ފުރަތަމަ ސަފްޙާ / ޚަބަރު / ސެމެންޔޯއާ އެކު ސިޓީއަށް އާސެނަލް އަތުލެވިދާނެތަ؟
ފަހުމިނެޓް

ސެމެންޔޯއާ އެކު ސިޓީއަށް އާސެނަލް އަތުލެވިދާނެތަ؟

އެޑްމިން
އެޑްމިން
1 މަސް ކުރިން 10 ޖެނުއަރީ 2026

ހުކުރު ދުވަހު ބޯންމައުތުން މެންޗެސްޓާ ސިޓީ އަށް ބަދަލުވި އެންޓޮން ސެމެންޔޯ އަށް މި ސީޒަންގެ ކުރީކޮޅުން ފެށިގެން ސިޓީއިން އައީ ފާރަލަމުންނެވެ. ގާނާ އަށް އުފަން އުމުރުން 26 އަހަރުގެ ސެމެންޔޯ ސިޓީއަށް ގެންނަން އެ ކްލަބުން މަސައްކަތް ފެށި ހިސާބުން ކްލަބްގެ ސަޕޯޓަރުންނާއި، ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއްވެސް ލިބުނެވެ. ސިޓީގެ ކުރިއަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ޖެރެމީ ޑޯކޫ އާއި ރަޔަން ޗާކީ ފަދަ ރަގަޅު ކުޅުންތެރިންތަކެއް މިހާރުވެސް ތިބުމާއެކު އެވެ. ގޯލް ޖެހުމުގައި އިތުރަށް ރަގަޅު ކޮށްލަންޖެހޭ ކަންތައްތަކެއް ހުއްޓަސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރުވަން ސަވީނިއޯވެސް ރަގަޅު ކުޅުމެއް ދައްކަމުން އައުމާއެކުއެވެ. މީގެ އިތުރުން ބެނާޑޯ ސިލްވާ އާއި އޮސްކާ ބޮބް އަންނަނީ އަރިމަތިން ރަގަޅު ކުޅުމެއް ދައްކަމުންނެވެ.

އެކަމަކު މިއިން އެއްވެސް ކުޅުންތެރިއަކަށް ނުކޮށްދެވޭ ކަމެއް ސެމެންޔޯ މި ސީޒަންގައި އަންނަނީ ކުރަމުންނެވެ. އެއީ ގަވައިދުން ގޯލް ޖެހުމެވެ. ސެމެންޔޯ ސިޓީ އަށް އައުމާއެކު އެ ޓީމުގެ އެއް ނަންބަރު ފޯވާޑް އާލިން ހާލަންޑަށް އޮތް ޕްރެޝަރު ކުޑަވާނެ ކަމަށް ބެލެވެ އެވެ.

ސެމެންޔޯ އަކީ މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ވަރުގެ ކުޅުމެއް ދެއްކޭނެ ފެންވަރު ހުރި ކުޅުންތެރިއެކެވެ. ސެމެންޔޯއާ އެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ ރޭހުގައި ސިޓީއިން އާސެނަލްގެ މައްޗަށް ކުރި ހޯދުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބޭނެ އެވެ

ބޯންމައުތުގައި ހޭދަކުރި ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ސެމެންޔޯ އައީ ގޯލް ޖެހުމުގެ ރެކޯޑް އަހަރަކަށްވުރެ އަހަރެއް ރަގަޅުކުރަމުންނެވެ. ފުރަތަމަ ފުލް ސީޒަންގެ ޕްރިމިއާ ލީގުގައި ބޯންމައުތަށް އަށް ގޯލް ކާމިޔާބުކޮށްދިނުމުގެ އިތުރުން ތިން ގޯލް ޖަހަން އެހީތެރިވެދީފައިވާ މިދިޔަ ސީޒަނުގައި ސެމެންޔޯ ވަނީ 11 ގޯލް ޖަހައި އިތުރު ފަސް ގޯލް ޖަހަން މަގުފަހިކޮށްދީފަ އެވެ. މިފަހަރުގެ ސީޒަން ދެބައިވިއިރު ސެމެންޔޯ ވަނީ ލީގުގައި 10 ގޯލް ހަމަކޮށްފަ އެވެ. މިއަދަށްވުރެ އިތުރަށް މިފަހަރުގެ ޕްރިމިއާ ލީގުގައި ލަނޑު ޖަހާފައިވަނީ ހާލަންޑާއި، ބްރެންޑްފޯޑްގެ ފޯވާޑް އިގޯ ތިއާގޯ އެވެ.

ސެމެންޔޯ ބޯންމައުތަށް ގޯލެއް ކާމިޔާބުކޮށްދިނުމަށް ފަހު އުފާފާޅުކުރަނީ. އޭނާ ގެންދަން ލީގުގެ ގިނަ ކްލަބްތަކަކުން ޝައުގުވެރިކަން ފާޅުކުރި

މި ރެކޯޑާއެކު ސެމެންޔޯ ސިޓީއަށް ބަދަލުވުމުގެ މާނައަކީ ހާލަންޑް ފިޔަވައި ޓީމުގައި ހުރި ގޯލް ޖެހުމުގެ ރެކޯޑް އެންމެ ރަގަޅު ކުޅުންތެރިޔަކަށް ސެމެންޔޯ ވުމެވެ. ސިޓީގައި މިވަގުތު އަރިމަތިން އެންމެ ރަގަޅަށް ކުޅެމުން އަންނަ ޗާކީ މިފަހަރުގެ ޕްރިމިއާ ލީގުގައި ހަތް ގޯލް ޖަހަން އެހީތެރިވެދިން ނަމަވެސް އޭނާއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ދެ ގޯލެވެ. ޑޯކޫ ހަތަރު ގޯލް ޖަހަން އެހީތެރިވެދީފައިވާއިރު އޭނާއަށް މިފަހަރުގެ ޕްރިމިއާ ލީގުގައި ކާމިޔާބުކުރެވިފައިވަނީ އެންމެ ގޯލެކެވެ.

