އުމުރުން 16 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށް އަމާޒުކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރެފްރީން ތަމްރީން ކުރާ ކޯހެއް ކުރިއަށްގެންދަން ނިންމައިފި އެވެ.
ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އެފްއޭއެމުން ހުޅުވާލައިފައިވާއިރު މި ކޯހުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ޖަނަވަރީ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މި ކޯސް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 19 އިން 28 އަށް މާލޭގަ އެވެ.
ދެޖިންސްގެ މީހުންނަށްވެސް ކުރިމަތިލެވޭ ގޮތަށް ފުރުސަތު ހުޅުވާލައިފައިވާ މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އޮންލައިންކޮށް ފުރޭނެ އިންތިޒާމް އެފްއޭމުން ވަނީ ހަމަޖައްސައިފަ އެވެ. އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް މި ކޯހުގައި ބައިވެރިވެވޭނީ ކުއްޖާގެ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ސިޓީއަކާއެކު ފޯމް ހުށަހަޅައިގެންނެވެ.
އެފްއޭމުން ޒުވާން ރެފްރީން އުފެއްދުމަށްޓަކައި ކުރިއަށްގެންދަން ހަމަޖައްސާފައިވާ މި ކޯހުގައި އެންމެ އިސްކޮށް ކިޔަވައިދެއްވާނީ އޭއެފްސީ ރެފްރީންގެ ޑިޕާޓްމަންޓްގައި ވެސް އިސްކޮށް މަސައްކަތްކުރެއްވި މުޙައްމަދު އަމީޒެވެ.
މި ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަކީ ގްރޭޑް 7 އިން ފާސްވެފައިވުމުގެ އިތުރުން އިނގިރޭސި ބަހުން މުއާމަލާތުކުރަންޖެހޭ ފަރާތަކަށް ވާންޖެހެ އެވެ. މީގެ އިތުރުން ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާއިރު އެފަރާތުގެ ޕޮލިސް ރިޕޯޓް ވެސް ހުށަހަޅަންޖެހެ އެވެ.
ރާއްޖޭގައި އަބަދުވެސް ރެފްރީންގެ ޑިމާންޑް ބޮޑުވުމާއެކު މިއީ ޒުވާނުންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ. އަދި، އެފްއޭއެމް އިން މިހާރު ގިނަ މުބާރާތްތަކެއް އިންތިޒާމުކުރަން ފަށާފައިވާއިރު، މުބާރާތްތަކުގައި އިންސާފުކުރުމަށް ރެފްރީން އިތުރަށް ވަނީ ބޭނުންވެފައެވެ.
އެފްއޭއެމުން މިހާރު ފުރަތަމަ ޑިވިޝަނުގެ ލީގު ކުރިއަށްގެންދާއިރު، އެކަޑެމީ ފުޓްބޯޅަ މުބާރާތެއް ވަނީ އިއުލާނުކޮށްފަ އެވެ. އަދި، ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ޑައިމަންޑް ޖުބިލީ ދެ ފުޓްބޯޅަ މުބާރާތް ވެސް މިހާރު ވަނީ ތާވަލުކޮށްފަ އެވެ. އެއީ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުތައް ހިމެނޭ ބައިނަލްއަގްވާމީ މުބާރާތަކާއި 19 އަހަރުން ދަށުގެ ޓީމުތަކަށް އަމާޒުކޮށްފައިވާ މުބާރާތެކެވެ.