ފުރަތަމަ ސަފްޙާ / ޚަބަރު / އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ވެމްކޯ އިން ހޯދައިފި

އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ވެމްކޯ އިން ހޯދައިފި

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 10 ޖޫން 2022

ފުރިހަމަ މޮޅަކާ އެކު ޕޮލިސް ކްލަބް ބަލިކޮށް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅުނު ފައިނަލް މެޗު ވެމްކޯ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މިއީ ކޮވިޑާ ގުޅިގެން މިދިޔަ ދެ އަހަރު މުބާރާތް މެދުކަނޑާލުމަށް ފަހު ބޭއްވި ފުރަތަމަ މުބާރާތެވެ. 2019 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ ވެމްކޯ އިންނެވެ. އެފަހަރު ވެމްކޯ އިން ޕޮލިސް ބަލިކުރީ ތިން ސެޓު އެއް ސެޓުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ސެޓު ވެމްކޯ އިން ގެންދިޔައީ 20-25 އިންނެވެ. ދެ ވަނަ ސެޓުގައި ތަފާތު ބޮޑުކޮށް 25-16 އިން ވެމްކޯ މޮޅުވި އެވެ. އެޓީމުން ޗެމްޕިއަންކަން ކަށަވަރުކުރީ ފަހު ސެޓު 25-12 އިން ކާމިޔާބުކޮށްގެންނެވެ. ރޭގެ މެޗު ފެށިގެން ނިމެންދެން ވެމްކޯ އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސެޓަކަށް ފަހު ސެޓެއްގައި ޕޮލިސް ކްލަބުގެ ފަރާތުން ފެނުނީ އުއްމީދު ފަނޑުވިތަނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެމްކޯ ޓީމަށް ކުޅުނު ތައިލެންޑުގެ ޕަޗަރަޕޯން ސިތިސާދު އެވެ. ހުރިހާ މެޗަކުން މޮޅުވެ ވެމްކޯ އިން ތަށި ހޯދިއިރު އެޓީމުގެ ކޯޗު އާއިޝަތު ނާޒިމާ އަށް ވަނީ އެންމެ މޮޅު ކޯޗުގެ މަގާމް ލިބިފަ އެވެ.

މި ޑިވިޝަނުގެ ޑްރީމް ޓީމުގައި ހިމެނުނީ ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އާއި އާއިޝަތު ޝަހާ ޝާމިން، މަރްޔަމް އަޒުމާ، ވެމްކޯގެ އާމިނަތު އަރީޝާގެ އިތުރުން ޖޫޒާން ޒަރީރު އާއި ހައްވާ ނާޒިމާ އަދި ސިލްމާ ޒާހިރު އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ ނަރީމާ އިދުރީސް (ނަންނި) އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ވެމްކޯގެ ޕަޗަރަޕޯން ހޮވުނުއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެމްކޯ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އާއިޝަތު މާޖިދާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!