މީގެ އިތުރުން ސިޓީގެ ހަމަލާތައް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ބެނާޑޯ ސިލްވާ، އޮމަރް މާމޫޝް، ސަވީނިއޯ އަދި އޮސްކާ ބޮބްއަށް މިފަހަރުގެ ލީގައި އަދި ގޯލެއް ކާމިޔާބުކުރެވޭ ވަރެއް ނުވެ އެވެ.

ހާލަންޑް ނެގުމަށްފަހު ދެން އެންމެ ގިނަ ގޯލް މި ސީޒަންގައި ކާމިޔާބުކޮށްފައިވާ ސިޓީގެ ކުޅުންތެރިއަކީ ފިލް ފޯޑަން އެވެ. އެކަމަކު ފޯޑަންގެ ފަރާތުން މިފަހަކަށް އައިސް އެންމެ ރަގަޅު ކުޅުން ފެންނަމުން ނުދާކަން ފާހަގަކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން ލީގުގައި އެންމެ ފަހުން ސިޓީއިން ކުޅުނު ތިން މެޗްވެސް އެއްވަރުވެ ޓޭބަލްގެ އެއްވަނައިގައި އޮތްއ އާސެނަލްއާ އޮތް ފަރަގު ވަނީ ހަ ޕޮއިންޓަށް ފުޅާވެފަ އެވެ.

ސިޓީއަށް ހާލަންޑް ބަދަލުވުމުގެ ކުރިން އެ ކްލަބަށް ގާޑިއޯލާ ލީގު ތަށި ހޯދައިދިން ހަތަރު ފަހަރުވެސް އެޓީމުގެ އެންމެ ބޮޑު ބާރެއްގެ ގޮތުގައި އޮތީ ޓީމުގައި ގޯލް ޖެހުމުގެ ގާބިލްކަންހުރި ގިނަ ކުޅުންތެރިންތަކެއް ތިބުމެވެ. އެއާއެކު އިދިކޮޅު ޓީމުތަކަށް ސިޓީގެ ގޯލްޖެހުން ހުއްޓުވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދޭންވީ ވަކި ކުޅުންތެރިއަކު ދެނެގަތުން އޭރު އޮތީ އުނދަގޫ ކަމަކަށް ވެފަ އެވެ. ޕްރިމިއާ ލީގުގައި 100 ޕޮއިންޓް ހަމަކޮށްގެން 2018 ވަނަ އަހަރު ސިޓީއިން ލީގު ކާމިޔާބުކުރިއިރު އެ ޓީމުގެ ހަ ކުޅުންތެރިޔަކު ވަނީ އަށް ގޯލަށްވެރު ގިނައިން ކާމިޔާބުކޮށްފައެވެ. ސާޖިއޯ އަގުއޭރޯ އެފަހަރު 21 ގޯލް ކާމިޔާބުކުރިއިރު ރަހީމް ސްޓާލިން ވަނީ 18 ގޯލް ކާމިޔާބުކޮށްފަ އެވެ.

ސިޓީން 2022 ވަނަ އަހަރު ލީގު ކާމިޔާބުކުރީ ސެންޓަ ފޯވާޑެއް ނެތި އެވެ. އެކަމަކު އެފަހަރުވެސް ޓީމުގައި ހިމެނޭ އަށް ކުޅުންތެރިޔަކު ވަނީ މަދުވެގެން ހަތް ގޯލް ކާމިޔާބުކޮށްފަ އެވެ. ހާލަންޑް ސިޓީއާ ގުޅުނީ އޭގެ ފަހުން އައި ސީޒަންގަ އެވެ. އެ ސީޒަންގައި ގޯލްޖެހުމުގެ ބޮޑު ޒިންމާއެއް ހާލަންޑްގެ ބޮލުގައި އެޅުނު ނަމަވެސް އެ ސީޒަންގައިވެސް ސިޓީގެ ހަ ކުޅުންތެރިޔަކު ވަނީ ހަތް ގޯލް މަދުވެގެން ކާމިޔާބުކޮށްފަ އެވެ. ނަތީޖާއަކަށްވީ އެފަހަރުގެ ޕްރިމިއާ ލީގުގެ ތަށިވެސް ސިޓީން އުފުލާލުމެވެ.

މިދިޔަ ސީޒަނަށް އެކަނި ބެލިޔަސް ކުރިން މި ސިފަކުރި މަންޒަރު އޮތީ ވަރަށް ބޮޑަށް ބަދަލުވާން ފަށައިފަ އެވެ. މިދިޔަ ފަހަރު ހަތް ގޯލަށްވުރެ އިތުރަށް ކާމިޔާބުކުރެވިފައިވަނީ ސިޓީގެ އެންމެ ތިން ކުޅުންތެރިންނަށެވެ. މިފަހަރުގެ ސީޒަންގައި އެކަން އަދި މާ ބޮޑަށްވެސް ފެންނަނީ ދަށްކޮށެވެ. އެއާއެކު މި ވަގުތު ސިޓީއަށް އެންމެ ބޮޑަށް ބޭނުންވަނީ ސިޓީގެ އެޓޭކްގައި ގޯލު ޖެހުމުގެ ގާބިލްކަން ހުރި ކުޅުންތެރިޔެކެވެ. މިވަގުތު އެކަމަށް އޮތް ހައްލެއް ކަމަށް ސިޓީއިން ގަބޫލުކުރީ ސެމެންޔޯ ގެނައުމެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!