވެ. ހަތަރު ވަނަ ސެޓް 24-26 އިން މާބައިދޫއިން ގެންދިޔައީ ގަމުން މެޗް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިއްބަ އެވެ. ހަތަރު ވަނަ ސެޓުން މާބައިދޫއަށް ލިބުނު އިތުބާރާއެކު އެޓީމު ދެން ފަހަތް އެނބުރި ބަލައެއް ނުލަ އެވެ. ފަސް ވަނަ ސެޓް ފަށައިގެން އެ ފޯރީގައި ކުޅެ ގަމުގެ މައްޗަށް ކުރި ހޯދީ 10-15 އިންނެވެ.
ރޭ ކުޅުނު ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އާމިނަތު އަރީޝާއަށެވެ. އަރީޝާ ވަނީ މުބާރާތުގެ އެންމެ މޮޅު އައުޓް ސައިޑް އެޓޭކާގެ މަގާމުވެސް ހޯދައިފަ އެވެ. އެމަގާމު ހާސިލްކުރި ދެވަނަ ކުޅުންތެރިޔަކީ ށ. ފުނަދޫގެ އާމިނަތު ޝަހާ ޝާމިން އެވެ. މުބާރާތުގެ މުބާރާތުގެ އެންމެ މޮޅު މިޑްލް ބްލޮކަރުގެ މަގާމު ލިބިފައިވަނީ މާބައިދޫގެ އާމިނަތު މާޔާ ނާޒިމް އަށާއި ގަމުގެ ހައްވާ ނާޒިމާއަށެވެ. އެންމެ މޮޅު ލިބަރޯގެ މަގާމު ހުރާގެ މަލްސާ ފާރޫގަށް ލިބުނުއިރު އެންމެ މޮޅު އޮޕަސިޓް ކުޅުންތެރިޔާގެ މަގާމު ހޯދީ މާބައިދޫގެ ހައްވާ ރާޝިދާ އެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ހުރާގެ އާއިޝަތު ޔުމްނު ޝާހިދަށެވެ. އެންމެ މޮޅު ސެޓަރުގެ މަގާމާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފާތިމަތު ޖޫޒާން ޒަރީރެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ގަމަށް ކުޅުނު ވިފާޑާ ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ކޯޗްގެ މަގާމު ލިބުނީ މާބައިދޫގެ ކޯޗް އަހްމަދު އާދިލަށެވެ.
މުބާރާތުގެ ފައިނަލްގެ ކުރިން އިއްޔެ ހަވީރު ވަނީ ތިންވަނަ ހޮވާ މެޗެއްވެސް ކުޅެފައެވެ. މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވުނީ ހުރާ އެވެ.